އައްޑޫ ސިޓީއަށް ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވުމުގެ ސަބަބުން ގެއްލުން ލިބުނު ގެތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ރައީސް ޔާމީންގެ ސަރުކާރަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ގޮވާލައްވައިފިއެވެ.
އައްޑޫއަށް ކުރަމުންދާ ވިއްސާރައިގައި މިހާތަނަށް 80 އަށް ވުރެ ގިނަ ގެއަށް ފެންގަނޑު ވަނުމުގެ ސަބަބުން ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައެވެ. ގެއްލުން ލިބުނު ގެތަކުގެ އަދަދު އެއަށްވުރެ މަތިވާނެ ކަމަށް ބެލެވެއެވެ.
އައްޑޫގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިފައިވާތީ އެކަމާއި ކަންބޮޑުވުން ފާޅުކުރައްވައި ރޮޒެއިނާ ކުރެއްވި ޓްވީޓްގައި ވިދާޅުވީ، އައްޑޫގެ ރައްޔިތުން ދަނީ ވަރަށް ބޮޑު ތަކްލީފުތައް އުފުލަމުން ކަމަށެވެ.
އެހެންވެ ސަރުކާރުން ޚާއްސަ ސަމާލުކަމެއް ދީގެން އައްޑޫގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮވާލާ ކަމަށް ރޮޒެއިނާ ވަނީ ވިދާޅުވެފައެވެ.