ޕީއެމް ފިޔަވާ ދެންހުރި ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ކަނޑައެޅި ފައިސާ އިލެކްޝަންސް ކޮމިޝަނުން ދީފިއެވެ.
އެހެން ޕާޓީތަކަށް ފައިސާ ދީފައި ޕީޕީއެމަށް ފައިސާ ދީފައިނުވަނީ އެޕާޓީގެ އަސްލާމެދު އުފެދިފައިވާ މައްސަލަ ކޯޓުގައި އޮތުމާއި ގުޅިގެން ކަމަށް އިލެކްޝަނުން ބުނެއެވެ.
އިލެކްޝަނުން އެންމެ ބޮޑު އަދަދެއް މިއަދު ދޫކޮށްފައި ވަނީ އެމްޑީޕީއަށެވެ. އެމްޑީޕީއަށް މިއަދު 5.6 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ. އެޕާޓިއަށް ދައުލަތުގެ ބަޖެޓުން 7.4 މިލިއަން ރުފިޔާ ދޭން ޖެހެއެވެ. މީގެ ކުރިން 1.8 މިލިއަން ރުފިޔާ އެޕާޓީއަށް ދޫކޮށްފައިވެއެވެ.
ޖޭޕީއަށް މިއަހަރުގެ ބަޖެޓުން 2.5 މިލިއަން ރުފިޔާ ދޭން ޖެހޭއިރު، ބާކީ ނުދެވިހުރި 1.93 މިލިއަން ރުފިޔާ މިއަދު ވަނީ ދޫކޮށްފައެވެ. އެމްޑީއޭއަށް 1.99 މިލިއަން ރުފިޔާ މިއަދު ދޫކޮށްފައިވެއެވެ. އެޕާޓީއަށް މިއަހަރުގެ ދައުލަތުގެ ބަޖެޓުން 2.6 މިލިއަން ރުފިޔާ ދޭން ޖެހެއެވެ.
މިއަހަރު ދައުލަތުގެ ބަޖެޓުން އެންމެ ބޮޑު ފައިސާއެއް ދޫކުރަން ޖެހެނީ ޕީޕީއެމަށެވެ. ޕީޕީއެމަށް ޖުމްލަ 11.53 މިލިއަން ރުފިޔާ ދޫކުރަން ޖެހޭއިރު، ޕީޕީއެމަށް ދޫކުރަން ޖެހޭ 8.68 މިލިއަން ރުފިޔާ ބާކީ ދޫނުކޮށް ވަނީ ހިފަހައްޓާފައެވެ. އެޕާޓީއަށް މެއި މަހުގެ ތެރޭގައި 2.85 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ.