ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުން އިސްތިއުފާދެއްވާނެ ކަމަށް ވިދާޅުވެ އަބްދުﷲ މަސީހު އިތުރުފުޅު ހެއްދެވި ކަމަށް މަޖިލީހުގެ ނައިބް ރައީސް މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މޫސަ ވިދާޅުވީ އިއްޔެ ހަވީރުގެ ވަގުތެއްގައި އިސްތިއުފާ ދެއްވާނެ ކަމަށް މަސީހު ވިދާޅުވި ކަމަށެވެ.
ރިޔާސަތުގައި އިންނަވައި މެމްބަރުންނަށް މޫސަ ވިދާޅުވީ "އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވެ މަސީހު ވަނީ އިތުރުފުޅު ހައްދަވާފައި" މިހެންނެވެ.
މޫސަ ވިދާޅުވީ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދަވަނީ މަޖިލީހުގެ ރައީސް މަސީހުގެ ލަފައާ އެއްގޮތަށް ކަމަށެވެ. އެހެން ނަމަވެސް ބައެއް ފަހަރު މަސީހުގެ ފަރާތުން ދަތިތަކާއި ކުރިމަތިވަމުންދާ ކަމަށް މޫސަ ވިދާޅުވިއެވެ.
މަޖިލީހުގެ ރައީސް އަބުދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ 51 މެމްބަރުންގެ ސޮޔާއި އެކު މަޖިލީހަށް ހުށައަޅާފައިވާތީ، މަޖިލީހުގެ މިދައުރުގެ ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓަވަމުން ގެންދަވީ މަޖިލީހުގެ ނައިބު ރައީސް ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކެވެ. މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެވޯޓު ނެގުމުގެ ޖަލްސާ ނޮވެމްބަރު 8 ވަނަ ދުވަހު ބޭއްވުމަށް މަޖިލީހުން މިހާރު ވަނީ ނިންމާފައެވެ.
މިއަދުގެ ޖަލްސާގައި މިކަހަލަ ގިނަ ވާހަކަތަކެއް ދަނީ އަޑުއިވެމުންނެވެ. އެގޮތުން ވިލުފުށި ދާއިރާގެ ރައްޔިތުންނަށް އެ ދާއިރާ ތަމްސީލް ކުރައްވާ މަޖިލިސް މެމްބަރު ރިޔާޒް ރަޝީދު ދެއްވި މެސެޖްވެސް ފާހަގަކޮށްލެވެއެވެ. އޭނާ ވިދާޅުވީ "ވިލުފުށި ދާއިރާގެ ރައްޔިތުންނަށް ދޭން ބޭނުންވާ މެސެޖަކީ، ވިލުފުށި ދާއިރާއަށް ގެނެސްފައި ހުރި ތަރައްގީއަކީ، މިމަޖިލީހުގައި އެބޭފުޅުން އަޅުގަނޑު ބޭންދެވީތީ އަޅުގަނޑު ކުރި މަސައްކަތުން އައިސްހުރި ތަރައްގީއޭ" މިފަދައިންނެވެ.