ނިމިގެންދިޔަ ރިޔާސީ އިންތިހާބުގެ ކަންކަން ދިޔައީ ރަނގަޅަށް ނޫން ކަމަށް ބުނެ ބަޔާން ދިނުމަށް އިލެކްޝަންސް ކޮމިޝަނުގެ ބައެއް މުވައްޒަފުންގެ ކިބައިން އަދިވެސް ބައެއް ފަރާތްތަކުން އަދޭސް ކުރަމުންދާ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފު ވިދާޅުވެއްޖެއެވެ.
ޝަރީފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިބްރާހިމް މުހައްމަދު ސޯލިހް އިންތިހާބު ކާމިޔާބުކޮށް ރައީސް އަބްދުﷲ ޔާމިން އިންތިހާބުން ބަލިވީ ވެސް އިލެކްޝަންސް ކޮމިޝަނުން ކުރި މަސައްކަތަކުން ނޫން ކަމަށެވެ.
Baeh faraithakun inthikhab ga masahkai kuri baeh muaafun inthikhaab ranganlhu noon kamah bayaan dhinumah aadheys kuramun dhaakamuge mauloomaathu eba libey. R ibu ah kaamiyaab vee EC kameh kohdheegeneh noon. Adhi R Yameen ah naakaamiyaab vee kee ves EC vaki kameh kohgeneh noon
— Ahmed Shareef (@ShareefRangondi) November 2, 2018
އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާ ވާދަކުރައްވައި ރައީސް އަބްދުﷲ ޔާމީން ބޮޑު ތަފާތަކުން ނާކާމިޔާބުވި ރިޔާސީ އިންތިޚާބުގެ ނަތީޖާ ގަބޫލުފުޅު ކުރައްވާކަން އިއުލާން ކުރެއްވުމަށް ފަހު ވަކި ހިސާބަކުން އެ އިންތިޚާބު ބާތިލް ކޮށްދިނުމަށް އެދިވަޑައިގެން އެމަނިކުފާނު ސުޕްރީމް ކޯޓަށް ވެސް ހުށަހެޅުއްވި އެވެ.
ސުޕްރީމް ކޯޓަށް އެ މައްސަލަ ހުށަހެޅުމަށްޓަކައި އީސީގެ މުވައްޒަފުންނާއި ވޯޓް ކަރުދާސް ޗާޕްކުރި އެމްސެވަންގެ މުވައްޒަފުން ކޯޓުގައި ހެކިބަސް ދިނުމަށް ޝަރުތުކޮށް ބޮޑެތި އަދަދުތަކުން ފައިސާ ހުށަހެޅި މައްސަލަ އޭރު ފެންމަތިވި އެވެ.
ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމިނަށް ލިބިވަޑައިގަތީ 96052 ވޯޓެވެ. އަދި އިބްރާހިމް މުހައްމަދު ސޯލިހް އިންތިހާބު ކާމިޔާބު ކުރެއްވީ 134705 ވޯޓު ހޯދައްވައިގެންނެވެ. އަދި އެ ބޭފުޅުންގެ ވޯޓުގެ ތަފާތަކީ 38653 ވޯޓު ކަމަށްވާއިރު މަކަރުހަދައިގެން ވޯޓު އޮޅުވާލަފައިވާ އެންމެ ވޯޓު ކަރުދާހެއް ވެސް މިހާތަނަށް ދެއްކިފައެއް ނުވެއެވެ.