ރައްޔިތުންގެ މަޖިލީހުން އާދިއްތަ ދުވަހު ބާއްވާ ޖަލްސާއަށް މުހިއްމު ގިނަ ކަންތައްތަކެއް އެޖެންޑާ ކޮށްފި އެވެ.
އާދިއްތަ ދުވަހުގެ ޖަލްސާ ފެށުމަށް ހަމަޖެހިފައި ވަނީ މަޖިލީހުގެ ޖަލްސާތައް އާއްމު އުސޫލުން ފަށާގަޑި ކަމަށްވާ ހެނދުނު 09:00 ގައެވެ. މިޖަލްސާއަކީ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިން ވަނަ ދައުރު ނުވަތަ ފަހު ދައުރުގެ ފުރަތަމަ ޖަލްސާއެވެ.
ޖަލްސާގެ އެޖެންޑާގައި، އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުގެ ހުވާ ކުރެއްވުން ބާއްވަންޖެހޭ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ބާއްވާނެ ދުވަސް ކަނޑައެޅުމަށް އެޖެންޑާކޮށްފައި ވެއެވެ.
އާދިއްތަ ދުވަހު ބާޢްވާ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮތީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކޯލިޝަންގައެވެ. އެހެންކަމުން އިންތިހާބީ ރައީސް ސޯލިހު އާއި އިންތިހާބީ ނާއިބު ރައީސް ފައިސަލް ނަސީމް ހުވާ ކުރެއްވުމަށް ބާއްވަންޖެހޭ ރައްޔިތުންގެ މަޖިލިސް ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ބާއްވަން ނިންމާނެ ކަމަށް މިވަނީ ބެލެވިފައެވެ.
އާދިއްތަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވާ އަނެއް މައްސަލައަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކޮށްފައިވާ ހުކުމް ބާތިލު ކުރުމާއި، އދ. ގެ ނިންމުންތައް ތަންފީޒު ކުރުމަށް އިލްތިމާސްކޮށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 142 ވަނަ މާއްދާގެ ދަށުން ހުށަހަޅުއްވާފައިވާ ޤަރާރު އިއްވުމެވެ.
މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް މިދިޔަ އަހަރު ފާސްކޮށްފައިވާ އެންޓި ޑިފެކްޝަން ގާނޫނު އުވާލުމަށް ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ހުށަހަޅުއްވާފައިވާ ބިލު ހިމެނޭއިރު، އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނު އުވާލުމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ހުށަހަޅުއްވާފައިވާ ބިލް ވެސް ހިމެނެއެވެ.
އެބިލްތައް އެޖެންޑާކޮށްފައި ވަނީ ބިލުގެ ފުރަތަމަ ކިޔުން އިއްވުމަށް ފަހު އެ ބިލުގެ އިބްތިދާއީ ބަހުސް ކުރިއަށްގެންދިއުމުގެ ފުރުސަތު ދިނުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 75 ވަނަ މާއްދާގެ (ނ) ގައި ވާގޮތުގެ މަތިން ވޯޓަށް އަހައި، ފެންނަ ކަމަށް ފާސްވެއްޖެ ނަމަ ބަހުސް ކުރިއަށް ގެންދާ ގޮތަށެވެ.