ދައުލަތަށް 29 މިލިއަން ޑޮލަރު (440 މިލިއަން ރުފިޔާ) ދައްކަން ޔޮޓް ޓުއާސްގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމް އެ ކުންފުނިން ހައި ކޯޓުގައި އިސްތިއުނާފް ކޮށްފި އެވެ.
މިދިޔަ ޖޫންމަހު ދައުލަތަށް 29 މިލިއަން ޑޮލަރު ދައްކަން ޔޮޓް ޓުއާސްގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފައެވެ. އެހުކުމް ކުރެވުނީ ހއ. އަލިދޫ ރިސޯޓްގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ލިބެންޖެހޭ ފައިސާ ހޯދަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ދައުވާ ކުރުމުންނެވެ. އެ ކުންފުންޏަކީ ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރުގެ އާއިލީ މަސްލަހަތު އޮންނަ ކުންފުންޏެކެވެ. އެ ކުންފުންޏަށް ކޯޓުން އަންގާފައިވަނީ އެ ފައިސާ އެއް އަހަރުގެ ތެރޭގައި ދެއްކުމަށެވެ.
އެ މައްސަލަ ޔޮޓް ޓުއާސް އިން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ މައްސަލަ ހައި ކޯޓުން ބަލައިގަނެ، ރަޖިސްޓްރީކުރީ މި މަހު ކަމަށް މީރާ އިން ބުންޏެވެ.
މީގެ އިތުރުން ހއ. ބީނާފުށްޓާއި ހއ. ކަނޑާލި ފިނޮޅުގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 3.6 މިލިއަން ޑޮލަރު (55 މިލިއަން ރުފިޔާ) ދައްކަން ޔޮޓް ޓުއާސްގެ މައްޗަށް ކުރި ހުކުމް ވެސް އެ ކުންފުނިން ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައިވާ ކަމަށް މީރާ އިން ބުންޏެވެ.
އެ ދެ މައްސަލައިގައި ލިބެންޖެހޭ ފައިސާތައް ނުދައްކާތީ ޔޮޓް ޓުއާސްގެ އެކައުންޓްތައް ވެސް މީރާ އިން ކުރިން ފްރީޒްކުރި އެވެ. އެކައުންޓްތައް ފްރީޒް ކުރުމާ ދެކޮޅަށް ޔޮޓް ޓުއާސް އިން ސިވިލް ކޯޓުގައި ދައުވާ ކުރުމުން އެ ކޯޓުން އޭރު ހުކުމް ކޮށްފައިވަނީ އެކައުންޓްތައް ފްރީޒް ކުރުމަކީ ގާނޫނާ އެއްގޮތަށް ކުރި ކަމެއް ކަމަށެވެ.