ދިވެހިރާއްޖޭގެ ވެރިކަން ބަދަލުވެފައި ވަނީ ރައްޔިތުންގެ ބޮޑު އަޤްލަބިއްޔަތަކުން ކަމަަށް ފޭދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމްދީދީ (އައިބީ) ވިދާޅުވެއްޖެއެވެ.
އައިބީ މިހެން ވިދާޅުވެފައި ވަނީ އޮކްޓޯބަރު 30 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދިފާޢުގައި އެންމެ ޖޯޝާއި ފޯރީގައި ވާހަކަ ދައްކަވަމުން ގެންދެވި އައިބީގެ ވާހަކަފުޅުގައި ވަނީ މި ދައުރުގައި ކޮށްފައި ކުރި ވައްކަމެއް އޮތިއްޔާ އެކަން ބެލުމަށް ވަޒީރުން މަޖިލީހަށް ހާޒިރު ކުރުމަށް ވެސް ގޮވާލާފައެވެ.
"އެ ބޭފުޅުން ގޮވަމުންދިޔައީ ވައްކަމާއި، ފަސާދަ އާއި، އަނިޔާއޭ. އެއަށް ނޫނެކޭ ބުނެއްފައި މި އޮތީ. އޯކޭ. އެހެންވީމާ، މިއަދު އެ ކަންތައްތައް
ބަލަންވީނޫންތޯ" އައިބީ ވިދާޅުވިއެވެ.
މަޖިލީހަށް ވަޒީރުން ހާޒިރުކުރުމަށް ޕީޕީއެމުން ހުރަސް ނާޅާނެ ކަން ފާހަގަކުރައްވައި އައިބީ ވިދާޅުވީ، އެބޭފުޅާ ނިސްބަތްވެވަޑައިގަންނަވާ ހުރިހާ ކޮމިޓީއެއްގައި ވަޒީރުން ހާޒިރުކުރުމަށް ތާއީދުކުރައްވާނެ ކަމަށެވެ. އެހެން ނަމަވެސް އެކަން ކުރަން އިދިކޮޅު ފަރާތްތަކަށް ނުކުރޭނެ ކަމަށާއި ސަބަބަކީ "ކޮށްފައި އޮތްކަމެއް ފެންނަން ނެތުން" ކަމަށެވެ.
"މި ދައުރުގައި ކޮށްފައި ކުރި ވައްކަމެއް އޮތިއްޔާ މިހާރުންސުރެ މަޖިލީހަށް އެ ބޭފުޅުން ހާޒިރުކުރައްވާފައި ޖަވާބުދާރީކުރުވަންވީ. އެހެންނަމަވެސް، ނުގެންނާނޭ. ނުކެރޭނޭ ގެންނާކަށް. ނުކެރޭނޭ ގެންނާކަށް. އެއީ ނޯންނާނެ ކޮށްފައި އޮތް ކަމެއް ފެންނާކަށް" އައިބީ ވިދާޅުވިއެވެ.
މީގެ އިތުރުން އައިބީ ވަނީ އިދިކޮޅު ފަރާތްތަކުން ގޮވަމުން ދިޔައީ "ވައްކަމާއި، ފަސާދަ އާއި، އަނިޔާއޭ" ކަމަށް ވެފައި އެކަންތަކަށް ރައްޔިތުން ނޫނެކޭ ބުނެފައިވާތީ އެކަންތައް ބަލަން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ.
އެގޮތުން ޚާއްސަ ގޮތެއްގައި ރައްޔިތުންގެ މަޖިިލިސް "ރަނގަޅަށް އޮޑިޓެއް ކޮށްލަން" ޖެހޭ ކަމަށް ވެސް އައިބީ ވަނީ ވިދާޅުވެފައެވެ.