Last Updated: November 24, 21:27
Sunday, November 24, 2024

(މެއި 16، 2013 ވަނަ ދުވަހުގެ ބަޔާ ގުޅޭ)

"ކަލޭގެ ބަފާ ކައިރީ ބުނޭ ހެދިހާ ގޮތެއް ހެދިގެން މަށެއް ނުހުންނާނޭ. ކަލޭ މި ގޭގަ ހުރި ތަނަށް، ހުރި ދުވަހަށްވާ ނަގުދު ފައިސާ ފޮނުވާށޭ އަޑު އިވިއްޖެތަ މިހިރަ އަންހެން ކުއްޖާގަނޑު؟"

އެ ވަގުތު ވިދާލާފައި ބޯކޮށް ވާރޭވެހެން ފެށި އެވެ. މީރާ ރޮމުން ރޮމުން އޭނާގެ ފޮށި އެއްކޮއްލި އެވެ. މުރާދު ހަދާނެ ގޮތް ހުސްވެފައި އެއް ފަހަރު އެ ގެއަށް އަނެއް ފަހަރު މީރާ އާ ދިމާއަށް ބަލަން ހުއްޓެވެ. މީރާ ކުރިއަށް ހިނގައިގަތެވެ. މުރާދު ސައިކަލް ސްޓާޓްކޮށްލި އެވެ.

އަހަރެން ހަދަންވީ ކިހިނެއްބާވަ އެވެ؟ އެ އަންހެން ކުއްޖާ އެކަނި ދޫކޮށެއް ވެސް ނުލެވޭނެ އެވެ. މުރާދު ވިސްނަމުން މަޑުމަޑުން ސައިކަލް މީރާގެ ފަހަތުން ދުއްވަމުން ދިޔަ އެވެ.

"ދެން ދޭ…އަހަރެންގެ ހާލަށް އަހަރެން ދޫކޮށްލާ." ކަރުނަ ފޮހެމުން މީރާ ބުނެލި އެވެ.

"މީރާ…ސައިކަލަށް އަރާ. އަހަރެންގެ ގެެއަށް ދާން ހިނގާ. ވަކި ތަނެއް ހަމަޖެހެން ދެން އަހަރެންގެ ގޭގައި މީރާ އަށް އުޅެވޭނެެ."
އާދޭހުގެ ރާގުގައި މުރާދު ބުނެލި އެވެ. މުރާދު ދެތިން ފަހަރު ބުނުމާ އެކު މީރާ ސައިކަލަށް އެރި އެވެ. މުރާދު ވެސް އޭރު ހުރީ ތެމިފޯވެފަ އެެވެ. މީރާ ވެސް ހުރިހާ އެއްޗަކާ އެކު ހުރީ ތެމިފޯވެފަ އެވެ.

ދެ މީހުން މުރާދުމެންގެ އަށް ދިޔަ އެވެ. އެ ގެއަކީ ވަރަށް ރީތިކޮށް ހަދާފައިވާ ގެއެކެވެ. ބޭރުގަ ރީތި ބަގީޗާއެކެވެ. އޭގެ ފަހުގައި ސައިކަލް ޕާކް ކުރާ ތަނުގައި މުރާދު ސައިކަލް ޕާކް ކުރި އެވެ. އެ ވަގުތު މުސްކުޅި ފުރައިގެ ދައިތައަކާ ހަމަ އެވަރުގެ މުސްކުޅި ފިރިހެނެއް ވެސް އެ ގޭ ގޯތިތެރޭ ވަކިން ހުރި ގެއަކުން ނިކުތެވެ. މީރާ ސުވާލުގެ ބެލުމަކުން މުރާދާ ދިމާއަށް ބަލާލި އެވެ.

"އެއީ މިގޭގަ ބަގީޗާ ބަލަހައްޓާ މީހާ އާއި މިގޭގަ ކައްކާ މީހާ." މުރާދު މިހެން ބުނެފައި އެމީ ހުންނާ ދިމާއަށް އެނބުރުނެވެ. އަދި ބުނެލި އެެވެ.

"މިސްޓަ ޕީޓާ…މި މޭމް ސާހިބާ އަށް ކަންތައް ރަނގަޅަށް ކޮށްދޭން ވާނެ. މިއީ ދުވަސްކޮޅެއްގެ މެހުމާނެއް." އެމީހުން ކައިރީ އިނގިރޭސިން އެހެން ބުނެލުމަށް ފަހު މީރާ އާއި ދިމާއަށް ބަލާލާފައި އެތެރެއަށް އަންނާށޭ ބުނެ އިޝާރާތްކޮށްލި އެވެ.

އެވަގުތު މިސިޒް ޕީޓަ ވެސް އެ މީހުންގެ ފަހަތުން އެ ގޭތެރެއަށް ވަނެވެ. މިސިޒް ޕީޓަ ދިޔަ ގޮތަށް ދިޔައީ މެންދުރުގެ ކެއުން ރެޑީ ކުރާށެވެ. މުރާދު މީރާއަށް ކޮރިޑޯގެ އެއް ފަރާތެއްގައި ހުރި ކޮޓަރިއެއް ހުޅުވާލަ ދިނެވެ.

"މި ކޮޓަރި މީރާ ބޭނުން ކުރޭ. އަހަރެންގެ ކޮޓަރި އެހެރީ މި ކޮރިޑޯގެ އަނެއް ފަރާތުގަ. ކަމެއް ބޭނުން ވެއްޖެއްޔާ ގޮވާލާ." މުރާދު މީރާގެ ސާމާނު އެ ކޮޓަރި އަށް ވައްދައި ދިނެވެ. މީރާ ވެސް ހިމޭންކަމާ އެކު ކޮޓަރިއަށް ވަނެވެ. މުރާދު އިތުރު ވާހަކައެއް ނުދައްކައި އެ ކޮޓަރިން ނިކުމެގެން ދިޔައީ އެވެ. އެދިޔަ މަގުމަތީ އޭނާޔަށް މިސިޒް ޕީޓަ ކާން ތައްޔާރު ކުރަނިކޮށް ފެނުނެވެ.

"މިސިޒް ޕީޓާ އެމޭމް ސާހިބާ އަށް ބޭނުންވާ ކަންތައް ފުރިހަމަ ކުރުމަށް ސަމާލުވާތި އިނގޭ. އެދޭކަމެއް ބޭނުންތޯ ސުވާލު ކުރަންވާނެ." މިހެން ބުނެލުމަށް ފަހު މުރާދު ދިޔައީ ސީދާ އޭނާގެ ކޮޓަރިއަށެވެ. އަދި ހެދުން ބަދަލު ކުރުމަށް ފަހު އޮށޯވެލި އެވެ.

މިހިނގައި ދިޔަ ކަންތަކާ މެދު އެންމެ ފަހަރަކު ވެސް އޭނާއަށް ހަމަޖެހުމެއް ނުލިބުނެވެ. މީރާ އަށް އެ ދިމާވީ ކޮން ކަހަލަ ކަމެއް ބާވަ އެވެ؟ އޭނާ އާ ދިމާއަށް ހަޅޭއްލެވީ ކާކު ބާވަ އެވެ؟
މުރާދު ވިސްނާ ވިސްނާ ބޮލުގައި ރިއްސަން ފެށި އެވެ. އޭނާ ތެދުވެ ޓީޝާޓް ލިއެވެ. އަދި ކުރު ސޯޓް ބުރިއެއް ލިއެވެ. ގޭތެރޭގައި އާންމުކޮށް އޭނާ އުޅެނީ ވަރަށް އާދައިގެ ހެދުމުގަ އެވެ.

ކެއުމަށް އިންސާފު ކުރަން އިށީނދެފައި އޭނާ ވަށައިގެން ހޯދާލި އެވެ. މީރާ ހުރިތޯ ބަލާލީ އެވެ. އެހެނަސް ފެންނަން ނެތުމުން މުރާދު ތެދުވެ މީރާގެ ކޮޓަރި އާ ދިމާއަށް ހިނގައިގަތެވެ. މީރާ އެނދުގައި މޫނު ބާލީހުގައި ޖަހައިގެން އޮވެ ރޮނީ އެވެ.

"މީރާ…" މުރާދު މަޑުމަޑުން މީރާއަށް ގޮވާލި އެވެ. މީރާ ރުއިން ހުއްޓާލުމަށް ފަހު މޫނު އުފުލާލާފައި މުރާދަށް ބަލާލި އެވެ.

"އަހަރެން ވަރަށް ބަނޑުހައި ވެއްޖެ. ކާން ހިނގާ." މުރާދު ކުޑަ ކުއްޖެއްހެން ބަނޑުގައި ފިރުމާލަމުން ބުނެލި އެވެ.

"ތައްޔާރުވެގެން މިދަނީ."

މުރާދު ވެސް މަޑު ހިނގުމެއްގައި ގޮސް ކާގެ އަށް ވަނެވެ. މޭޒް ކަރީ އިށީނުމާ އެކު މިސިޒް ޕިޓާ ކާއެއްޗެހި އަޅައި ދޭން އުޅުނެވެ. މުރާދު އަތުގެ އިޝާރަތުން ނޫނެކެ ބުނެ އޭނާ ހުއްޓުވި އެވެ.

މީރާ ކޮޓަރިން ނިކުތީ ދިހަ ވަރަކަށް މިނެޓް ފަހުންނެވެ. އޭނާ އިށީނުމާ އެކު މިސިޒް ޕީޓާ ކާއެއްޗެހި އަޅައި ދިނެވެ. މީރާ ހިނިތުންވެލި އެވެ.

މި އަންހެން ކުއްޖާ ކިހާރީތި ހެއްޔެވެ؟ ހުދު ކުލައިގެ ކުރުތާ އަކާ ކަޅުކުލައިގެ ބެލްސެއްލާފައި ބޮލުގެ އިސްތަށިގަނޑު ފަހަތަށް އައްސާލާފައި އޮތް އިރު އެ ދިގު އިސްތަށިގަނޑުން މުޅި ބުރަކަށި ފޮރު ވެ އެވެ. ކަންހުޅިން ކުޑަ އިސްތަށިކޮޅެއް މޫނުމައްޗަށް އެޅިފައި އޮތެވެ. އަދި ނިއްމަތިން ވެސް އަދަބުކުޑަ ދެ އިސްތަށި އެ އަންހެން ކުއްޖާ އާ ސަމާސާ ކުރަމުން ދިޔަ އެވެ.

(ނުނިމޭ)