އިނގިރޭސި ލީގު ކަޕްގައި ރޭ ކުޅުނު މެޗުގައި ފުލަމް އަތުން އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ 2-0 އިން މޮޅުވެ މިމުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކުރިއިރު އެޓީމުގެ ކެވިން ޑި ބްރައިނާ އަށް އަނިޔާވެއްޖެއެވެ.
ސިޓީގެ އެތިހާދު ސްޓޭޑިއަމްގައި ކުޅުނު މިމެޗުގެ 18 ވަނަ މިނެޓުގައި އެޓީމަށް ލީޑް ނަގައިދިނީ ޒުވާން ކުޅުންތެރިޔާ ބްރާހިމް ޑިއާޒް އެވެ.
މިމެޗުގެ ފުރަތަމަ ހާފުގައި ފިލް ފޯޑެން އާއި ގެބްރިއަލް ޖެސޫސް އަށް ސިޓީގެ ލީޑް ފުޅާކުރުމަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފޭގޮތެއްނުވިއެވެ. މިހާފު ނިމުނީ 1-0 އިން ސިޓީ ކުރީގައިއޮވެގެންނެވެ.
މެޗުގެ 65 ވަނަ މިނެޓުގައި ސިޓީގެ ދެވަނަ ލަނޑު ޖަހައިދިނީ ވެސް ބްރާހިމް ޑިއާޒް އެވެ. މިއީ އެޓީމުގެ ބްރެޒިލް ފޯވާޑް ޖެސޫސް ފޮނުވާލި ހަމަލާއެއް ގޯލްގެ ދަނޑީގައި ޖެހިފައި ނިކުތް ވަގުތު އޭނާ ކާމިޔާބުކުރި ގޯލެކެވެ.
މިމެޗު ނިމެން ހަތަރު މިނެޓަށްވެފައިވަނިކޮށް ސިޓީގެ ޑި ބްރައިނާ އަށް ލިބުނު އަނިޔާއަކާއި ގުޅިގެން ވަނީ ބަދަލުކޮށްފައެވެ. އޭނާގެ ބަދަލުގައި ކުޅެން ނިކުތީ އުމުރުން 18 އަހަރުގެ ކްލައުޑިއޯ ގޯމޭސް އެވެ.
މިމެޗަށްފަހު ވާހަކަ ދައްކަމުން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ ހުރިހާ ކުޅުންތެރިން ވެސް ރަނގަޅަށް ކުޅުނު ކަމަށާއި ބްރާހިމް އާއި ފިލްގެ ފަރާތުން ފެނުނު ކުޅުމާއި މެދު ހިތްހަމަޖެހޭކަމަށެވެ. އޭނާ އިތުރަށް ބުނީ މިމެޗުން މޮޅުވުން ހައްޤުކަމަށެވެ. މީގެއިތުރުން، ލަނޑު ޖެހުމަށް ގިނަ ފުރުޞަތުތަކެއް ތަނަވަސްކުރެވުނުއިރު އިދިކޮޅު ޓީމުގެ ފަރާތުން ގިނަ ފުރުޞަތުތަކެއް ތަނަވަސްކުރިޔަނުދިމުން އެކަމާއިވެސް ހިތްހަމަޖެހޭކަމަށެވެ.
މިމުބާރާތުގެ ކުއާޓާ ފައިނަލްގައި ސިޓީ ބައްދަލުކުރާނީ މި ނޮވެންބަރު މަހުގެ 27 ވަނަ ދުވަހު ލެސްޓަރ ސިޓީ އާ ސައުތުހެމްޕްޓަން ކުޅެގެން މޮޅުވާ ޓީމަކާ އެވެ. ސިޓީ އަށް ދެން ކުރިއަށް އޮތީ ޕްރިމިއާ ލީގުގައި އަންނަ އާދިއްތަ ދުވަހު ސައުތުހެމްޕްޓަން އާ ދެކޮޅަށް ކުޅޭ މެޗެވެ. މިމެޗު ކުޅެވޭނީ ސިޓީގެ އެތިހާދު ސްޓޭޑިއަމްގައެވެ.