މަގާމާ ހަވާލުވިތާ 4 މަހަށް ފަހު ރެއާލް މެޑްރިޑްގެ ކޯޗުކަމުން ހުލެން ލޮޕެޓެގީ ވަކިކޮށް، ރެއާލް މެޑްރިޑް އަދި އާޖެންޓީނާގެ ކުރީގެ ކުޅުންތެރިޔާ ސަންޓިއާގޯ ސޮލާރީއާ ވަގުތީގޮތުން ހަވާލުކޮށްފިއެވެ.
މިހާތަނަށް އައިއިރު ޔޫރަޕްގެ އެންމެ މަތީ ލެވެލްގައި ސޮލާރީ ކޯޗުކަން ކޮށްދީފައިނުވީނަމަވެސް އޭނާގެ އިރުޝާދުގެ ދަށުން ރެއާލްގެ ބީ ޓީމު ކުޅުނު 86 މެޗުގެ ތެރެއިން 32 މެޗުން މޮޅުވިއިރު، 25 މެޗުން ބަލިވެފައިވެއެވެ. އަދި ކުޅުނު 29 މެޗުން އެއްވަރުވެފައެވެ.
އުމުރުން 42 އަހަރުގެ ސޮލާރީ ވަނީ ކުޅުންތެރިއެއްގެ ގޮތުން ރެއާލް އާއި އެތުލެޓިކޯ މެޑްރިޑްގެ އިތުރުން އިންޓަ މިލާނަށް ކުޅެފައެވެ. މިޑްފީލްޑް ކޮންމެ މަގާމަކަށްވެސް ކުޅެވޭ ސޮލާރީ ވަނީ ރެއާލަށް ކުޅުނު 208 މެޗުގައި 22 ގޯލް ކާމިޔާބުކޮށް އިތުރު 14 ލަނޑުޖެހުމަށް އެހީތެރިވެދީ އެކްލަބުގައި ހޭދަކުރީ ދުވަސްވަރު ޗެމްޕިއަންސް ލީގުގެ ތަށި އެއްފަހަރު ކާމިޔާބުކޮށް ސްޕެނިޝް ލީގު ތަށި ދެފަހަރު ހޯދާފައެވެ. މީގެއިތުރުން، އޭނާ ވަނީ އާޖެންޓީނާގެ ޤައުމީ ޓީމަށް 11 މެޗު ކުޅެދީފައެވެ.
މިހާރު މަގާމުން ދުރުކޮށްފައިވާ ލޮޕެޓެގީ ވެފައިވަނީ ރެއާލްގެ ރައީސްކަމާއި ފްލޮރެންޓީނޯ ޕެރޭޒް ހަވާލުވެ ހޭދަވީ 16 އަހަރުގެ ތެރޭގައި ވަކިކުރި 13 ވަނަ ކޯޗަށެވެ. މީގެއިތުރުން، އޭނާ އަކީ ޕެރޭޒްގެ ޒައާމަތުގައި އެންމެ ކުރު މުއްދަތެއްގައި މަސައްކަތް ކުރި ކޯޗެވެ.
ލޮޕެޓެގީއަކީ އެޓީމަށް ތިންފަހަރު ޗެމްޕިއަންސް ލީގު ހޯދައިދިން ކޯޗު، ޒައިނުއްދީން ޒިދާންގެ ބަދަލުގައި ޖޫން މަހު ކްލަބާ ހަވާލުވި ކޯޗެކެވެ. ސްޕެއިންގެ ކޯޗު ކަމުގައި ހުރެ ރެއާލްއާއެކު އެއްބަސްވުމަކަށް އައުމުން، ވޯލްޑް ކަޕްގައި ސްޕެއިން ކުޅުމަށް ހަމަޖެހިފައިވާ މެޗު ފެށެން ގާތްގަނޑަކަށް 29 ގަޑިއިރަށް ވެފައިވަނިކޮށް އެޓީމުގެ ކޯޗުގެ މަގާމުން ލޮޕެޓެގީ ވަކިކޮށްފައިވާ އިރު، ވޯލްޑް ކަޕާ ހަމައަށް ސްޕެއިންއާއެކު އޭނާ ހޭދަކުރީ ކާމިޔާބު ދުވަސްތަކެކެވެ.
ރެއާލްއާ ހަވާލުވެ ލޮޕެޓެގީއަށް ކުރިމަތިވީ ބޮޑު ޗެލެންޖެކެވެ. ކްލަބުގައި 9 އަހަރު ހޭދަކުރުމަށްފަހު ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯވެސް މި ސީޒަންގައި ޔުވެންޓަސްއަށް ބަދަލުވެފައިވާ އިރު، އޭނާގެ ބަދަލުގައި އެކްލަބުން ރަނގަޅު ކުޅުންތެރިއެއް ހޯދާފައިނުވާއިރު ޓީމުގައި ހިމެނޭ އުއްމީދީ ކުޅުންތެރިއެއް ކަމަށްވާ ކްރޮއޭޝިއާގެ މަޓެއޯ ކޮވެސިޗް ލޯން އެއްބަސްވުމެއްގެ ދަށުން ޗެލްސީ އަށް ދޫކުރިއިރު އޭނާގެ ބަދަލުގައިވެސް ކުޅުންތެރިއަކު ގެނެސްފައެއްނުވެއެވެ. ރޮނާލްޑޯ ނެތްތަން ފޫބައްދަން އެޓީމުން ގެނައީ ފްރާންސްގެ އޮލިމްޕިކް ލިޔޯނަށް ކުޅެމުންއައި އެކްލަބުގެ ކުރީގެ ކުޅުންތެރިޔާ މަރިއާނޯ ޑިއާޒް އެވެ. މި ބަދަލުތަކާއެކު ރެއާލްއަށް މި ސީޒަންގެ ފެށުން ދިޔައީ ދަށްކޮށެވެ. ލީގާއި ޗެމްޕިއަންސް ލީގުގައިވެސް ރެއާލްގެ ފަރާތުން އެކަށީގެންވާ ކުޅުމެއް ފެނިފައެއް ނުވެއެވެ.
މި ސީޒަނުގައި ރެއާލްގެ ކޯޗުކަމާ ހަވާލުވެ ލޮޕެޓެގީގެ އިރުޝާދުގެ ދަށުން އެ ޓީމު ކުޅުނު 14 މެޗުގެ ތެރެއިން 6 މެޗުން މޮޅުވިއިރު، 6 މެޗުން ވަނީ ބަލިވެފައެވެ. އަދި ދެ މެޗު އެއްވަރުވެގެން ނިމުނުއިރު، އެންމެ ފަހުން ކުޅުނު ހަ މެޗުން ހޯދުނީ އެންމެ މޮޅެކެވެ.
އެގޮތުން، މިހާތަނަށް ލީގުގައި ކުޅުނު 10 މެޗުން ރެއާލްއަށް 14 ޕޮއިންޓް ލިބިފައިވާއިރު އެޓީމު އޮތީ ތާވަލްގެ 9 ވަނައިގައެވެ. މީގެއިތުރުން، މި ސީޒަންގައި ކުޅުނު ފުރަތަމަ އެލް ކްލެސިކޯގައި ރެއާލް އިން ބާސެލޯނާ އަތްދަށުވީ 5-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މިއީ 2015 ވަނަ އަހަރަށް ފަހު ރެއާލް އަތުން ބާސެލޯނާ އިން އެންމެ ތަފާތު ބޮޑުކޮށް މޮޅުވި ކްލެސިކޯ މެޗެވެ. އެ މެޗުގައި ރެއާލްގެ ދަނޑުގައި ބާސާ މޮޅުވީ 4-0 އިންނެވެ. އެ ފަހަރު ރެއާލްގެ ކޯޗަކަށް ހުރި ރަފައެލް ބެނިޓޭޒަށް ވަނީ އޭގެ ދެ މަސް ފަހުން ވަޒީފާ ގެއްލިފައެވެ.
ރިޕޯޓްތައް ބުނާގޮތުން ލޮޕެޓެގީ މަގާމުން ދުރުކުރުމަށް ފަހު ސޮލާރީ އާ ހަވާލުކުރުމުގެ ކުރީން، ރެއާލުން އެ ޓީމުގެ ކޯޗަަކަށް ގެނައުމަށް އެންޓޯނިއޯ ކޮންޓޭ އާއި މައުރީސިއޯ ޕޮޗެޓީނޯގެ އިތުރުން މަސިމިލިއާނޯ އަލެގްރީ އަދި ޖަރުމަންގެ ޒުވާން ކޯޗު ޖޫލިއަން ނަގެލްސްމަން އާ މަޝްވަރާކޮށްފައިވާ ކަމަށެވެ.