ރައްޔިތުންގެ މަޖިލީހަށް ވަޑައިގަތުމުގެ ޝައުގުވެރިކަން ކިތަންމެ ބޮޑު ނަމަވެސް ތުޅާދޫ ދާއިރާ އެމްޑީޕީއަށް ނުލިބިއްޖެނަމަ އިންތިޚާބުގައި ވާދަނުކުރައްވާނެ ކަމަށް މަޝްހޫރު ގާނޫނީ ވަކީލާ ހިސާން ހުސައިން ވިދާޅުވެއްޖެއެވެ.
ހިސާން މިހެން ވިދާޅުވީ ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމުގައެވެ. ހިސާން ވަނީ ރައްޔިތުންގެ މަޖިލީހަށް ޝައުގުވެރިކަން ހުންނެވިކަން މީގެ ކުރިން ހާމަ ކުރައްވާފައެވެ.
އިސްލާހީ މަސައްކަތުގައި ޚާއްސަކޮށް ޝަރުއީ ދާއިރާއަށް ދިމާވެފައި ހުރި މައްސަލަތަކުގައި އަޑުއުފުއްލެވުމުގައި މެދުކެނޑުމެއްނެތި އުޅުއްވާތާ 7 އަހަރަށްވުރެ ގިނަ ދުވަސްވެއްޖެ ކަމަށް ހިސާން ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހަށް ވަޑައިގަތުމަށް އިޚުތިޔާރު ކުރެއްވީ ރައްޔިތުން ބޭނުންވާ ގޮތަށް ތަމްސީލުކުރެވޭނީ ރައްޔިތުންގެ މެންޑޭޓެއް ދީގެން ކަމުގައި ވާތީ ކަމަށެވެ. އަދި ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ މަސައްކަތް ވެސް އެންމެ ފުރިހަމައަށް ކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކަމަށް ގަބޫލުފުޅު ކުރައްވާތީ ކަމަށް ވެސް އެ ކަމަނާ ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހަށް ތުޅާދޫ ދާއިރާ ޚިޔާރު ކުރެއްވީ އެދާއިރާއަކީ ވަރަށް ގާތް ދާއިރާއަކަށް ވުމުން ކަމަށް ހިސާން ވިދާޅުވިއެވެ. ބައްޕައަކީ ބ.އަތޮޅު ބޭފުޅަކަށް ވެފައި އެންމެ ކުޑައިރުއްސުރެ ވެސް ތުޅާދޫއަށް ވަޑައިގަންނަވާ ކަަމަށް ވެސް ވިދާޅުވިއެވެ. ތުޅާދޫ ރައްޔިތުންނަށް ހިސާން އެނގޭނެ ކަމަށާއި މާލޭގައި ދިރިއުޅުއްވި ނަމަވެސް ތުޅާދޫ ރައްޔިތުންނަކީ ބީރައްޓެހި ބައެއް ނޫން ކަމަށެވެ. އެދާއިރާގެ ރައްޔިތުންގެ އިހުސާސްތައް އެގިވަޑައިގަންނަވާ ކަމަށާއި އަދި މަޖިލީހަށް ކުރިމަތިލައްވަން ނިންމެވީވެސް ދާއިރާގެ ރައްޔިތުންނާ މަޝްވަރާކުރައްވައި ރައްޔިތުންގެ ވެސް އެދުމުގެ މަތިން ކަމަށް ފަސްމަންޒަރު ޕްރޮގްރާމްގައި ހިސާން ދެއްކެވި ވާހަކައިގާ ވަނީ ވިދާޅުވެފައެވެ.
ހިސާން ވިދާޅުވީ ފެށުނީއްސުރެ އޭނަ މަސައްކަތް ކުރައްވަމުން ގެންދަވަނީ އެމްޑީޕީގައި ކަމަށެވެ. އެމްޑީޕީއަށް ތުޅާދޫ ދާއިރާ ނުލިބިއްޖެނަމަ ފަހަތަށް ޖެހިވަޑައިގަންނަވާނެ ކަމަށް ވެސް ވިދާޅުވިއެވެ. އަދި އެދާއިރާ ލިބޭ ޕާޓީއަކުން ނުކުންނަ ކެންޑިޑޭޓަކަށް ތާއީދުވެސް ކުރައްވާނެ ކަމަށާއި އަމިއްލަ ގޮތުންވެސް އަދި އެހެން ޕާޓީއަކުންވެސް ނުނުކުންނަވާނެ ކަމަށް ހިސާން ވިދާޅުވިއެވެ.
ހިސާން އަކީ ބައި ޕްރޮފެޝަން ލޯޔަރެއް ކަމަށާއި އެހެންކަމުން ވާކާލަތު ކުރުމާ މާދުރަށްދާކަށް އެއްވެސް އިރަކު ވިސްނަވާފައިނުވާ ކަމަށް ވެސް ހިސާން ވިދާޅުވިއެވެ. ފަނޑިޔާރުކަން ކުރުމަކީ އެއްވެސް އިރެއްގައި ޝައުގުވެރިކަން ހުންނަ ކަމެއް ނޫން ކަމަށްވެސް ހިސާން ވިދާޅުވިއެވެ. އެންމެ ކުޑައިރުއްސުރެ ވެސް އެންމެ ޝައުގުވެރިކަން ހުރީ ރައްޔިތުންގެ މަޖިލީހަށް ދާން ކަމަށާއި އަބަދުވެސް އެ މަސައްކަތުގައި ދެމިހުންނާނެ ކަމަށް ވެސް ހިސާން ވިދާޅުވިއެވެ.
ހިސާން ވިދާޅުވީ ދެމިހުންނަވާނީ މިހާތަނަށް ވެސް މަސައްކަތް ކުރެއްވި ގޮތަށް އިޚުލާސްތެރިކަމާއެކު ކަަމަށާއި އަބަދުވެސް ރައްޔިތުންގެ މަސްލަހަތާއި ޕާޓީގެ މަސްލަހަތު އިސްކުރައްވާނެ ކަމަށެވެ.