ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ރަށުން ބޭރުގައި އިޓަލީގެ އިންޓަ މިލާނާއި 1-1 އިން އެއްވަރުވިނަމަވެސް ބާސެލޯނާ އަނެއް ބުރަށް ދަތުރުކޮށްފިއެވެ.
ރޭގެ މެޗު އެއްވަރުވުމުން 10 ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނައިގައި އޮތީ ބާސެލޯނާ އެވެ. ދެވަނައިގައި އޮތް އިންޓަ އަށް 7 ޕޮއިންޓް ލިބިފައިވާއިރު ޓޮޓެންހަމް ހޮޓްސްޕާ އޮތީ 4 ޕޮއިންޓާއެކު ތިންވަނައިގައެވެ. އެންމެ ފުލުގައި އުޅޭ ޕީއެސްވީ އެއިންދޮވަން އަށް ހަތަރު މެޗުން ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.
ބާސެލޯނާ އިން މިމެޗަށް ނިކުތްއިރު ލީގުގައި އެންމެ ފަހުން ރަޔޯ ވަޔެކާނޯ އާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ އެގާރައަށް ގެނެސްފައިވަނީ އެންމެ ބަދަލެކެވެ. އެގޮތުން، އެމެޗުގެ ފުރަތަމަ އެގާރަައިގައި ހިމެނުނު ރަފީނިއާ އަލްކަންޓާރާގެ ބަދަލުގައި އޮސްމާނޭ ޑެމްބެލޭ އަށް ވަނީ ފުރުޞަތު ދީފައެވެ.
ރޭގެ މެޗުގައި އަނިޔާއިން ރަނގަޅުވެ ބާސެލޯނާގެ ތަރި ލިއޮނަލް މެސީ ކުޅޭނެ ކަމަށް ކުރީން ބެލެވުނު ނަމަވެސް އޭނާ އަށް ފުރުސަތު ނުދެ އެވެ. ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ ބުނީ ކުރިއަށް މުހިއްމު މެޗުތަކެއް ހުރުމުން އިތުރު ރިސްކެއް ނަގަން ބޭނުންނުވީ ކަމަށެވެ.
އިންޓަގެ ސެންސީރޯގައި ކުޅުނު މިމެޗުގައި ދެޓީމުން ކާމިޔާބުކުރި ދެލަނޑުވެސް ޖެހީ ދެވަނަ ހާފުގައި ފަހު 10 މިނެޓުގެ ތެރޭގައެވެ. އެގޮތުން، މެޗުގެ 83 ވަނަ މިނެޓުގައި ފިލިއްޕޭ ކުޓީނިއޯ ދިން ބޯޅައަކުން މެލްކޮމް ކާމިޔާބުކުރި ގޯލުން ބާސެލޯނާ މޮޅުވާންދަނިކޮށް އިންޓަ އަށް އެއްވަރުކޮށްދިނީ މިމެޗުގެ ފުރިހަމަ ވަގުތުހަމަވާން ތިން މިނެޓަށްވެފައިވަނިކޮށް މައުރޯ އިކާޑީ އެވެ.
މިމެޗުގައި ބާސެލޯނާގެ ބްރެޒިލް މިޑްފީލްޑަރު ކުޓީނިއޯ އަށް ލަނޑުޖެހުމަށް ގިނަ ފުރުޞަތުތަކެއް ލިބިގެންދިޔައިރު މި ހުރިހާ ހަމަލާތަކެއްގެ ހުރަހަކަށްވީ އިންޓަގެ ގޯލްކީޕަރު ސާމިރު ހަންޑަނޮވިޗް އެވެ.
މިގްރޫޕުގައި ހިމެނޭ ޓޮޓެންހަމް ރޭ ކުޅުނު މެޗުގައި އަމިއްލަ ދަނޑުގައި ޕީއެސްވީ އަތުން ފަހަތުން އަރައި 2-1 އިން ވަނީ މޮޅުވެފައެވެ. މިމެޗު ފެށިގެން ދެވަނަ މިނެޓުގައި ޕީއެސްވީގެ ލޫކް ޑި ޔޯންގް އެޓީމަށް ލީޑްނަގައިދިންއިރު ޓޮޓެންހަމްގެ ދެލަނޑުވެސް ކާމިޔާބުކުރީ ދެވަނަ ހާފުގެ ފަހު 12 މިނެޓުގެ ތެރޭގައި ހެރީ ކޭން އެވެ.
މިމުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ގްރޫޕް ޑީ ގައި ހިމެނޭ ލޮކޮމޯޓިވް މޮސްކޯ އަތުން 4-1 އިން ޕޯޓޯ މޮޅުވިއިރު މިްގރޫޕުގައި ހިމެނޭ ޝާލްކޭ ވަނީ 0-2 އިން ގަލަތަސާރޭ ބަލިކޮށްފައެވެ.