Last Updated: November 24, 23:51
Sunday, November 24, 2024
ކޮލަމް

ގަން އެއާޕޯޓް ތަރައްގީ ބިލާހެއްބާ؟

ކޮންމެ އިންތިޙާބެއް ކައިރިވަމުން އަންނަ އިރު އައްޑޫ ރައްޔިތުންގެ ލޮލުގައި ގިނަ ކެންޑިޑޭޓް އަންނަނީ އަނދުން އަޅުވަމުންނެވެ. ހާއްސަކޮށް އައްޑޫ އެއަޕޯޓަކީ އެ މީހުންގެ އެންމެ މޮޅު "ސިޔާސީ އަނދުނަކަށް" ހަދަ އެވެ.

ރާއްޖޭން ބޭރަށް އައްޑޫ އެއަރޕޯޓުން ދެވެންވާނެ ކަމަށާއި ތިމަންނަގެ ވެރިކަމެއްގައި އެކަންތައްތައް ކޮށްދެއްވާނެ ކަމަށެވެ. ނަމަވެސް ވެރިކަން ލިބި އެ ހޫނު ގޮނޑީގެ އިޙްސާސް ވުމުން މީހާގެ ރާގު ބަދަލުވެ އެވެ. މިއީ ވޭތުވެ ދިޔަ ދުވަސްތަކުގައި އައްޑޫ ރައްޔިތުންނާ ކުރިމަތިވެފައިވާ ކަންތައްތަކެވެ.

އައްޑޫ ސިޓީއަކީ މާލެ ފިޔަވައި ރާއްޖޭގެ އެންމެ އާބާދީ ބޮޑު އަތޮޅެވެ. ރާއްޖޭން ބޭރަށް ދާންޖެހުނަސް މިހާރުވެސް އެތައް ތަކުލީފެއް އުފުލަން ޖެހެ އެވެ.
އައްޑޫ އެއާޕޯޓަކީ ރާއްޖޭގައި އެންމެ ފުރަތަމަ އެއަޕޯޓޭ ދެންނެވުމަކީ ދޮގަކަށް ނުވާނެ އެވެ. ސަބަބުތައް ބައިވަރެވެ. އިނގިރޭސިން އައްޑޫގައި ތިބި އިރު އެ މީހުންގެ ބޮޑެތި ބޯޓުފަހަރު މި އެއަޕޯޓުގައި ބޭނުން ކުރި އެވެ. އޭރު ވެސް އެމީހުންގެ މަންޒިލްތަކަށް ދާން އެއްވެސް އުނދަގޫ ކަމެއް އެމީހުންނަކަށް ވީހެނެއް ހީއެއް ނުވެ އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވަނީ އައްޑޫ އެއަޕޯޓް ބައިނަލްއަޤްވާމީ އޮޕަރޭޝަންތައް ހިންގޭ ފެންވަރުގެ އިމާރާތެއް ހަދާ ގަން އިންޓަނޭޝަނަލް އެއަރޕޯޓުގެ ނަމަށް ބަދަކުރައްވާ ފައެވެ.

އެގޭ ފަހުން ތިން އަހަރު ވެރިކަން ކުރެއްވި ރައީސް މުހައްމަދު ނަޝީދު ވަނީ އެއަޕޯޓްގެ ވީއައިޕީ ޓާމިނަލް އާއި ބަނދަރު ހަދާފައެވެ. ހަމަ އެއާއި އެކު ރައީސް ވަޙީދުގެ ވެރިކަމުގައި އެއަޕޯޓް ބައިނަލްއަޤްވާމީ އޮޕަރޭޝަންތައް ހިންގާނެ ކަމަށްވަނީ ވިދާޅުވެފައެވެ. ނަމަވެސް މިހާރު އަޅުގަނޑުމެންނަށް އިވެމުންދަނީ އައްޑޫ އެއަރ\ޕޯޓްގެ މުޅިން އެހެން ވާހަކައެކެވެ. ދިވެހި ގައުމީ އެއަލައިނުން ކަންބޮޑުވުން ފާޅުކުރާ މަންޒަރެވެ.

ގައުމީ އެއާލައިން މޯލްޑިވިއަން އިން ކަންބޮޑުވުން ފާޅުކުރި ނަމަވެސް މިހާރުގެ ސަރުކާރުން މިކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ރައްޔިތުންނާއި ހިއްސާއެއް ނުކުރެއެވެ. މިކަމުގެ ސަބަބުން އައްޑޫ ރައްޔިތުން ވަނީ އަނެއްކާ ވެސް ހަމަ އެހުވަފެން ބެލުމަށް ނިދަން ޖެހިފަ އެވެ.

ކިތަންމެ ބޮޑު އިމާރާތެއް ހުއްޓަސް އަދި އެތާނގެ ބޯޑު ބަދަލު ކުރިޔަސް އަދި ފުދުނީކީ ނޫނެވެ. އެ އިމާރާތް ވާން ޖެހޭނީ އެއިން ރައްޔިތުންނަށް ފައިދާ އާއި މަންފާ ލިބޭނެ ތަނަކަށެވެ.