ކުރީގެ މަޝްހޫރު އެކްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާމަނިކުގެ އާ ފިލްމެއް މާދަމާ ފެނިގެން ދާނެ ކަމަށް ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.
މުސްތަފާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާދަމާ އަކީ ރީކޯ މޫސަގެ އާ ފިލްމު ސްކްރީން ތަކުގައި އަޅުވާ ދުވަސް ކަމަށެވެ.
އެމްޑީޕީގެ ޓިކެޓުގައި މަޖިލީހަށް އިންތިޚާބުވި މޫސަ، ޕާޓީގެ ނިންމުންތަކާ ތަކުރާރުކޮށް ޚިލާފުވާތީ އެމްޑީޕީގެ ޑިސިޕްލިނަރީ ކޮމިޓީން ވަނީ މޫސަ ޕާޓީން ވަކިކޮށްފައެވެ.
އޭގެ ފަހުން ޕީޕީއެމަށް ސޮއިކޮށް ރައީސް ޔާމީނާއެކު މަސައްކަތް ކުރެއްވުމަށް ފަހު މޫސަ ވަނީ ރިޔާސީ އިންތިޚާބަށް ފަހު އަނެއްކާވެސް އިދިކޮޅު ފަރާތްތަކަށް ބުރަވާ ގޮތަށް ވާހަކަ ދައްކަވާފައެވެ.
ބުރާސްފަތި ދުވަހު މޫސަ ދެއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ ފާއިތުވެދިޔަ ދުވަސްތަކުގައި މަޖިލިސް ވަރަށް ބޮޑަށް ނިކަމެތި ވެފައިވާ ކަމަށާއި އެކަން ހައްލުކުރުމަށް މަސައްކަތެއް ވެސް ނުކުރެވުނު ކަމަށެވެ. އަދި އެކަން ކުރުމުގެ ގާނޫނީ ހައިސިއްޔަތެއް ލިބިފައިނުވި ނަމަވެސް މިހާރު ވަނީ އެހައިސިއްޔަތު ލިބިފައި ކަމަށް އޭނާ ވިދާޅުވިއެވެ.
މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމަށް ހުށައަޅާފައިވާތީ ނައިބު ރައިސާ މަޖިލިސް ހިންގުން ހަވާލުވެފައިވާ ކަަމަށާއި އާ ރައީސެއް އައި ކަމުގައި ވިޔަސް އެރައީސް އަންނަން ވާއިރަށް މަޖިލީހުގެ ކަންކަން ރަނގަޅު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.