ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުގައި ފަހު ވަގުތު ކާމިޔާބުކުރި ލަނޑުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވެއްޖެއެވެ.
ރަށުން ބޭރުގައި ރަޔޯ ވަޔެކާނޯ އަތުން 3-2 އިން ބާސާ މޮޅުވިއިރު އަމިއްލަ ދަނޑުގައި ރެއާލް ވަލަޑޮލިޑް އަތުން ރެއާލް މޮޅުވީ 2-0 އިންނެވެ.
މި މޮޅާއެކު ބާސާ މިހާރު އޮތީ 24 ޕޮއިންޓާ އެކު ލީގުގެ އެއްވަނައިގައެވެ. ދެވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް 20 ޕޮއިންޓް ލިބިފައިވާއިރު ތިންވަނައިގައި އޮތް ޑިޕޯޓިވޯ އަލަވެސް އަށް ވެސް މިއަދަދަށް ޕޮއިންޓް ލިބިފައިވެއެވެ. ފައިދާގޯލްގެ ތަފާތުން އެތުލެޓިކޯ މިވަގުތު ކުރީގައިއޮތްނަމަވެސް އަލަވެސް އަށް ކުރިއަށް އޮތް މެޗުން ތިން ޕޮއިންޓް ލިބިއްޖެނަމަ އެޓީމަށް ދެވަނަ އަށް އެރޭނެއެވެ. ރެއާލް އޮތީ ތާވަލްގެ ހަވަނައިގައެވެ. އެއީ ކުޅުނު 11 މެޗުން 17 ޕޮއިންޓް ހަމަކޮށްގެންނެވެ.
އެސްޓާޑިއޯ ޑެ ވަޔެކާސްގައި ކުޅުނު މެޗު ފެށިގެން 11 ވަނަ މިނެޓުގައި ސްޕެއިނުގެ ފުލްބެކް ޖޯޑީ އަލްބާ ތަނަވަސްކުރި ފުރުޞަތަކުން ލުއިސް ސުއަރޭޒް ވަނީ ބާސާ އަށް ލީޑް ނަގައިދީފައެވެ.
މިމެޗުގެ ފުރަތަމަ ހާފު ނިމެން 10 މިނެޓަށްވެފައިވަނިކޮށް ހޯސޭ ޕޯޒޯގެ ލަނޑުން ރަޔޯ އިން އެއްވަރުކުރިއިރު ދެވަނަ ހާފު ފެށިގެން 12 ވަރަކަށް މިނެޓުގެތެރޭގައި ރައުލް ޑެ ތޯމަސް ބޮލުން ފޮނުވާލި ބޯޅައެއް ގޯލްގެ ހުރަސްދަނޑީގައި ޖެހިފައި ނިކުތް ވަގުތު އަލްވާރޯ ގާސިއާ އަށް ލިބުމުން އޭނާ ވައްދާލި ލަނޑާއެކު ފުރަތަމަ ފަހަރަށް ލީޑް ނަގައި ރަޔޯ ވަނީ ބާސާ ސިއްސުވާލައިފައެވެ.
އޭގެފަހުން، ނަތީޖާ ހަމަހަމަކުރުމަށް ބާސާ އަށް ލިބުނު ފުރުޞަތުތަކުގެ ތެރެއިން މެޗުގެ 87 ވަނަ މިނެޓުގައި އެޓީމަށް އެއްވަރުކޮށްދިނީ އޮސްމާނޭ ޑެމްބެލޭ އެވެ. މިއީ އެޓީމުގެ ޑިފެންޑަރު ޖެރަޑް ޕީކޭ ބޮލުން ޖައްސާލި ޕާހަކުން ޑެމްބެލޭ ކާމިޔާބުކުރި ގޯލެކެވެ.
މެޗުގެ އެންމެ ފަހު މިނެޓުގައި، ބާސާ އަށް މިމެޗުން ތިން ޕޮއިންޓް ކަށަވަރުކޮށްދިނީ ލީގުގައި އެޓީމު އެންމެ ފަހުން ރެއާލް އާ ދެކޮޅަށް ކުޅުނު އެލް ކްލެސިކޯ މެޗުގައި ހެޓްރިކްހެދި ސުއަރޭޒް އެވެ. މިއީ ލީގުގައި އޭނާ ކާމިޔާބުކުރި 9 ވަނަ ގޯލެވެ.
މިމުބާރާތުގައި ރޭ އަމިއްލަ ދަނޑުގައި ރެއާލްގެ ވަގުތީ ކޯޗު ސަންޓިއާގޯ ސޮލާރީގެ އިރުޝާދުގެ ދަށުން އެޓީމު ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ވަލަޑޮލިޑް އަތުން މޮޅުވިއިރު ދެލަނޑުވެސް ފެނިގެންދިޔައީ ދެވަނަ ހާފުގެ އެންމެ ފަހުވަގުތުކޮޅުގައެވެ. މިއީ ލީގުގައި އެޓީމު އެންމެ ފަހުން ކުޅުނު ހަމެޗުގެ ތެރެއިން މޮޅުވި ފުރަތަމަ މެޗެވެ.
ރެއާލްގެ ފުރަތަމަ ލަނޑު، މެޗުގެ 83 ވަނަ މިނެޓުގައި ބްރެޒިލްގެ ޒުވާން ކުޅުންތެރިޔާ ވިނީޝިއަސް ޖޫނިއާ ކާމިޔާބުކުރިއިރު އޭގެ ފަސް މިނެޓުފަހުން ރެއާލްގެ ކަރީމް ބެންޒެމާ އަށް ވަލަޑޮލިޑްގެ ފެނާންޑޯ ކަލޭރޯ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ ވައްދާލައިގެން އެޓީމުގެ ކެޕްޓަން ސާޖިއޯ ރާމޯސް ވަނީ ނަތީޖާ 2-0 އަށް ބަދަލުކޮށްލައިފައެވެ.
ލީގުގައި އިއްޔެ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ވެލެންސިއާ ވަނީ އަމިއްލަ ދަނޑުގައި 1-0 އިން ޖިރޯނާ އަތުން ބަލިވެފައެވެ. އިއްޔެ ކުޅުނު އަނެއް މެޗުގައި ލެގަނޭސް އާ ދެކޮޅަށް ރަށުން ބޭރުގައި އެތުލެޓިކޯ ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މިމެޗުގެ 69 ވަނަ މިނެޓުގައި އެންޓޮއިން ގްރީޒްމަން ކާމިޔާބުކުރި ލަނޑުން އެތުލެޓިކޯ ލީޑް ނެގިނަމަވެސް މެޗު ނިމެން 8 މިނެޓަށްވެފައިވަނިކޮށް ލިބުނު ހިލޭޖެހުމަކުން ލެގަނޭސްގެ ގުއިޑޯ ކަރީޔޯ ވަނީ އެޓީމަށް ޕޮއިންޓެއް ހޯދައިދީފައެވެ.