އަންނަ ހޮނިހިރު ދުވަހު މެލޭޝިއާއާ ދެކޮޅަށް އެ ގައުމުގައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު ކުޅޭ އެކުވެރިކަމުގެ މެޗަށް ނެގި ސްކޮޑުގައި، ޓީސީ ސްޕޯޓްސް އަށް ކުޅޭ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ހިމެނުނުއިރު ފަހަކަށް އައިސް ކްލަބް އީގަލްސް ގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ހަސަން ރާއިފް އަހުމަދު (ހަންނަ) އަކަށް ޖާގަ އެއް ނުލިބުނެވެ.
މިފަހަރުގެ ސްކޮޑުން ޖާގަ ނުލިބުނު ފާޙަގަކޮށްލެވޭ ކުޅުންތެރިންގެ ތެރޭގައި މިސީޒަނުގައި މިހާތަނަށް 35 ގޯލް ޖަހައިގެން އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިންގެ ލިސްޓުގެ އެންމެ ކުރީގައި އުޅޭ އިތުބާރު ފޯވާޑް އަލީ އަޝްފާގްގެ އިތުރުން އޭނާ އާއި އެކު ޓީސީ ގައި ކުޅެމުންދާ މުހައްމަދު ސާމިރު އާއި އިޝާން އިބްރާހިމް (ސައްޓު) ހިމެނެއެވެ. ނަމަވެސް، އެންމެފަހުން ބޭއްވީ ސާފް ޗެމްޕިއަންޝިޕްގެ ސްކޮޑުން ޖާގަ ނުލިބުނު އީގަލްސްގެ ފޯވާޑް އަހުމަދު ރިޒުވާން (ރިޒޭ) އަށް މިފަހަރު ފުރުސަތު ދީފައިވެއެވެ.
މިއީ ގައުމީ ޓީމުގެ ކޯޗުކަމާ ކްރޮއޭޝިއާގެ ޕީޓަ ސެގާޓް ހަވާލުވި ފަހުން ރިޒޭ އަށް ފުރުސަތު ދިން ފުރަތަމަ ފަހަރެވެ. ރިޒޭގެ އިތުރުން މި ފަހަރު ނެގި 20 ކުޅުންތެރިންގެ ސްކޮޑުން ވަނީ އީގަލްސް ގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ މުހައްމަދު ނާއިމް އާއި ގްރީން ސްޓްރީޓްސްގެ އަބްދުﷲ ޔާމީން އަށް ފުރުސަތު ދީފަ އެވެ. މި ދެ ކުޅުންތެރިންނަކީ ނިމިދިޔަ ސާފް ސުޒުކީ ކަޕްގެ ފައިނަލް ސްކޮޑުން ބާކީވި ދެ ކުޅުންތެރިންނެވެ.
ރިޒޭ ވަނީ މި ފަހަރުގެ ދިރާގު ދިވެހި ލީގުގައި ޖެހިޖެހިގެން ފަސް މެޗުގައި ހެޓްރިކް ހަދައި ދުނިޔޭގެ ރެކޯޑަކާ ވެސް ހަމަކޮށްފައެވެ. ރިޒޭގެ ހެޓްރިކްގެ ސިލްސިލާ އަށް ނިމުމެއް އައީ އީގަލްސް އިން މާޒިޔާއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އެކަމަކު އޭގެ ފަހުން ކުޅުނު މެޗުގައި ގްރީން ސްޓްރީޓްސް ކޮޅަށް ހަތަރު ލަނޑު ޖަހައި ރިޒޭ މި ވަނީ ހަތް މެޗުން 20 ގޯލު ޖަހައިފަ އެވެ. މުޅި ސީޒަނުގައި އޭނާ ވަނީ މިހާތަނަށް 27 ލަނޑު ޖަހައިފަ އެވެ. ރިޒޭ އަށް އަލުން ގައުމީ ޓީމުން ފުރުސަތު މި ލިބުނީ އަހަރެއްހާ ދުވަސް ފަހުންނެވެ.
ސާފް މުބާރާތް ކާމިޔާބުކުރި ސްކޮޑުގައި ހިމެނުނު ކުޅުންތެރިންގެ ތެރެއިން މި ފަހަރު ބާކީވީ މިވަގުތު އަނިޔާގައި ހުރި މާޒިޔާގެ ޑިފެންޑަރު މުޖުތާޒް މުހައްމަދު (މުޖޭ) އާއި ނިއު ރޭޑިއަންޓްގެ ރިހާމް އަބްދުލް ގަނީ (ބޮބީ) އަދި ކީޕަރު ހަަސަން ތޮލާލް (ޓޮޕްލަކް) އެވެ.
މެލޭޝިއާ މެޗަށް ނެގި ގައުމީ ސްކޮޑު:
މާޒިޔާ: އަސަދުﷲ އަބްދުﷲ، މުހައްމަދު އިރުފާން (އިރޭ)، ހުސެއިން ޝަރީފް، އަހުމަދު އިމާޒް (އާއްކޮ)، ނާއިޒު ހަސަން (ދާދު)، ސަމޫހު އަލީ (ސަމުއްޓެ)؛
ޓީސީ ސްޕޯޓްސް ކްލަބް: އިބްރާހިމް ވަހީދު ހަސަން (އިއްބެ)، އިބްރާހިމް މަހުދީ (ފޭދޫ އިއްބެ)؛
ކްލަބް އީގަލްސް: ހުސެއިން ޝިފާއު (ކުރޯ)، އަހުމަދު ނޫމާން (ހެލްމެޓް)، މުހައްމަދު ނާއިމް، މުހައްމަދު އާރިފް (ބަކާ)، އަހުމަދު ރިޒުވާން (ރިޒޭ)؛
ނިއު ރޭޑިއަންޓް: ހަމްޒާ މުހައްމަދު (ހަމްޕު)، މުހައްމަދު ފައިސަލް، އަލީ ފާސިރު (ސެންޓޭ)، އަކުރަމް އަބްދުލް ގަނީ (އަކޫ)؛
ކްލަބް ގްރީން ސްޓްރީޓްސް: ސަމްދޫހު މުހައްމަދު، އަބްދުﷲ ޔާމީން؛
ވިކްޓަރީ: ހުސެއިން ނިހާން (ނިހާޓް).