އިޓާލިއަން ސެރިއޭގައި ރޭ ކުޅުނު މެޗުގައި އަމިއްލަ ދަނޑުގައި ކަލިއާރީ ބަލިކޮށް ޔުވެންޓަސް އިން ތާވަލްގެ އެންމެ ކުރީގައި އެޓީމަށް ލިބިފައި އޮތް ލީޑް ދަމަހައްޓައިފިއެވެ. ޔުވެންޓަސް އިން މިމެޗު ކާމިޔާބުކުރީ 1-3 އިންނެވެ.
މިއީ ލީގުގައި ޔުވެންޓަސް ކުޅުނު 11 މެޗުގެ ތެރެއިން މޮޅުވި 10 ވަނަ މެޗެވެ. މިމެޗުން ހޯދީ ތިން ޕޮއިންޓާއެކު ޔުވެންޓަސް އަށް 31 ޕޮއިންޓް ލިބިފައިވާއިރު ދެވަނައިގައި އޮތް އިންޓަ މިލާނާއި ތިންވަނައިގައި އޮތް ނަޕޯލީ އަށް ލިބިފައިވަނީ 25 ޕޮއިންޓެވެ. އިންޓަ އަށް ކުރި ލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ.
ޔުވެންޓަސްގެ އެލިއާންޒް ސްޓޭޑިއަމްގައި ކަލިއާރީ އާ ދެކޮޅަށް ކުޅުނު މެޗު ފަށައިގެން 44 ވަރަކަށް ސިކުންތުގެ ތެރޭގައި އެޓީމަށް ލީޑް ނަގައިދިނީ އާޖެންޓީނާގެ ފޯވާޑް ޕައޮލޯ ޑިބާލާ އެވެ. މިއީ އެޓީމުގެ އުރުގުއޭ މިޑްފީލްޑަރު ރޮޑްރީގޯ ބެންޓަންކޫރް ތަނަވަސްކުރި ފުރުޞަތަކުން ޑިބާލާ ކާމިޔާބުކުރި ގޯލެކެވެ.
މެޗުގެ 36 ވަނަ މިނެޓުގައި ކަލިއާރީ އަށް ނަތީޖާ ހަމަހަމަކޮށްދިނީ ޔައޯ ޕެޑްރޯ އެވެ. މިއީ އެޓީމަށް ކުޅޭ ކްރޮއޭޝިއާގެ ތަޖުރިބާކާރު ޑިފެންޑަރު ޑާރިއޯ ސާނާ ނަގައިދިން ހުރަހަކުން ޕެޑްރޯ ކާމިޔާބުކުރި ގޯލެކެވެ.
އޭގެ ދެ މިނެޓުފަހުން ކަލިއާރީގެ ފިލިޕް ބްރަޑާރިޗް އަތުން ބައިކޮޅަށް ވަން ގޯލަކުން ޔުވެންޓަސް އަށް ވަނީ އަލުން ލީޑް ލިބިފައެެވެ.
އޭގެފަހުން، މެޗުގެ ފުރަތަމަ ހާފު ނިމެންދަނިކޮށް ޔުވެންޓަސްގެ ލީޑް ފުޅާކުރުމަށް ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ވަނީ ރަނުގެ ފުރުޞަތެއްލިބިފައެވެ. އެޓީމުގެ ބްރެޒިލް ވިންގާ ޑަގްލަސް ކޮސްޓާ ދިން ބޯޅައަކުން ރޮނާލްޑޯ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލްގެ ދަނޑިއަށެވެ.
މިމެޗުގައި ޔުވެންޓަސް އިން ކާމިޔާބުކުރި ތިންވަނަ ލަނޑު، މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނެޓަށްވެފައިވަނިކޮށް ޖަހައިދިނީ ހުއާން ކުއަޑްރާޑޯ އެވެ. މިއީ ރޮނާލްޑޯ ތަނަވަސްކުރި ފުރުޞަތަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ.
މިމުބާރާތުގައި އިއްޔެ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، އަމިއްލަ ދަނޑުގައި ޖެނޯއާ އަތުން 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން އިންޓަ މޮޅުވިއިރު ނަޕޯލީ ވަނީ 1-5 އިން އެމްޕޯލީ ބަލިކޮށްފައެވެ. ފިއޮރެންޓީނާ އާއި އޭއެސް ރޯމާ ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.
އިންޓަގެ ސެންސީރޯގައި ކުޅުނު މެޗުގައި ޖެނޯއާ ކޮޅަށް އިންޓަ ޖެހި ފަސް ގޯލްގެ ތެރެއިން ދެލަނޑު ކާމިޔާބުކުރީ ރޮބާޓޯ ގަލިއާޑިނީ އެވެ. އިންޓަގެ އަނެއް ލަނޑުތައް ޖަހައިދިނީ މަޓެއޯ ޕޮލިޓާނޯ އާއި ޔާއޯ މާރިއޯ އަދި ރަޖާ ނައިންގޮލަން އެވެ.
ލީގުގައި ހުކުރު ދުވަހުގެ ރޭ ނަޕޯލީ އާ އެމްޕޯލީ ބައްދަލުކުރި މެޗުގައި އެޓީމުގެ ޑްރީސް މާޓެންސް ހެޓްރިކް ހެދިއިރު އަނެއް ދެލަނޑުޖަހައިދިނީ ލޮރެންޒޯ އިންސީނިއޭ އާއި އާކަޑިއުޝް މިލިކް އެވެ. އެމްޕޯލީގެ ހަމައެކަނީ ލަނޑު ކާމިޔާބުކުރީ ފްރާންޗެސްކޯ ކަޕޫޓޯ އެވެ.