އެޗްޑީސީން ޕީޕީއެމްގެ ކެމްޕެއިނަށް ކުރި ޚަރަދުތަކާ ގުޅޭ މައްސަލައިގެ ތަހުގީގު އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފަށައިފިއެވެ.
އެޗްޑީސީގެ ކޮރަޕްޝަނާ ގުޅޭ މައްސަލަތައް ބަލަން ފަށާފައިވާ އިރު ޕީޕީއެމްގެ ކެމްޕެއިންނަށް ކުރި ޚަރަދުތަކާ ގުޅޭ މައްސަލައިގެ ތަހުގީގު ވެސް ފަށާފައިވާ ކަމަށް އޭސީސީގެ މީޑިއާ އޮފިޝަލް ހަސަން މުހައްމަދު ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ސަރުކާރު ނިމެން ދުވަސްކޮޅަކަށް ވެފައިވާ އިރު އެ މަނިކުފާނުގެ ޒައާމަތުގައި އެކި މުއައްސަސާތަކުން ކޮށްފައިވާ ގިނަ އަދަދެއްގެ ކޮރަޕްޝަން ވަނީ ފެންމަތިވެފައެވެ. އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމާއި ހަވާލު ނުވަނީސް މިހާރުއްސުރެ މިވަނީ ތަހުގީގުތައް ފަށާ ލައްޕަން ފަށާފައިވާ ސަފުހާތައް ހުޅުވަން ފަށާފައެވެ.
ކޮރަޕްޝަނާ ގުޅޭ މައްސަލަތަކުގައި ކެމްޕެއިންގ ހަރަކާތްތަކެއްގައި ހޮޅިދަނޑިތަކެއް އެޗްޑީސީގެ ހަރަދުގައި ގަނެފައިވާ މައްސަލަ ވެސް ހިމެނޭ ކަމަށް އޭސީސީން ބުނެއެވެ.
އެޗްޑީސީގެ އިސް ފަރާތަކާއިި ހަވާލާދެއްވާ ރާއްޖެއެމްވީ އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި އެކުންފުނީގެ މާލިއްޔަތުން ޕީޕީއެމްގެ ކެމްޕެއިންގ ހަރަކާތްތަކަށް ބޮޑެތި ހޭދަތަކެއް ކޮށްފައިވެއެވެ. އެ ހަރަދުތައް 30 މިލިއަނަށް ވުރެ އިތުރުވެފައިވާކަން އެނގޭ ކަމަށް ވެސް އޭނާ ބުނެފައިވާ ކަމަށް ވެއެވެ.
އެޗްޑީސީގެ ވެހިކަލްތައް ޕީޕީއެމްގެ އެކި ހަރަކާތްތަކުގައި ބޭނުން ކުރިކަން ގިނަ ބަޔަކަށް ވަނީ ފެނިފައެވެ. އަދި އެފަދަ ހަރަކާތްތަކުގައި ގެންގުޅޭތީ ފޮޓޯ ނަގާ ސޯޝަލް މީޑިއާގައިވެސް އެމައުލޫމާތުތައް އާންމު ރައްޔިތުން ވެސް ދިޔައީ ހާމަކުރަމުންނެވެ.
އެޗްޑީސީގެ ކޮރަޕްޝަނުގެ ބޮޑެތި މައްސަލަތަކެއް ފެންމަތިވެފައިވާއިރު އެކުންފުންޏަށް ވަނީ މާލީ ގޮތުން ދަތިތަކާވެސް ކުރިމަތިވެފައެވެ. ކުންފުނީގެ ހިންގުމަށް ކުރިމަތިވެފައިވާ މާލީ ހާލަތު ހައްލު ކުރުމުގެ ނަމުގައި އެކުންފުނިން ވަނީ އާންމުކޮށް މާކެޓްގައި ލިބެން ހުންނަ އަގަށްވުރެ ކުޑަކޮށް ގޯތި ދޫކުރުމަށްވެސް ނިންމާފައެވެ. އެހެން ނަމަވެސް ކުންފުނީގެ އިސް މުވައްޒަފުންގެ ކަންބޮޑުވުންތަކާ އެކު އެކަން މި ވަގުތަށް ވަނީ ހުއްޓިފައެވެ.