އިޓާލިއަން ސެރިއޭގައި ރޭ ކުޅުނު މެޗުގައި މައުރޯ އިކާޑީ ކާމިޔާބުކުރި ދެލަނޑާއެކު ރަށުން ބޭރުގައި 3-0 އިން ލާޒިއޯ ބަލިކޮށް އިންޓަ މިލާން ދެވަނަ އަށް ޖެހިލައިފިއެވެ.
ލީގުގެ އެއްވަނައިގައި އަދިވެސް އޮތީ 10 މެޗުން 28 ޕޮއިންޓް ހަމަކޮށްގެން ޔުވެންޓަސް އެވެ. އިންޓަ އަށް 10 މެޗުން 22 ޕޮއިންޓް ލިބިފައިވާއިރު ނަޕޯލީ އަށް ވެސް މިއަދަދަށް ޕޮއިންޓް ލިބިފައިވެއެވެ. އިންޓައަށް ކުރި ލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ. ހަތަރުވަނައިގައި އޮތް ލާޒިއޯ އަށް ލިބިފައިވަނީ 10 މެޗުން 18 ޕޮއިންޓެވެ. ފަސްވަނައިގައި އޮތް މިލާނަށް 9 މެޗުން 15 ޕޮއިންޓް ލިބިފައިވެއެވެ.
ލާޒިއޯގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި އިންޓަގެ ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ ވެސް މެޗުގެ ފުރަތަމަ ހާފުގަ އެވެ. ފުރަތަމަ ލަނޑު މެޗުގެ 28 ވަނަ މިނިޓްގައި ކާމިޔާބުކުރީ އިންޓަގެ މަޓިއަސް ވެސީނޯ ތަނަވަސްކުރި ފުރުޞަތަކުން އެޓީމުގެ ކެޕްޓަން މައުރޯ އިކާޑީ އެވެ.
މިމެޗުގެ ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށްވެފައިވަނިކޮށް އިންޓަގެ ދެ ވަނަ ލަނޑު ޖެހީ ކްރޮއޭޝިއާގެ މިޑްފީލްޑަރު މާސެލޯ ބްރޮޒޮވިޗް އެވެ.
ލާޒިއޯ އަށް ލަނޑު ޖަހައިދޭން ރޭގެ މެޗުގައި އެޓީމަށް ކުޅޭ ސާބިއާގެ ހުނަރުވެރި މިޑްފީލްޑަރު ސާގޭ މިލިންކޮވިޗް-ސަވިޗް އަށް ރަނގަޅު ދެ ފުރުޞަތުލިބި ވަނީ ބޭކާރުވެފަ އެވެ.
އިންޓަގެ ފަހު ލަނޑު، މެޗުގެ 70 ވަނަ މިނެޓުގައި ޖަހައިދިނީ ވެސް އިކާޑީ އެވެ. މިއީ އެޓީމުގެ ބޯރްހާ ވަލޭރޯ ދިން ބޯޅައަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ. މިއީ ލީގުގައި އިކާޑީ ކާމިޔާބުކުރި ހަވަނަ ގޯލެވެ.
ލީގުގައި މިހަފްތާގައި ކުޅުނު ފާހަގަކޮށްލެވޭ އެހެން މެޗުތަކަށް ބަލާއިރު، ރޯމާ އާ ނަޕޯލީ ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވިއިރު އޭސީ މިލާން ވަނީ 2-3 އިން ސަމްޕްޑޯރިއާ ބަލިކޮށްފައެވެ.
ނަޕޯލީގެ ސްޓާޑިއޯ ސަން ޕައޮލޯގައި ކުޅުނު މެޗުގެ 14 ވަނަ މިނެޓުގައި ރޯމާގެ ސްޓެފަން އެލް ޝާރަވީ ލީޑްނަގައިދިން ނަމަވެސް މިމެޗުގެ އެންމެ ފަހު މިނެޓުގައި ނަޕޯލީ އަށް ޕޮއިންޓެއް ހޯދައިދިނީ ޑްރީސް މާޓެންސް އެވެ.
އަމިއްލަ ދަނޑުގައި މިލާން ކުޅުނު މެޗުގައި އެޓީމުގެ ޕެޓްރިކް ކުޓްރޯނޭ ކުރިހޯދައި ދީފައިވަނިކޮށް ރިކާޑޯ ސަޕޮނާރާ އާއި ފަބިއޯ ކުއަގްލިއަރެއްލާ ކާމިޔާބުކުރި ދެގޯލުން ސަމްޕްޑޯރިއާ ވަނީ ނަތީޖާ 1-2 އަށް ބަދަލުކޮށްލާފައެވެ. ފުރަތަމަ ހާފު ނިމުމުގެކުރީން، ގޮންޒާލޯ ހިގުއައިން ނަތީޖާ ހަމަހަމަކޮށްދިންއިރު ފަހު ހާފުގައި މިލާން މޮޅުވި ލަނޑުޖަހައިދިނީ ސޫސޯ އެވެ.