Last Updated: November 26, 19:16
Tuesday, November 26, 2024
ކުޅިވަރު

ސުއަރޭޒްގެ ހެޓްރިކާއެކު ރެއާލް އަތުން ބާސާ އަށް ބޮޑު މޮޅެއް

ސްޕެނިޝް ލީގުގައި މިރޭ ކުޅުނު އެލް ކްލެސިކޯގައި ލުއިސް ސުއަރޭޒް ކާމިޔާބުކުރި ހެޓްރިކާއެކު ރެއާލް މެޑްރިޑް އަތުން ބާސެލޯނާ 5-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެއްޖެއެވެ.

މިއީ އަހަރުތަކަކަށްފަހު ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ލިއޮނަލް މެސީ ނެތި އެލް ކްލެސިކޯގައި މި ދެޓީމު ވާދަކުރި ފުރަތަމަ ފަހަރެވެ. މިދިޔަ ހަފްތާގައި މެސީގެ އަތަށް ލިބުނު އަނިޔާއަކާއި ގުޅިގެން މިމެޗު ކުޅުމުގެ ފުރުޞަތު އޭނާ އަށް ގެއްލުނުއިރު ރޮނާލްޑޯ ވަނީ މި ސީޒަނަށް އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް އަށް ބަދަލުވެފައެވެ.

މިމެޗުން މޮޅުވެ ބާސެލޯނާ ވަނީ 10 މެޗުން 21 ޕޮއިންޓް ހަމަކޮށް އަލުން ތާވަލްގެ އެއްވަނަ އަށް ޖެހިލައިފައެވެ. ދެވަނައިގައި 19 ޕޮއިންޓާއެކު އެތުލެޓިކޯ މެޑްރިޑް އޮތްއިރު ތިންވަނައިގައި އޮތް އެސްޕަންޔޯލް އަށް ލިބިފައިވަނީ 18 ޕޮއިންޓެވެ. 17 ޕޮއިންޓާއެކު ޑިޕޯޓިވޯ އަލަވެސް ހަތަރުވަނައިގައި އޮތްއިރު މިރޭ ބާސާ އަތުން ބަލިވި ރެއާލް އޮތީ ލީގުގެ 9 ވަނައިގައި 14 ޕޮއިންޓާއެކު އެވެ.

ބާސެލޯނާގެ ކޭމްޕް ނޯ ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގެ 11 ވަނަ މިނެޓުގައި ޖޯޑީ އަލްބާ ތަނަވަސްކުރި ފުރުޞަތަކުން ފިލިއްޕޭ ކުޓީނިއޯ ލަނޑުޖަހައި އެޓީމަށް ލީޑް ނަގައިދިނެވެ.

މެޗުގެ 30 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ސުއަރޭޒް ވަނީ ބާސާގެ ލީޑް ފުޅާކޮށްދީފައެވެ. މިއީ ބާސާގެ ސުއަރޭޒަށް ރެއާލްގެ ފްރާންސް ޑިފެންޑަރު ރަފައެލް ވަރާން ފައުލްކުރުމުން ވީއޭއާރްގެ އެހީ ހޯދުމަށްފަހު ރެފްރީ ދިން ޕެނަލްޓީއެކެވެ. މިމެޗުގެ ފުރަތަމަ ހާފު ނިމުނީ 2-0 އިން ބާސާ ކުރީގައިއޮވެގެންނެވެ.

ރެއާލުން ދެވަނަ ހާފު ފެށީ ބަދަލަކާއެކުގައެވެ. އެގޮތުން، އެޓީމުގެ ކޯޗު ހުލެން ލޮޕެޓެގީ ވަނީ ވަރާންގެ ބަދަލުގައި ލޫކަސް ވަޒްކޭޒް ކުޅެން ނެރެފައެވެ. މިހާފު ފެށިގެން ފަސްވަރަކަށް މިނެޓުގެތެރޭގައި ބްރެޒިލްގެ ފުލްބެކް މާސެލޯ ވަނީ ރެއާލަށް މެޗުގެ ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ.

އޭގެފަހުން، ފުލުފުލުގައި ރެއާލްގެ ލޫކާ މޮޑްރިޗް އާއި އިސްކޯ އަށް ވަނީ ލަނޑުޖެހުމަށް ރަނގަޅު ދެ ފުރުޞަތުލިބި ބޭކާރުވެފައެވެ. މޮޑްރިޗް ފޮނުވާލި ބޯޅަ ގޯލްގެ އަރިމަތީދަނޑީގައި ޖެހިފައި ކުޅުމުގެ ތެރެއަށް އައިއިރު އިސްކޯ ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ދަނޑިކައިރިން ބޭރަށެވެ.

ރެއާލަށް ލިބުނު ފުރުޞަތުތަައް ނަގާލުމުން، ސުއަރޭޒް ވަނީ އޭގެ ފައިދާނަގައި މެޗުގެ 75 ވަނަ މިނެޓުގައި އަލުން ބާސާ އަށް ދެލަނޑުގެ ލީޑް ހޯދައިދީފައެވެ. މިއީ އެޓީމުގެ ސާޖީ ރޮބާޓޯ ނަގައިދިން ހުރަހަކުން ލިބުނު ބޯޅައެއް ބޮލުން ފޮނުވާލައިގެން ސުއަރޭޒް ކާމިޔާބުކުރި ގޯލެކެވެ.

މެޗުގެ 83 ވަނަ މިނެޓުގައި ސާޖީ ރޮބާޓޯ ތަނަވަސްކުރި ފުރުޞަތަކުން ސުއަރޭޒްގެ ހެޓްރިކް ފުރިހަމަކުރިއިރު ބާސާގެ ފަސްވަނަ ލަނޑު، މެޗު ނިމެން ތިން މިނެޓަށްވެފައިވަނިކޮށް ޖަހައިދިނީ މިހާފުގައި ކުޅެން ނިކުތް އާތުރޯ ވިޑާލް އެވެ. މިއީ އެޓީމުގެ އޮސްމާނޭ ޑެމްބެލޭ ނަގައިދިން ހުރަހަކުން ލިބުނު ބޯޅައެއް ބޮލުން ފޮނުވާލައިގެން ވިޑާލް ކާމިޔާބުކުރި ގޯލެކެވެ.

މިމެޗުގެ ފަހުކޮޅުގައި ރެއާލްގެ މާސެލޯ އަށް އަނިޔާވެގެން ވަނީ ބަދަލުކޮށްފައެވެ. އޭނާގެ ބަދަލުގައި ކުޅެން ނިކުމެފައިވަނީ މަރިއާނޯ ޑިއާޒް އެވެ.

ބާސާގެ ލީޑް ފުޅާ ކުރުމަށް ސުއަރޭޒަށް ލިބުނު ފުރުޞަތުގެ ބޭނުންނުކުރެވުނުއިރު އޭނާ ފޮނުވާލި ބޯޅަ ރެއާލްގެ ގޯލްކީޕަރު ތިބައުޓް ކޯޓުއާ ވަނީ މަތަކޮށްފައެވެ. މެޗުގެ ނަތީޖާގެ ފަރަގު ކުޑަކުރުމަށް ރެއާލްގެ ކަރީމް ބެންޒެމާ އަށް ލިބުނު ފުރުޞަތުގައި އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ދަނޑިކައިރިން ބޭރަށެވެ.