Last Updated: February 13, 21:46
Thursday, February 13, 2025
ޚަބަރު

ޝެއިޚް އިމްރާން، އަބްދުﷲ ގެ އާއިލާއާ ބައްދަލުކުރައްވައިފި

މޭޑޭ މުޒާހަރާއަށް ފަހު ހައްޔަރުކޮށް ޖަލު ހުކުމް ތަންފީޒު ކުރަމުން ގެންދަނިކޮށް ކުއްލި ގޮތަކަށް ނިޔާވި ގ. ކީމާ، އަބްދުﷲ ރަޝީދުގެ އާއިލާއާއި އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ ބައްދަލުކުރައްވައިފިއެވެ.

ޓެރަރިޒަމްގެ ކުށް ސާބިތުވެ ޚުދު އެމަނިކުފާނުވެސް ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް އިއްޔެ ސުޕްރީމް ކޯޓުން ޝެއިޚް އިމްރާން މިނިވަން ކޮށްފައިވާއިރު އެމަނިކުފާނު ވަނީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ ގައިދީންނާ ދޭތެރޭ އިހާނެތިކޮށް ކަން ކުރަމުން އަންނަ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ޖަލު ހުކުމް މިނިވަންވުމާއެކު ޝެއިޚް އިމްރާން އަބްދުﷲ ގެ އާއިލާއާ ބައްދަލުކުރައްވާފައިވާއިރު މިއީ އެމަނިކުފާނު މިނިވަންވުމަށް ފަހު ބޭއްވި ފުރަތަމަ ބައްދަލުކުރުމެވެ. ނަމަވެސް ޝެއިޚް އިމްރާން ވަނީ އިއްޔެ ރައީސް ނަޝީދު ރާއްޖެ ވަޑައިގެންނެވުމުން އެމަނިކުފާނާ ބައްދަލުކުރުމަށް އާޓިފިޝަލް ބީޗަށް ވަޑައިގެންފައެވެ.

އަބްދުﷲ ރަޝީދު ނިޔާވެފައިވަނީ ގިނަ ދުވަސްތަކެއް ވަންދެން ސިއްހީ ހާލު ދެރަވެ ޚާއްސަ ފަރުވާއަށް އެދެމުން ދަނިކޮށެވެ. އައިޖީއެމް ހޮސްޕިޓަލަށް ގެންދިއުމަށް ފަހު އެހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް އަބްދުﷲ ނިޔާވީ މިދިޔަ އަހަރުގެ އޮކްޓޯބަރު 10 ވަނަ ދުވަހުގައެވެ.