ރައްޔިތުންގެ މަޖިލީހުގެ އިންތިހާބީ ދާއިރާތަކަށް ދެ ދާއިރާ އިތުރުކޮށް ރަސްމީކޮށް އިންތިހާބީ ދާއިރާތައް އިލެކްޝަންސް ކޮމިޝަނުން މިއަދު ކަނޑައަޅައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އިންތިހާބީ ދާއިރާތައް ކަނޑައެޅީ ކޮމިޝަނުން އިއްޔެ ބޭއްވި ބައްދަލުވުމެއްގައި ކަމަށެވެ. އަދި ވަރަށް އަވަހަށް ދާއިރާތައް ގެޒެޓް ކުރައްވާނެ ކަމަށް ވެސް ޝަރީފް ވަނީ ވިދާޅުވެފައެވެ.
އިންތިޚާބީ ދާއިރާ ތަކަށް އިތުރު ކުރި ދެ ދާއިރާއަކީ މައްޗަންގޮޅީ މެދު ދާއިރާ އާއި ހެންވޭރު ހުޅަނގު ދާއިރާ އެވެ. އަދި ދާއިރާތައް ރަސްމީކޮށް ކަނޑައެޅި އިރު، ހުޅުމާލެ ވަނީ ވަކި ދާއިރާއެއްގެ ގޮތުގައި ކަނޑައަޅާފަ އެވެ.
މާލޭގެ މައްޗަންގޮޅީ މެދު ދާއިރާއެއް އިތުރު ކުރުމާއި ކުރީގައި އޮތް ހުޅު ހެންވޭރު ދާއިރާގެ ތެރެއިން ހުޅުމާލެ ވަކި ދާއިރާއަކަށް ހަދައި، ހެންވޭރު ހުޅަނގު ދާއިރާއެއް އިތުރު ކުރުން ފިޔަވައި ވެއަތުވެދިޔަ ރައްޔިތުންގެ މަޖިލީހުގެ އެއްވެސް އިންތިހާބީ ދާއިރާއަކަށް އެއްވެސް ސިފައެއްގައި ބައުންޑަރީ އަށް ވެސް އަދި އާބާދީ އެއްވަރު ކުރުމުގެ ނިޔަތުގައި ވެސް އެއްވެސް ކަހަލަ ބަދަލެއް ނުގެންނަން ވަނީ ނިންމާފަ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.
އިންތިހާބީ ދާއިރާތައް ކަނޑައެޅުމަށް ވަގުތީ ގޮތުން ނިންމާފައިވާ ގޮތް އާންމު ކުރުމުން ވަރަށް ގިނަ ޝަކުވާތަކެއް ލިބުނު ކަމަށް އިލެކްޝަނުގެ ރައީސް ޝަރީފްވަނީ ވިދާޅުވެފައެވެ. އެހެންކަމުން ދާއިރާތައް ކަނޑައަޅާފައިވާނީ އެ ޝަކުވާތަކަށް ބެލުމަށް ފަހު އަދި ތަފާތު ދާއިރާތަކުން އެބޭފުޅުންނާއި ބައްދަލު ކުރެއްވި ބައްދަލު ކުރުމަށް ފަހުގައި ކަމަށް ޝަރީފް ވިދާޅުވި އެވެ.
އެ ކޮމިޝަނުގެ ނައިބު ރައީސް އަހުމަދު އަކްރަމް ވިދާޅުވީ ކޮލަމާފުށީ ދާއިރާއެއް ވަކިން އުފެއްދުމަށް އަދި އައްޑޫ އަތޮޅަށް ދެ ދާއިރާ އިތުރު ކުރުމަށް ކޮމިޝަނަށް ބައެއް ފަރާތްތަކުން ލަފާ ދީފައިވާ ކަމަށެވެ.
ގާނޫނުން އެބޭފުޅުން ރިއާޔަތް ކުރަންޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރި ކަމަށާއި އޭގެ ތެރޭގައި އެންމެ މުހިންމު އެއް ކަމެއްގެ ގޮތުގައި ހިމެނެނީ ދާއިރާތަކަށް ނިސްބަތްވާ ރައްޔިތުންގެ މަސްލަހަތު ހިމާޔަތް ކުރުން ކަމަށް ވެސް އަކްރަމް ވިދާޅުވި އެވެ.