ސްޕެނިޝް ލީގުގައި ރޭ އަމިއްލަ ދަނޑުގައި ރެއާލް ސޮސިއެޑާޑް އަތުން މޮޅުވެ އެތުލެޓިކޯ މެޑްރިޑް ތާވަލްގެ އެއްވަނަ އަށް ޖެހިލައިފިއެވެ. މިމެޗު އެތުލެޓިކޯ އިން ކާމިޔާބުކުރީ 2-0 އިންނެވެ.
މިއީ އެތުލެޓިކޯ އެންމެ ފަހުން ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖު މެޗެއްގައި ބޮރޫޝިއާ ޑޯޓްމަންޑް އަތުން 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ބަލިވުމަށްފަހު އެތުލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނީ އަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.
އެތުލެޓިކޯ އިން މިމެޗަށް ނިކުތީ ޑޯޓްމަންޑް އާ ދެކޮޅަށް ކުޅެ ބަލިވި މެޗުގެ ފުރަތަމަ އެގާރައަށް ބަދަލުތަކެއް ގެނެސްގެންނެވެ. އެގޮތުން، ފެލިއްޕޭ ލުއިސް އާއި ހުއަންފްރާން އަދި ތޯމަސް ޕާޓޭގެ އިތުރުން ތޯމަސް ލެމާގެ ބަދަލުގައި ސްޓެފަން ސަވިޗް އާއި ސަންޓިއާގޯ އަރިއާސް އަދި ރޮޑްރީގެ އިތުރުން އެންހެލް ކޮރެއާ އަށް މިމެޗުގެ ފުރަތަމަ އެގާރައިން ފުރުޞަތުދީފައިވެއެވެ.
އެތުލެޓިކޯގެ ވަންޑަ މެޓްރޮ ޕޮލިޓާނޯގައި ކުޅުނު މިމެޗުގައި އެޓީމުން ކާމިޔާބުކުރި ފުރަތަމަ ލަނޑު، ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައި ޖަހައިދިނީ ޑިއޭގޯ ގޮޑިން އެވެ. މިއީ އެޓީމުގެ އެންހެލް ކޮރެއާ ޖައްސާލި ބޯޅައެއް ސޮސިއެޑާޑްގެ ކުޅުންތެރިންނަށް ދިފާއުނުކުރެވިގެން އުޅެނިކޮށް އޭގެ ފައިދާނަގައި ގޮޑިން ކާމިޔާބުކުރި ގޯލެކެވެ.
އެތުލެޓިކޯ އަށް މިމެޗުން ތިން ޕޮއިންޓް ކަށަވަރުކޮށްދިނީ، މެޗުގެ 60 ވަނަ މިނެޓުގައި ސައުލް ނިގުއޭޒް ތަނަވަސްކުރި ފުރުޞަތަކުން ފެލިއްޕޭ ލުއިސް އެވެ. ބްރެޒިލްގެ ފުލްބެކް ލުއިސް ކުޅެން ނިކުތީ ދެވަނަ ހާފުގެ ކުރީކޮޅު އެތުލެޓިކޯގެ ފްރާންސް ޑިފެންޑަރު ލޫކަސް ހެނާންޑޭޒް އަށް އަނިޔާވުމުން އޭނާގެ ބަދަލުގައެވެ.
މެޗުގެ 67 ވަނަ މިނެޓުގައި އެތުލެޓިކޯގެ ލީޑް ފުޅާކުރުމަށް އެޓީމުގެ ސްޕެއިން ފޯވާޑް ޑިއޭގޯ ކޮސްޓާ އަށް ލިބުނު ފުރުޞަތުގެ ބޭނުންހިފޭގޮތެއްނުވިއެވެ. އޭނާ ފޮނުވާލި ބޯޅަ ސޮސިއެޑާޑްގެ ގޯލްކީޕަރު މިގުއެލް އެންހެލް މޯޔާ ވަނީ މަތަކޮށްފައެވެ.
އޭގެފަހުން، މެޗުގެ އެންމެ ފަހު މިނެޓުގައި އެތުލެޓިކޯގެ ގޮޑިން އަށް ލިބުނު ފުރުޞަތުގައި އޭނާ ފޮނުވާލި ހަމަލާއިގެ ހުރަހަކަށްވީ ވެސް ސޮސިއެޑާޑްގެ ކީޕަރު މޯޔާ އެވެ.
މިމެޗުން މޮޅުވެ އެތުލެޓިކޯ އެއްވަނަ އަށް އެރީ 10 މެޗުން 19 ޕޮއިންޓް ހަމަކޮށްގެންނެވެ. ލީގުގެ ދެ ވަނައިގައި އޮތް ބާސެލޯނާ އަށް 9 މެޗުން 18 ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމު ކުޅޭ މެޗުގައި މިއަދު އަމިއްލަ ދަނޑުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ އެލް ކްލެސިކޯ މެޗުން މޮޅުވެއްޖެނަމަ ބާސާ އަށް އަލުން އެއްވަނަ ލިބޭނެ އެވެ.
ލަލީގާގައި އިއްޔެ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ރަޔޯ ވަޔެކާނޯ އަތުން 1-2 އިން ޖިރޯނާ މޮޅުވިއިރު ސެލްޓާވިގޯ ވަނީ 4-0 އިން އެއިބާ ބަލިކޮށްފައެވެ. ލެގަނޭސް އަތުން 2-0 އިން ލެވަންޓޭ މޮޅުވިއިރު އެތުލެޓިކް ބިލްބާއޯ އާ ވެލެންސިއާ ކުޅުނު މެޗު ނިމުނީ ދެޓީމަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ.