އެކިރަށްރަށުގެ މެޖިސްޓްރޭޓް ކޯޓު ތަކަށް 15 ފަނޑިޔާރަކު އައްޔަން ކުރައްވައިފިއެވެ.
ސުޕްރީމް ކޯޓުގައި ހޯމަ ދުވަހުގެރޭ ބޭއްވި ރަސްމިއްޔާތެއްގައި މެޖިސްޓްރޭޓުންގެ މަޤާމަށް އައްޔަން ކުރެއްވި ބޭފުޅުންނަށް ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ދީދީއެވެ. އަދި މެޖިސްޓްރޭޓް ކަމުގެ ފަތްކޮޅު ހަވާލުކޮށް ދެއްވީ އުއްތަމަ ފަނޑިޔާރު ޑރ ޢަބްދުﷲ ދީދީއެވެ.
އޭގެތެރޭގައި ހިމެނެނީ މެޖިސްޓްރޭޓް ކޯޓުގެ 7 މެޖިސްޓްރޭޓުންނާއި މެޖިސްޓްރޭޓް ކޯޓުގެ 8 އިސް މެޖިސްޓްރޭޓުންނެވެ. ހުވާ ކުރައްވައި މަޤާމާ ހަވާލުވި 15 މެޖިސްޓްރޭޓުންގެ ތެރޭގައި ދެ އަންހެން މެޖިސްޓްރޭޓުންވެސް ހިމެނެއެވެ.
މިރަސްމިއްޔާތުގައި ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން އައްޔަން ކުރައްވާފައިވާ މެމްބަރު އަދި އެކޮމިޝަންގެ ނައިބު ރައީސް އިބްރާހީމް ރިޒާ ވާހަކަ ދެއްކެވިއެވެ.
ރިޒާ ވިދާޅުވީ ފަނޑިޔާރުންގެ މަސައްކަތުގައި އެންމެ އިސްކަން ދޭން ޖެހޭނީ ހުށަހެޅޭ މައްސަލަތައް އަވަހަށް ނިންމުމަށް ކަމަށެވެ. އަދި މައްސަލަތައް ނިންމުމުގައި މަތީ ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކަށް ރިއާޔަތް ކުރުން މުހިންމު ކަމަށް ވެސް ރިޒާ ވިދާޅުވި އެވެ.
ފަނޑިޔާރުންނަކީ މުޖްތަމައުގެ ތެރޭގައި ވަރަށް އަބުރުވެރި ގޮތަކަށް އުޅެންޖެހޭ ބައެއް ކަން ފާހަގަ ކުރައްވައި، ރިޒާ ވިދާޅުވީ އާންމު ދިރިއުޅުމުގައި އެ ކަންކަމަށް ވިސްނަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އާންމު ދިރިއުޅުމުގައި އުޅޭ އިރު ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުތަކާ އެއްގޮތަށް އަމަލު ކުރުމަށް ވެސް އޭނާ އިލްތިމާސް ކުރެއްވި އެވެ.