ކުރީގެ ރައީސް މުހައްމަދު ނަޝީދު އައްޑޫސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާދަމާ ބޮޑު ތިލަދުންމައްޗަށް ދަތުރުފުޅެއް ފައްޓަވަން ނިންމަވައިފިއެވެ.
ބޮޑުތިލަދުންމަތީ ދަތުރުފުޅުގައި ރައީސް ނަޝީދު ފުރަތަމަ ވަޑައިގަންނަވާނީ ހއ.ދިއްދޫއަށް ކަމަށް މައުލޫމާތު ލިބެއެވެ. މާދަމާ ހަވީރު ދިއްދޫއިން ރައީސް ނަޝީދަށް މަރުހަބާ ދެންނެވުމަށް މިހާރު ދަނީ ތައްޔާރު ވަމުން ކަމަށް ވެސް މައުލޫމަތު ލިބެއެވެ.
ރައީސް ނަޝީދު އައްޑޫ ސިޓީއަށް ކުރައްވާ ދަތުރުފުޅުގައި ރަށުގެ ހާލަތު ބައްލަވާލެއްވިއެވެ. ރައީސް ނަޝީދު އައްޑޫސިޓީގެ ރަށްރަށަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މާލެ ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ. ނަޝީދުގެ މި ދަތުރުފުޅުގައި އައްޑޫ ސިޓީގެ ހުރިހާ ރަށަކަށް ވަނީ ވަޑައިގަންނަވާފައެވެ.
ރައީސް ނަޝީދު ވަނީ އައްޑޫސިޓީ ދަތުރުފުޅު ފެއްޓެވުމުގެ ކުރިން މަޖިލީހުގެ އިންތިހާބު ކޯލިޝަނަށް ކާމިޔާބު ކުރެވޭނެ ގޮތަކަށް ޕާޓީތަކުގެ މެދުގައި މަޝްވަރާކޮށް އެއްބަސްވާން ގޮވާލައްވާފައެވެ. އަދި އެމަސައްކަތް ވީހާ ވެސް އަވަސްކޮށް ދިނުމަށާއި އެމްޑީޕީން ޕްރައިމަރީތައް ބާއްވަން ޖެހޭތީ އެކަމަށް ވަގުތު ބޭނުންވާ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.