ރެއާލް މެޑްރިޑްގެ ވަގުތީ ކޯޗު ސަންޓިއާގޯ ސޮލާރީ، އެޓީމާއި ހަވާލުވި ފަހުން ކުޅުނު ފުރަތަމަ މެޗުގައި 4-0 ގެ ނަތީޖާއަކުން މެލީޔާ އަތުން ވަނީ މޮޅުވެފައެވެ.
ސްޕެނިޝް ކޮޕާ ޑެލް ރޭ ގައި އެގައުމުގައި ތިންވަނަ ޑިވިޝަނުގައި ކުޅެމުންދާ މެލީޔާ އާ ދެކޮޅަށް ކުޅުނު ފުރަތަމަ ލެގުގައި ރެއާލްގެ ލަނޑުތައް ޖަހައިދިނީ ކަރީމް ބެންޒެމާ އާއި މާކޯ އަސެންސިއޯގެ އިތުރުން އަލްވާރޯ އޮޑްރިއޮޒޯލާ އަދި ކްރިސްޓޯ ގޮންޒާލެޒް އެވެ.
ރެއާލުން މިމެޗަށް ނިކުތީ ލީގުގައި އެންމެ ފަހުން ބާސެލޯނާ އާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ އެގާރަަ އަށް ބަދަލުތަކެއް ގެނެސްގެންނެވެ. އެގޮތުން، ކުރީ މެޗުގައި ކުޅުނު ކުޅުންތެރިންގެ ތެރެއިން މިމެޗުގެ ފުރަތަމަ އެގާރައިގައި ހިމެނިފައިވަނީ ކެޕްޓަން ސާޖިއޯ ރާމޯސް އާއި ކަރީމް ބެންޒެމާ އެވެ. މިމެޗުގައި އެޓީމުގެ ގޯލް ބެލެހެއްޓީ ކޭލޯ ނަވާސް އެވެ.
މެލީޔާގެ ދަނޑުގައި ކުޅުނު މިމެޗުގެ 28 ވަނަ މިނެޓުގައި ރެއާލަށް ލީޑް ނަގައިދިނީ ބެންޒެމާ އެވެ. މިއީ އެޓީމުގެ އޮޑްރިއޮޒޯލާ ތަނަވަސްކުރި ފުރުޞަތަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ.
މެޗުގެ ފުރަތަމަ ހާފުގެ އިތުރުވަގުތުގައި ބްރެޒިލްގެ ޒުވާން ކުޅުންތެރިޔާ ވިނީޝިއަސް ޖޫނިއަރ ދިން ބޯޅައަކުން ރެއާލްގެ ދެވަނަ ލަނޑު ޖަހައިދިނީ އަސެންސިއޯ އެވެ.
މެޗު ނިމެން 11 މިނެޓަށްވެފައިވަނިކޮށް، ރެއާލްގެ ތިންވަނަ ލަނޑުޖަހައިދިނީ ވިނީޝިއަސް އަށް ލިބުނު ފުރުޞަތެއްގައި އޭނާ ފޮނުވާލި ބޯޅަ ހުރަސްދަނޑީގައި ޖެހިފައި ނިކުތް ވަގުތު ގޯލްގެ ތެރެއަށް ފޮނުވާލައިގެން އޮޑްރިއޮޒޯލާ އެވެ.
އޭގެފަހުން، މެޗުގެ އިތުރުވަގުތުގެ ދެވަނަ މިނެޓުގައި ރެއާލްގެ ފަހު ލަނޑުޖަހައިދިނީ ދެވަނަ ހާފުގައި ކުޅެން ނިކުތް ކްރިސްޓޯ އެވެ.
ސޮލާރީގެ އިރުޝާދުގެ ދަށުން ރެއާލް ކުޅޭ ދެވަނަ މެޗުގައި އަންނަ ހޮނިހިރު ދުވަހު ސްޕެނިޝް ލީގުގައި ރެއާލް ވަލަޑޮލިޑާ ދެކޮޅަށް ކުޅުމަށް ފަހު އަންނަ ހަފްތާގައި އެޓީމު ނުކުންނާނީ ޗެމްޕިއަންސް ލީގުގައި ވިކްޓޯރިއާ ޕްލެޒެންއާ ދެކޮޅަށެެވެ.
މިމުބާރާތުގައި ރޭ ކުޅުނު މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ އަށް ތިންވަނަ ޑިވިޝަނުގައި ކުޅޭ ކަލްޗަރަލް ލިއޮނޭސާ އަތުން މޮޅުވެވުނީ ހަމަކިރިޔާ އެވެ. ރަށުން ބޭރުގައި ކުޅުނު މިމެޗުގައި ބާސާގެ ހަމައެކަނި ލަނޑު، މެޗުގެ އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގައި އޮސްމާނޭ ޑެމްބެލޭ ނަގައިދިން ހިލޭޖެހުމަކުން ކާމިޔާބުކުރީ ކްލެމެންޓް ލެންގްލޭ އެވެ. މިމެޗުގެ އިތުރުވަގުތުގެ ތިންވަނަ މިނެޓުގައި ލިއޮނޭސާގެ ސާޖިއޯ މާކޯސް އަށް ވަނީ ދެވަނަ ރީނދޫ ކާޑަކާއެކު ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލައިފައެވެ.