ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ރަށުން ބޭރުގައި ވިކްޓޯރިއާ ޕްލެޒެން އަތުން ހޯދީ ބޮޑު މޮޅާއެކު ރެއާލް މެޑްރިޑް ވަނީ ދެވަނަ ބުރާއި ގާތަށް ޖެހިލައިފައެވެ.
ރެއާލްގެ އައު ކޯޗު ސަންޓިއާގޯ ސޮލާރީގެ އިރުޝާދުގެ ދަށުން އެޓީމު ކުޅުނު ތިންވަނަ މެޗުގައި ޕްލެޒެން އަތުން މޮޅުވީ 5-0 އިންނެވެ.
މިމެޗުން ހޯދީ މޮޅާއެކު ގްރޫޕް ޖީ ގެ އެއްވަނައިގައި އޮތީ ރެއާލް އެވެ. އެޓީމަށް ހަތަރު މެޗުން 9 ޕޮއިންޓް ލިބިފައިވާއިރު އޭއެސް ރޯމާ އަށް ވެސް ވަނީ މިއަދަދަށް ޕޮއިންޓް ލިބިފައެވެ. ރެއާލަށް ކުރިލިބެނީ ދެޓީމުގެ ދެމެދުގައި ކުޅެވުނު މެޗުން އެޓީމު މޮޅުވުމުންނެވެ. ތިންވަނައިގައި އޮތް ސީއެސްކޭއޭ މޮސްކޯ އަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު އެންމެ ފުލުގައި އުޅޭ ޕްލެޒެން އަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.
ރެއާލުން މިމެޗަށް ނިކުތީ ލީގުގައި އެންމެ ފަހުން ރެއާލް ވަލަޑޮލިޑް އަތުން މޮޅުވި މެޗުގެ ފުރަތަމަ އެގާރައަށް ދެ ބަދަލެއް ގެނެސްގެންނެވެ. އެގޮތުން، އެމެޗުގެ ފުރަތަމަ އެގާރައިގައި ހިމެނުނު ލޫކާ މޮޑްރިޗް އާއި މާކޯ އަސެންސިއޯގެ ބަދަލުގައި ޑެނީ ސެބަޔޯސް އަދި ލޫކަސް ވަޒްކޭޒް އަށް ފުރުޞަތު ދީފައިވެއެވެ.
މިމެޗުގައި ރެއާލަށް ލީޑް ނަގައިދިނީ މިދެޓީމު އެންމެ ފަހުން މިދިޔަ އޮކްޓޫބަރު މަހު ކުޅުނު މެޗުގައިވެސް ފުރަތަމަ ލަނޑުޖަހައިދިން ކަރީމް ބެންޒެމާ އެވެ. މެޗުގެ 21 ވަނަ މިނެޓުގައި ބެންޒެމާ މިލަނޑުޖަހައިދިނީ ޖަރުމަންގެ މިޑްފީލްޑަރު ޓޯނީ ކްރޫޒް ދިން ބޯޅައަކުންނެވެ. މިއީ ރެއާލަށް އޭނާ ޖަހައިދިން 200 ވަނަ ލަނޑެވެ.
އޭގެ ދެ މިނެޓުފަހުން، ރެއާލްގެ ދެވަނަ ލަނޑުޖަހައިދިނީ ކްރޫޒް ނަގައިދިން ހުރަހަކުން ލިބުނު ބޯޅައެއް ބޮލުން ފޮނުވާލައިގެން ކަސެމީރޯ އެވެ.
ފުރަތަމަ ހާފު ނިމުމުގެކުރީން، ރެއާލުން ވަނީ އިތުރު ދެލަނޑުޖަހައިފައެވެ. މެޗުގެ 37 ވަނަ މިނެޓުގައި ގަރެތު ބޭލް ތަނަވަސްކުރި ފުރުޞަތަކުން ބެންޒެމާ އެޓީމުގެ ތިންވަނަ ލަނޑުޖަހައިދިންއިރު ފުރަތަމަ ހާފު ނިމެން ފަސްމިނެޓަށްވެފައިވަނިކޮށް ބޭލް ވަނީ ބެންޒެމާ ދިން ބޯޅައަކުން ނަތީޖާ 4-0 އަށް ބަދަލުކޮށްލާފައެވެ.
ރެއާލްގެ ފަހު ލަނޑު، މެޗުގެ 67 ވަނަ މިނެޓުގައި ޖަހައިދިނީ ކްރޫޒް އެވެ. މިއީ އެޓީމުގެ ވިނީޝިއަސް ޖޫނިއާ އުފެއްދި އަވަސް އެޓޭކަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ.
މިގްރޫޕުގައި ހިމެނޭ ރަޝިޔާގެ މޮސްކޯ އަތުން 1-2 އިން މޮޅުވެ ރޯމާ ވަނީ ނޮކްއައުޓް ސްޓޭޖުން ޖާގައެއް ހޯދުމާއި ގާތަށް ޖެހިލައިފައެވެ. މިމެޗުގައި ރޯމާގެ ލަނޑުތައް ޖަހައިދިނީ ކޮސްޓަސް މަނޮލަސް އާއި ލޮރެންޒޯ ޕެލެގްރިނީ އެވެ. މޮސްކޯގެ ހަމައެކަނި ލަނޑުޖަހައިދިނީ އާނަ ސިގަޑްސަން އެވެ.