އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުގައި ސައުތުހެމްޕްޓަން އަތުން 6-1 އިން މޮޅުވެ މެންޗެސްޓާ ސިޓީ އަލުން ލީގުގެ އެއްވަނަ އަށް ޖެހިލައިފިއެވެ.
ލީގުގައި އިއްޔެ ހޯދި މޮޅާ އެކު އެއް މެޗު އިތުރަށް ކުޅެގެން ލިވަޕޫލް އެއްވަނަ އަށް އެރި ނަމަވެސް، ސިޓީ މިރޭގެ މެޗުން މޮޅުވުމުން އެ ޓީމަށް އަލުން އެއް ވަނަ ލިބުނީ 11 މެޗުން 29 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޗެލްސީ އާއި ތިންވަނައިގައި އޮތް ލިވަޕޫލަށް ވެސް 11 މެޗުން 27 ޕޮއިންޓް ލިބިފައިވާއިރު، ޗެލްސީ އަށް ކުރި ލިބެނީ ފައިދާ ގޯލުންނެވެ.
ސިޓީގެ ދަނޑުގައި ކުޅުނު މިމެޗުގެ ހަވަނަ މިނެޓުގައި އެޓީމުން ކާމިޔާބުކުރި ފުރަތަމަ ގޯލަކީ ސައުތުހެމްޕްޓަންގެ ޑިފެންޑަރު ވެސްލީ ހޫޑް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
އޭގެ ހަމިނެޓުފަހުން ސިޓީގެ ލީޑް ފުޅާކޮށްދިނީ ރަހީމް ސްޓާލިން ތަނަވަސްކުރި ފުރުޞަތަކުން ސާޖިއޯ އަގުއޭރޯ އެވެ. މިއީ ޕްރިމިއާ ލީގުގެ ތާރީޚުގައި އޭނާ ކާމިޔާބުކުރި 150 ވަނަ ގޯލެވެ.
މެޗުގެ 18 ވަނަ މިނެޓުގައި ސިޓީގެ ތިންވަނަ ލަނޑުޖަހައިދިނީ ޑޭވިޑް ސިލްވާ އެވެ. މިއީ އެޓީމުގެ ޖަރުމަން ވިންގާ ލެރޯއީ ސާނޭ ދިން ޕާހަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ.
އޭގެފަހުން، މެޗުގެ 30 ވަނަ މިނެޓުގައި ސައުތުހެމްޕްޓަންގެ އިނގިރޭސި ފޯވާޑް ޑެނީ އިންގްސް އަށް ސިޓީގެ ގޯލްކީޕަރު އެޑަސަން މޮރައެސް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ ވައްދާލައިގެން، އިންގްސް އެޓީމަށް ފަރަގުކުޑަކޮށްދިން ނަމަވެސް ފުރަތަމަ ހާފުގެ އިތުރުވަގުތުގައި ސްޓާލިން ވަނީ ސިޓީ އަށް އަލުން ތިންލަނޑުގެ ލީޑް ހޯދައިދީފައެވެ. މިއީ އަގުއޭރޯ ތަނަވަސްކުރި ފުރުޞަތަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ.
މެޗުގެ 67 ވަނަ މިނެޓުގައި ސްޓާލިން ވަނީ އިތުރު ލަނޑެއްޖަހައި މެޗުގެ ނަތީޖާ 5-1 އަށް ބަދަލުކޮށްލާފައެވެ. މިލަނޑުޖެހުމަށް ސްޓާލިން އަށް އެހީތެރިވެދިނީވެސް އަގުއޭރޯ އެވެ.
ސިޓީގެ ހަވަނަ ލަނޑު، މެޗުގެ ފުރިހަމަވަގުތު ހަމަވެގެން ރެފްރީ ދެއްކި އިތުރުވަގުތުގެ ފުރަތަމަ މިނެޓުގައި ކާމިޔާބުކޮށްދިނީ ސާނޭ އެވެ. މިއީ މުޅި މެޗުގައި މޮޅު ކުޅުމެއް ދެއްކި ސްޓާލިން ޖައްސާލި ޕާހަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ.
ލީގުގައި މިރޭ ކުޅުނު އަނެއް މެޗުގައި ޗެލްސީ ވަނީ އަމިއްލަ ދަނޑުގައި 3-1 އިން ކްރިސްޓަލް ޕެލަސް ބަލިކޮށްފައެވެ. މިމެޗުގެ 32 ވަނަ މިނެޓުގައި ޕެޑްރޯ ދިން ބޯޅައަކުން އަލްވާރޯ މޮރާޓާ ކާމިޔާބުކުރި ގޯލާއެކު އެޓީމުން ފުރަތަމަ ހާފު ނިންމާލީ 1-0 އިން ކުރީގައިއޮވެގެންނެވެ.
ދެވަނަ ހާފު ފެށިގެން 8 ވަނަ މިނެޓުގައި ޕެލަސް އަށް އެއްވަރުކޮށްދިނީ ޖޭމްސް މެކާތާ ދިން ބޯޅައަކުން އަންޑްރޮސް ޓައުންސެންޑް އެވެ.
އޭގެފަހުން، މެޗުގެ 65 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އެޑެން ހަޒާޑް ހިލޭޖެހުމަކުން ފޮނުވާލީ ބޯޅައެއް ޕެލަސްގެ ކުޅުންތެރިންނަށް ދިފާއު ނުކުރެވިގެން އުޅެނިކޮށް މޮރާޓާ ވަނީ ގޯލްގެ ތެރެއަށް ވައްދާލައި ޗެލްސީ އަށް އަލުން ލީޑް ނަގައިދީފައެވެ.
އޭގެ ފަސް މިނެޓުފަހުން، ޗެލްސީގެ ފަހު ލަނޑު ޖަހައިދިނީ ޕެޑްރޯ އެވެ. މިއީ އެޓީމުގެ ސްޕެއިން ފުލްބެކް މާކަސް އަލޮންސޯ ނަގައިދިން ހުރަހަކުން ލިބުނު ބޯޅައެއް ގޯލްގެ ކަނާތްފަރާތު ތިރީ ކަނަށް އަމާޒުކޮށްލައިގެން ޕެޑްރޯ ކާމިޔާބުކުރި ގޯލެކެވެ.