އައްޑޫ ސިޓީގެ އިކްއެޓޯރިއަލް ކޮންވެންޝަން ސެންޓަރު(އީސީސީ)ގައި މިހާރު އަޅާ ޓާޝަރީ ހޮސްޕިޓަލްގެ މަސައްކަތް ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައްލަވާލައްވައިފި އެވެ.
ރައީސް ނަޝީދު އައްޑޫއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގައި އައްޑޫގެ ކޮންވެންޝަން ސެންޓަރުގައި މިހާރު ގާއިމްކުރާ ޓާޝަރީ ހޮސްޕިޓަލްގެ މަސައްކަތް ބައްލަވާލެއްވުމަށް ވަޑައިގެންނެވީ މިއަދުުގެ ވަގުތެއްގައި އެވެ. އައްޑޫގައި ގާއިމްކުރި ކޮންވެންޝަން ސެންޓަރަކީ ރައީސް ނަޝީދުގެ ސަރުކާރުން ގާއިމް ކޮށްފައިވާ ސެންޓަރެކެވެ. އެހެން ނަމަވެސް ރައީސް ޔާމީންގެ ސަރުކާރުން ވަނީ އީސީސީގައި ޓާޝަރީ ހޮސްޕިޓަލެއް ގާއިމް ކުރައްވަން ފައްޓަވާފައެވެ.
ރައީސް ނަޝީދާއި އަނބިކަނބަލުން މެޑަމް ލައިލާއާއެކު އައްޑޫ ސިޓީގެ މޭޔަރު ޢަބްދުﷲ ސާދިޤްގެ އިތުރުން އެމްޑީޕީގެ ބައެއް އިސްވެރިންވެސް ވަނީ އެތަނުގެ މަސައްކަތްތައް ބައްލަވާލެއްވުމަށް ބައިވެރިވެވަޑައިގެންފަ އެވެ.
"އަޅުގަނޑުމެންނަކީ ހަލާކު ކުރާ ބައެއް ނޫން، އަޅުގަނޑުމެންނަކީ ބިނާކުރާ ބައެއް، ރައީސް ޔާމީން އެކުރައްވާން ފެއްޓެވި މަސައްކަތް އަލުން ބަދަލު ކުރުމަކީ އަޅުގަނޑު ނަޒަރުގައި ބުއްދިވެރިކަމެއް ނޫން، ދެނެއް އެ ކޮންވެންޝަން ސެންޓަރު ހޮސްޕިޓަލެއް ނޫން ތަނަކަށް ހަދަން އުޅޭކަށް އަޅުގަނޑަކަށް ނުފެނެ،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ، މި ސަރުކާރުން ކޮންވެންޝަން ސެންޓަރުގައި ގާއިމް ކުރާ ހޮސްޕިޓަލްގެ މަސައްކަތް އާ ސަރުކާރުން ހުއްޓާނުލައި ބާރަށް ކުރިއަށް ގެންދިއުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށެވެ.
މިހާރު އެތަނަށް ކޮށްފައިވާ ހަރަދު ބޭކާރުކޮށްލައި އެތަނަށް ބަދަލު ގެންނަން އުޅުމަކީ އެއްވެސް ބަޔަކަށް ފައިދާވާނެ ކަމެއް ނޫން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައްޔިތުންނަށް ކޮންވެންޝަން ސެންޓަރެއް ބޭނުންވާނަމަ އަލުން އާ ކޮންވެންޝަން ސެންޓަރެއް ގާއިމް ކުރާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
އެސެންޓަރުގައި މިސަރުކާރުން އަންނަނީ ޓާޝަރީ ހޮސްޕިޓަލެއް ގާއިމް ކުރަމުންނެވެ. އެތަނަކީ 100 އެނދުގެ ހޮސްޕިޓަލެއް ކަމަށެވެ. އެ މަސައްކަތް ހަވާލުކޮށްފައި ވަނީ އަމީން ކޮންސްޓްރަކްޝަނާ އެވެ. އެ ހޮސްޕިޓަލް ހުޅުވާއިރު އެތަނުގައި އެމްއާރުއައި އަދި ސީޓީ ސްކޭންގެ ހިދުމަތާއި އޮޕަރޭޝަން ފަސް ތިއޭޓަރު އަދި މޯޗަރީގެ ހިދުމަތް ވެސް ލިބޭނެ އެވެ. މި އަހަރުގެ މެދު ތެރޭގައި ހުޅުވާނެ ކަމަށް އިއުލާން ކުރި އެ ހޮސްޕިޓަލްގެ މަސައްކަތް މިއަދާ ހަމައަށް ވެސް ނިމިފައެއް ނުވެ އެވެ.