Last Updated: November 24, 21:27
Sunday, November 24, 2024
ރިޕޯޓް

ޑެޕިއުޓީ މޭޔަރުގެ ފަރާތުން ހުތުބާ ލިއުއްވާ މަނިކުފާނަށް!

ނޯޓް: މިއީ އައްޑޫ ޑެޕިއުޓީ މޭޔަރު އަދި ހުޅުމީދޫ ދާއިރާގެ ކައުންސިލަރު ހަސަން ޝާހިދު އޭނާގެ ބްލޮގް "ވެލްކަމް ޓް ޝާހިދު ލައިވް" ގައި މެއި 17، 2013 ވަނަ ދުވަހު ޝާއިއުކޮށްފައިވާ ލިއުމެކެވެ. ކިޔުންތެރިން އިންސާފުކޮށްލައްވާށެެވެ.
———————————–

ޚުޠުބާ ލިޔުއްވާ މަނިކުފާނަށް،

ވެދުން ސަލާމަށްފަހު ދަންނަވަމެވެ.

މި ރާއްޖޭގައި ޚުޠުބާ ލިޔާ މީހުންނަކީ ވަރަށް މަދު ބައެކެވެ. މަނިކުފާނު ޚުޠުބާ ލިޔަން ދަސްކުރެއްވި ތަނެއް އަޅުގަނޑަކަށް ނޭނގެއެވެ. ނަމަވެސް އަޅުގަނޑަށް އެނގި ހުރި މިންވަރުން އެއްޗެއް ދަންނަވާލާނަމެވެ. މި ރާއްޖެ އަކު ޚުޠުބާ ލިޔަން ދަސްކޮށްދޭ މަކްތަބެއްހާ މިންވަރު ވެސް ނެތެވެ.
އެހެންކަމުން، މަނިކުފާނަށް ތިޔަ ލިބިވަޑައިގެންނެވި ހުނަރަކީ، ވަރަށް މަދުބަޔަކަށް ލިބޭނެ ހުނަރެއްކަމުގައި ގަބޫލު ކުރަން ޖެހެ އެވެ.

މި ސިޓީ މަނިކުފާނަށް ލިޔަން މި ޖެހުނީ މިއަދުގެ ޚުޠުބާ އަޑުއަހަންް ހުރި ވަގުތު ހިތުގައި އުފެދުނު ސުވާލުތަށް ގިނަވެގެންނެވެ. ދިވެހިން އިސްލާމުންގެ ގޮތުގައި އުޅޭތާ އެތަކެއް ސަތޭކަ އަހަރުވެއްޖެ އެވެ. ޚުޠުބާގެ އަޑު އެހުމުގެ މުހިންމުކަމާއި މާތްކަން ވެސް ދިވެހިންގެ އެއްމެން ވެސް ދަނެ އެވެ.

ނަމަވެސް ފެންނަ ފެނުމުގައި ޚުޠުބާ އަޑުއަހާ މީހުން މަދުވެއްޖެއެ ވެ. ޚުޠުބާ ނިމުނީމަ މިސްކިތައް ވަންނަން ބޭރުގައި މަޑުކޮށްލާ މީހުން ގިނަވެއްޖެ އެވެ. ޚުޠުބާގެ އަޑު އިވުމުން މިސްކިތުގައި ތިބޭ މީހުން ތާއްޔާ ޖެހެން ފަށައެވެ. މިއީ މައްސަލައެއް ނޫންތޯ އެވެ؟

މިއަދު ރާއްޖޭގެ ހުރުކު ކުރާ ހުރިހާ މިސްކިތްތަކަށް މަނިކުފާނު ފޮނުއްވީ 11 ޖެނުއަރީ 2013 ވީ ހުކުރު ދުވަހު މިސްކިތްތަކަށް ފޮނުއްވި ޚުޠުބާއެވެ. ޚުޠުބާގެ ސުރުޙީއަކީ "ޢާއިލީ ގުޅުން ހަރުދަނާ ކުރުމުގެ މުހިއްމުކަން" މި އެވެ.
މި ނޫނަސް މަނިކުފާނު ލިޔުއްވާ ޚުޠުބާތަކުގައި، ދިވެހީން ނުދަންނަ ވާހަކައެއް ނުހުރެއެވެ. ތަކުރާރުކޮށް އެކައްޗެއް އަޑުއިވި ތިޔަ ޚުޠުބާތައް ހިތުދަސް މީހުން އެބަ އުޅެ އެވެ.

އިސްލާމް ދީނުގައި އޮންނަ ގޮތަކީ ގިނަ ގިނައިން ހަނދާންކޮށް ދިނުންކަން ހުރިހާ ދިވެހިން ދަނެ އެވެ. ނަމަވެސް މަނިކުފާނު ލިޔުއްވާ ޚުޠުބާއަކީ މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ލިޔުއްވާ ޚުޠުބާއަކަށް ވުމުން ހުކުރު ނަމާދުގެ ޖަމާއަތައް ހާޒިރުވާ މީހުންނަށް ޚުޠުބާއެއް އިއްވުމުގެ ހަގީގީ މަގްސަދު ހާސިލްވޭތޯ ވިސްނާލަން ޖެހެ އެވެ.

އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ޚުޠުބާ އަމާޒުވާން ޖެހޭނީ ޚުޠުބާ އަޑުއަސްވަން ތިއްބަވާ ބައެއްގެ ރަށުގައި/މުޖުތަމައުގައި ހުރި މައްސަލަތަކަށް ހައްލު ހޯދޭނޭ ގޮތަކަށެވެ.

މިސާލަކަށް މި ރަށުގެ މަގު ފާރުތަކުގައި ކުރާފައި ހުންނަ ކުރެހުންތަކާއި ލިޔުންތަކުގެ ސަބަބުން، އަޅުގަނޑުމެންގެ ދަރިންގެ ތަރުބިއްޔަތައް ބޮޑެތި އަސަރުތައް ކުރާ ކަމާއި، ރަށުގެ މިހާރު އެއްމެ ބޮޑަށް ގިރާ ސަރަހައްދު ފާހަގަކޮށް، އެ ސަރަހައްދު ހިމާޔަތް ކުރުމަށްޓަކައި އިތުރަށް އެސަރަހައްދުން ވެލި ނުނެގުމަށް ބާރު އަޅައި ނަސޭހަތްތެރިވެވިދާނެއެވެ. މީގެ އިތުރުންވެސް ސީދާ އެރަށެއްގެ ރައްޔިތުންގެ މެދުގައި ހުރި އާއްމު އިޖްތިމާއީ އުސޫލްތަކާއި ޚިލާފު ކަންތައްތައް ފާހަގަކޮށް، ޚުޠުބާ އަޑު އައްސަވާ ބޭފުޅުންގެ ޝައުގުވެރިކަން ހޯއްދެވި ދާނެ އެވެ.

އަޅުގަނޑުވެސް ގަބޫލުކުރަމެވެ. މަނިކުފާނު ދިރިއުޅުއްވަނީ މާލޭގައި ކަމަށްވަންޏާ މަނިކުފާނަށް ޚުޠުބާގައި ލިޔުއްވޭނީ މިހެންނެވެ. "ގިނަ ފަހަރު އަޅުގަނޑުމެންނަށް މިވާ ގޮތަކީ ދެމަފިރިންވެސް ދާނީ ކޮންމެވެސް ތާކަށް ވަޒީފާއަށެވެ. އަންހެނުން ގެއަށް އަންނައިރު ފިރިމީހާއެއް ނުހުންނާނެ އެވެ. ކުދިން ތިބޭނީ ކޮންމެވެސް އަވައްޓެރިއެއްގެ ނުވަތަ ތިމާގެ މީހެއްގެ ގާތުގައި ނުވަތަ ކުދިން ބަލަހައްޓާތާކަށް ފޮނުވާފަ އެވެ." (މެއި 17، 2013 ވަނަ ދުވަހުގެ ހުކުރު ހުތުބާގެ ތަންކޮޅެެއް)

މަނިކުފާނެވެ. މި ރަށަކު ކުދިން ބަލަހައްޓާ ތަނެއް ނެތެވެ. ވަޒީފާ އަދާ ކުރަނީ ދެމަފިރިން އެކަނިތޯ އެވެ؟ ކޮންމެ ގެއަކަށް ބޭރު މީހަކު ގެނެސްގެން ވަޒީފާ ދިނީމަ ވެސް މިއުޅެނީ ރަށުގައި ވަޒީފާތައް ގިނަވެގެންނެވެ. މި އަންނަ ހުކުރު ޚުޠުބާގައި މި ވާހަކަ ގެނެސްދެއްވުން ކީއްތޯ އެވެ؟

ސިޓީ ދިގުވެއްޖެ އެވެ. މަނިކުފާނު މިހާރު ހުންނަވާނީ ރުޅިގަދަވެފައިކަން އަޅުގަނޑަށް ޔަޤީނެވެ. އަޅުގަނޑަކީ އެމްޑީޕީގެ މެމްބަރެއްކަން އެނގުމުން އިތުރަށް ރުޅިގަދަވާނެކަން ވެސް އެނގެއެވެ. އަދި "ލާދީނީ" މީހެކޭ ބުންޏަސް އެއްމެ ރަނގަޅެވެ.

ޚުޠުބާ ނިންމާލަމުން ކިޔާ ދުއާގައި، ދަނޑުވެރިކަމާއި މަސްވެރިކަމުގައި ބަރަކާތްލެއްވުން އެދި ދުއާ ކޮށްފައި، ރާއްޖެ އަށް އެންމެ ގިނަ ބޭރު ފައިސާ ލިބޭ ފަތުރުވެރިކަމުގެ ވިޔަފާރީގައި ބަރަކާތްލެެއްވުން އެދި ދުއާ ނުކުރާތީ، ތިޔަ ލިޔުއްވާ ޚުޠުބާތައް ކަޑައޭ "ލާދީނީ" މީހުން ބުނާނެ އެވެ.

ލާދީނީ މީހުން ކިޔާ އެއްޗަކަށް ބަލާނެ ކަމެއް ނެތެވެ. މަނިކުފާނު ލިޔުއްވާ (ދޭތެރެއަކުން ކޮޕީ ޕޭސްޓްކޮށްލާ) ކޮންމެ ޚުޠުބާއަކަށް އެ ލިބެންވާ ފައިސާކޮޅު ލިބެނިކޮށް އެ ނިމުނީ އެވެ.

އިޙްތިރާމް ގަބޫލުކުރެއްވުން އެދެމެވެ.