މަޖިލިސް މެމްބަރުން ޖަލަށް ދިޔުމުގެ ޒިންމާ ނަގަންޖެހޭނީ ފަނޑިޔާރުންނާއި ފުލުހުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު އިބްރާހީމް ދީދީ ވިދާޅުވެއްޖެއެވެ.
މިއަދު ކުރިޔަށްދާ 2018ވަނަ އަހަރުގެ 3 ވަނަ ދައުރުގެ 4 ވަނަ ޖަލްސާގައި ވާހަކަ ދައްކަވަމުން އިބްރާހީމް ދީދީ ވަނީ އެބޭފުޅާއަކަށް މިހާތަނަށް ބިލްތަކަށް ވޯޓުދިނުމަށް ފިއްތަން އިންނަ ބަޓަނަށް ފިއްތުމަށްޓަކާ އެއްވެސް ނުފޫޒެއް ކުރިމަތިވެފައިނުވާ ކަމަށް ވިދާޅުވެފައެވެ. އެހެން ވީއިރު ނިންމުންތައް ނިންމެވުމަށް ފަނޑިޔާރުންނާއި ފުލުހުންނަށް ނުފޫޒު ފޯރުވާ ވާހަކައަކީ ހެއްވާ ވާހަކަތަކެއް ކަމަށް ވެސް އިބްރާހީމް ދީދީ ވިދާޅުވިއެވެ.
ބަޔަކު ނުފޫޒު ފޯރުވާ ކަމަށްވާ ނަމަ ފުލުހުން އެ ފަރާތްތަކަށް ނުފޫޒު ފޯރުވާކަމަށް ވިދާޅުނުވަނީ ކީއްވެތޯ އަދި ފަނޑިޔާރުން އެ ވާހަކަ ނުދައްކަވަނީ ކީއްވެގެންތޯ އިބްރާހީމް ދީދީ ވަނީ ސުވާލު ކުރައްވާފައެވެ.
ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލެން ޖެހޭނެ ކަމަށް ގަބޫލު ކުރައްވާ ކަމުގައި އިބްރާހީމް ދީދީ ވަނީ ހަރުއަޑުން ވިދާޅުވެފައެވެ.
މަޖިލިސް މެމްބަރުންގެ ތެރެއިން ޖަލުގައި ހޭދަކުރެއްވި ބޭފުޅުން ޖަލަށް ލެއްވުމުގައި ނުވަތަ ގޮނޑި ގެއްލުވާލުމުގައި ސަރުކާރު ނުވަތަ ރައީސް ޔާމީންގެ އެއްވެސް ރޯލެއް ނުވާކަމަށް ދޭހަވާ އިބާރާތުން ވާހަކަ ދައްކަވާ އިބްރާހީމް ދީދީ ވަނީ އެކަމުގައި ޒިންމާ ނަންގަވަންޖެހޭނެ ފަރާތްތަކަކީ ފުލުހުންނާއި ފަނޑިޔާރުން ކަމަށް ވިދާޅުވެފައެވެ.