ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގައި އަމިއްލަ ދަނޑުގައި ބޮރޫޝިއާ ޑޯޓްމަންޑް 0-2 އިން ބަލިކޮށް އެތުލެޓިކޯ މެޑްރިޑުން މީގެ ދެހަފްތާކުރީން އެޓީމު އަތުން ބަލިވުމުގެ ބަދަލުހިފައިފިއެވެ.
މިދިޔަ އޮކްޓޫބަރު މަހު ޑޯޓްމަންޑްގެ ދަނޑުގައި ކުޅުނު މެޗުން އެޓީމު މޮޅުވީ 4-0 އިންނެވެ. އެހެން ނަމަވެސް ރޭގެ މެޗުން މޮޅުވެ އެތުލެޓިކޯ ވަނީ ހަމަޖެހުމެއް ހޯދައިފައެވެ. މިމޮޅާއެކު އެތުލެޓިކޯ އަށް 4 މެޗުން 9 ޕޮއިންޓް ލިބިފައިވާއިރު ޑޯޓްމަންޑް އަށް ވެސް މިއަދަދަށް ޕޮއިންޓް ލިބިފައިވެއެވެ. ޑޯޓްމަންޑް އަށް އެއްވަނަ ލިބެނީ ދެޓީމުގެ ދެމެދުގައި ކުޅެވުނު ދެމެޗުގެ އެގްރިގޭޓުންނެވެ. ތިންވަނައިގައި އޮތް ބްރޫޖް އަށް 4 ޕޮއިންޓް ލިބިފައިވާއިރު އެންމެ ފުލުގައި އުޅޭ މޮނާކޯ އަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.
އެތުލެޓިކޯގެ ވަންޑާ މެޓްރޮޕޮލިޓާނޯ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ 33 ވަނަ މިނެޓުގައި އެޓީމަށް ލީޑްނަގައިދިނީ ފިލިއްޕޭ ލުއިސް ތަނަވަސްކުރި ފުރުޞަތަކުން ސައުލް ނިގުއޭޒް އެވެ.
މިހާފުގައި އެތުލެޓިކޯ އިން ލަނޑުޖަހާނެ ގިނަ ފުރުޞަތުތަކެއް ތަނަވަސްކޮށްފައިވާއިރު އެޓީމުގެ ސައުލް އާއި ލުއިސްގެ އިތުރުން އެންހެލް ކޮރެއާ ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށްވީ ޑޯޓްމަންޑްގެ ގޯލްކީޕަރު ރޯމަން ބުރްކީ އެވެ. މިމެޗުގެ ފުރަތަމަ ހާފު ނިމުނީ 1-0 އިން އެތުލެޓިކޯ ކުރީގައިއޮވެގެންނެވެ.
މިމެޗުގައި އެތުލެޓިކޯ އިން ކާމިޔާބުކުރި ދެވަނަ ލަނޑު، މެޗު ނިމެން 10 މިނެޓަށްވެފައިވަނިކޮށް ޖަހައިދިނީ އެންޓޮއިން ގްރީޒްމަން އެވެ. މިއީ އެތުލެޓިކޯ އިން އުފެއްދި އަވަސް އެޓޭކެއްގައި ތޯމަސް ޕާޓޭ ދިން ބޯޅައަކުން ގްރީޒްމަން ކާމިޔާބުކުރި ގޯލެކެވެ.
މިގްރޫޕްގައި ހިމެނޭ ފްރާންސްގެ މޮނާކޯ ރޭ ކުޅުނު މެޗުގައި އަމިއްލަ ދަނޑުގައި ބެލްޖިއަމްގެ ކްލަބް ބްރޫޖް އަތުން 0-4 ގެ ބޮޑު ތަފާތަކުން ބަލިވެ މިމުބާރާތުގެ ގްރޫޕް ސްޓޭޖުން ކަޓައިފިއެވެ.
މޮނާކޯގެ ދަނޑުގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ބްރޫޖް އިން ތިންލަނޑު ކާމިޔާބުކުރިއިރު އެޓީމުގެ ހަންސް ވަނަކެން ދެލަނޑުޖެހިއެވެ. އެޓީމުގެ އަނެއް ލަނޑު ވެސްލީ ޖެހިއިރު ފަހު ހާފުގައި ބްރޫޖްގެ ހަތަރުވަނަ ލަނޑުޖަހައިދިނީ ރޫޑް ވޯމާއެވެ. މިއީ ވެތުވެދިޔަ 13 އަހަރުގެ ތެރޭގައި ގްރޫޕް ސްޓޭޖުގެ މެޗަކުން ބްރޫޖް މޮޅުވި ފުރަތަމަ ފަހަރެވެ.