ސްޕެނިޝް ލީގުގައި މިމަހުގެ 20 ވަނަ ދުވަހު ބާސެލޯނާ އާ ސެވިއްޔާ ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފުގައި އަނިޔާވެގެން ބަދަލުކުރި އެޓީމުގެ ކެޕްޓަން ލިއޮނަލް މެސީ އަށް ލީގުގައި ކުރިއަށް އޮތް ރާޔޯ ވަޔެކާނޯ އާ ދެކޮޅަށް ކުޅޭ މެޗުގައި ކުޅެވޭނެއެވެ.
އަތުގެ ކަށިކޮޅެއް ބިނދިގެން މަދުވެގެން ތިން ހަފްތާއަށް ކުޅުމާ ދުރުގައި ހުންނާނެކަމަށް ކުރީން ބެލެވުނު ނަމަވެސް ހީކުރި މުއްދަތަށްވުރެ އަވަހަށް އަނިޔާއިން އެނބުރިއައިސް މެސީ މިވަނީ މިއަދު ބޭއްވި ޓީމުގެ ފަރިތަކުރުންތަކުގައި އެހެން ކުޅުންތެރިންނާއި ވަކީން ބައިވެރިވެފައެވެ.
ބާސެލޯނާ އެންމެ ފަހުން ކުޅުނު ދެމެޗުގައި އަނިޔާގެ ސަބަބުން މެސީ ކުޅެފައިނުވީނަމަވެސް އެޓީމު ވަނީ އެދެމެޗުންވެސް ފަސޭހަކަމާއެކު މޮޅުވެފައެވެ. ޔުއެފާ ޗެމްޕިއަންސް ލީގުގައި އިންޓަ މިލާނާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު މެޗު 2-0 އިން ކާމިޔާބުކުރިއިރު ލީގުގައި ވާދަވެރި ރެއާލް މެޑްރިޑް އަތުން އެޓީމު މޮޅުވީ 5-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
ލީގުގައި މިހާތަނަށް ކޮންމެ ޓީމެއް 10 މެޗު ކުޅުނުއިރު އަދިވެސް ތާވަލްގެ އެއްވަނައިގައި އުޅެނީ 21 ޕޮއިންޓާއެކު ބާސާ އެވެ. ދެވަނައިގައި 20 ޕޮއިންޓާއެކު ޑިޕޯޓިވޯ އަލަވެސް އޮތްއިރު ތިންވަނައިގައި އޮތް ސެވިއްޔާގެ އިތުރުން ހަތަރުވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް ލިބިފައިވަނީ 19 ޕޮއިންޓެވެ. ވާދަވެރި ރެއާލް އޮތީ 14 ޕޮއިންޓާއެކު 9 ވަނައިގައެވެ.
ބާސާ އަށް ކުރިއަށްދެން އޮތީ ކޮޕާ ޑެލް ރޭ ގައި ރަށުން ބޭރުގައި ކަލްޗަރަލް ލިއޮނޭސާ އާ ދެކޮޅަށް މިރޭ ކުޅޭ މެޗެވެ. މިމެޗަށް އެޓީމުގެ ކޯޗު އާނެސްޓޯ ވަލްވާޑޭ ނެގި ސްކޮޑުގައި މެސީ ހިމަނާފައިނުވީނަމަވެސް ލީގުގައި އަންނަ ހޮނިހިރު ދުވަހު ރަށުން ބޭރުގައި ވަޔެކާނޯ އާ ދެކޮޅަށް ކުޅޭ މެޗުގެ ސްކޮޑުގައި ހިމެނުމުގެ ފުރުޞަތު ބޮޑުކަމަށް ފަހުގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ.