ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އަމާޒުކޮށް ހެދި، ފްލޯ ކްރޮސް ކުރުމުން ނުވަތަ ޕާޓީން ވަކިވުމުން މަޖިލިސް މެމްބަރުކަން ގެއްލޭ ގޮތަށް އޮންނަ އެންޓި-ޑިފެކްޝަން ގާނޫނު އުވާލަން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަޣުލަބިއްޔަތަކުން މިރޭ ފާސްކޮށްފި އެވެ.
މިގޮތަށް ފާސްކޮށްފައިވަނީ މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ 2018ވަނަ އަހަރުގެ 3ވަނަ ދައުރުގެ 6 ވަނަ ޖަލްސާއަށް ހާޒިރުވެވަޑައިގެން ތިއްބެވި 74 މެމްބަރުންގެ ތެރެއިން 37 މެމްބަރުންގެ ވޯޓުންނެވެ. ބިލް ފާސްކުރަން ނުފެންނަ ކަމަށް 17 މެމްބަރަކު ވަނީ ވޯޓް ދެއްވާފައެވެ.
އެންޓި-ޑިފެކްޝަން ގާނޫނު އުވާލުމަށް މަޖިލީހަށް ހުށަހެޅުއްވީ ޕީޕީއެމްގެ ޕީޖީ ނައިބު ލީޑަރު އަދި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދެވެ. ރިޔާޒު ހުށަހެޅުއްވި ގޮތަށް ގާނޫނު އުވާލުމަށް ކޮމެޓީންވަނީ ނިންމާފައެވެ.
އިދިކޮޅު މެމްބަރުން ގަބޫލު ކުރެއްވި ގޮތުގައި، އެންޓި ޑިފެކްޝަން ގާނޫނެއް މަޖިލީހުން ފާސް ކުރީ ވަކި މެމްބަރުންތަކަކަށް އަމާޒުކޮށް އެ މެމްބަރުންގެ ގޮނޑި ގެއްލުވާލުމުގެ ނުބައި ނިޔަތެއް އޮވެގެންނެވެ. އެކަމަކު، ޕީޕީއެމްގެ ބައެއް މެމްބަރުން ވިދާޅުވީ އެންޓި ޑިފެކްޝަން ގާނުނު އުވާލަން ތާއީދު ނުކުރައްވާ ކަމަށެވެ.
ހަތް މެމްބަރުންގެ ވަގުތީ ރިޕޯޓަށް ބަހުސް ކުރައްވަމުން ވިލިމާލެ ދާއިރާގެ މެމްބަރު، ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ވިދާޅުވީ ޕީޕީއެމުން 2013 ގެ ރިޔާސީ އިންތިހާބަށް ކުރިމަތިލިއިރު، މެނިފެސްޓޯގައި މަޖިލީހަކީ ނަޒާހަތްތެރި މަޖިލީހެއްގެ ގޮތުގައި ހަދަން ވައުދުވި ކަމަށެވެ. އަދި އެންޓި ޑިފެކްޝަން ގާނޫނު އުވާލުމަށް ތާއީދު ނުކުރައްވާ ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.
ފްލޯކްރޮސް ކުރުމުން ނުވަތަ ޕާޓީން ވަކުކުރުމުން މަޖިލިސް މެމްބަރުކަމުގެ ގޮނޑި ގެއްލޭގޮތަށް ގާނޫނެއް ފާސްކުރީ ޕީޕީއެމްގެ މަޖިލިސް މެމްބަރުންގެ ތެރެއިން މެމްބަރުންތަކެއް ރައީސް ޔާމީންގެ ސިޔާސީ ވިސްނުމާއި ދެކޮޅަށް މަސައްކަތް ކުރަން ފެށުމުންނެވެ.
އެއާއިއެކު ޕީޕީއެމުން 12 މެމްބަރަކު ވަކިކޮށް އެ މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަން ކޮމިޝަން މެދުވެރިކޮށްވަނީ ކަނޑައަޅާފައެވެ. ނަމަވެސް އެ 12 މެމްބަރުންގެ ތެރެއިން އެއްވެސް މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ސްޕްރީމް ކޯޓުން މިހާރުވަނީ ނިންމާފައެވެ.
އިދިކޮޅު މެމްބަރުން ވިދާޅުވާހެން 12 ބޮކިވެސް ވަނީ މިހާރު ދިއްލިފައެވެ.