ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް މައްސަލާގައި ޖަވާބު ދާރީވުމަށް އެމަނިކުފާނަށް 30 މިނެޓުގެ ވަގުތެއް ދިނުމަށް މަޖިލީހުގެ އާންމު ކޮމިޓީ އިން ނިންމައިފި އެވެ.
އާންމު ކޮމިޓީ އިން ބުދަ ދުވަހު ބޭއްވި ބައްދަލުވުމުގައި ނިންމާފައި ވަނީ މަސީހު އިތުބާރު ނެތް ކަމަށް މިދިއަ އަހަރު ޖުލައި މަހުގެ ތެރޭގައި ހުށަހަޅާފައިވާ މައްސަލައިގެ ސައްހަކަން މިހާރު ކަށަވަރު ވެފައިވާތީ، އެމައްސަލައަށް ކުރިއަށް ގެންދެވިދާނެ ކަމަށެވެ. އާންމު ކޮމެޓީން ނިންމާފައިވަނީ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި މެމްބަރުން ދެ ގަޑިއިރުގެ ބަހުސް ކުރުމަށެވެ. ކޮމެޓީން ފާސްކޮށްފައި ވަނީ އޭގެ ތެރެއިން ޖަވާބު ދާރީވުމަށް މަސީހަށް 30 މިނެޓު ލިބިވަޑައިގަންނަވާ ގޮތަށެވެ.
މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ އާންމު ކޮމެޓީގައި ކުރިއަށްދިޔައިރު، އެކޮމެޓީގައި ސަރުކާރު ހިންގާ ޕީޕީއެމަށް ނިސްބަތްވާ މެމްބަރުން ވެސް ހިމެނެ އެވެ. އަދި އެކޮމެޓީގެ މުގައްރިރަކީ ވެސް ޕީޕީއެމްގެ ތަރުޖަމާނު އަދި ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް އެވެ.
މަސީހުގެ އިތުބާރު ނެތް ކަމަށް 43 މެންބަރުން ސޮއިކޮށް މަޖިލީހުގެ އިދާރާއަށް ހުށަހަޅާފައިވާ އެ މައްސަލަ ދެން މަޖިލީހުގައި އެންމެ އަވަހަށް ބާއްވާ ޖަލްސާގައި ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާ ނިންމަވާ ލައްވަމުން ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް މޫސާމަނިކު ވަނީ ބުރާސްފަތި ދުވަހުގެ ރޭ 20:00 ގައި މަޖިލީހުގެ ޖަލްސާއެއް ބޭއްވޭނެކަން އިއުލާން ކުރައްވާފަ އެވެ.