Last Updated: November 26, 16:25
Tuesday, November 26, 2024
ކުޅިވަރު

ޔޫރޮޕާ ލީގު: ޗެލްސީ އާއި އާސެނަލް އަދި ލާޒިއޯ ދެވަނަ ބުރަށް

ބާޓޭ ބޮރިސޯފް ކޮޅަށް ޗެލްސީގެ ލަނޑުޖަހައިދިނުމަށްފަހު އޮލިވިއޭ ޖިރޫ (މ) އާއި އެޓީމުގެ އެހެން ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: ގެޓީ އިމޭޖަސް

ޔުއެފާ ޔޫރޮޕާ ލީގުގައި ރޭ ކުޅުނު މެޗުތަކުގެ ނަތީޖާއަށްފަހު، ޗެލްސީ އާއި އާސެނަލް އަދި ލާޒިއޯ، ގްރޫޕް ސްޓޭޖުގައި ބާކީ ދެމެޗު އޮއްވާ ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ.

ރަށުން ބޭރުގައި ޗެލްސީ ކުޅުނު މެޗުން 1-0 އިން ބެލާރުސްގެ ބާޓޭ ބޮރިސޯފް އަތުން މޮޅުވިއިރު އަމިއްލަ ދަނޑުގައި ޕޯޗުގަލްގެ ސްޕޯޓިން ލިޒްބަން އާ ދެކޮޅަށް އާސެނަލް ކުޅުނު މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ. އަމިއްލަ ދަނޑުގައި ފްރާންސްގެ އޮލިމްޕިކް މާސޭ އަތުން ލާޒިއޯ މޮޅުވީ 2-1 އިންނެވެ. ޗެލްސީ އާއި އާސެނަލް އަދި ލާޒިއޯގެ އިތުރުން ހަތަރު ޓީމެއް ވަނީ ދެވަނަ ބުރުން ޖާގަ އެއް ކަށަވަރުކޮށްފައެވެ. އެއީ ޖަރުމަންގެ ބަޔާ ލެވަކޫސަން އާއި އެއިންޓްރަކް ފްރެންކްފާޓް އާއި ކްރޮއޭޝިއާގެ ޑީނަމޯ ޒަގްރެބް އަދި ސްވިޒަލެންޑްގެ އެފްސީ ޒިއުރިކް އެވެ.

މިމުބާރާތުގެ ގްރޫޕް އެލް ގައި ހިމެނޭ ޗެލްސީ އަށް މިހާތަނަށް ކުޅުނު 4 މެޗުން 12 ޕޮއިންޓް ލިބިފައިވާއިރު ދެވަނައިގައި އުޅޭ ވީޑީ އެފްސީ އަށް ލިބިފައިވަނީ 6 ޕޮއިންޓެވެ. ގްރޫޕް އީ ގައި ހިމެނޭ އާސެނަލް ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކުރީ 4 މެޗުން 10 ޕޮއިންޓް ހަމަކޮށްގެންނެވެ. މިގްރޫޕުގެ ދެވަނައިގައި އޮތީ އާސެނަލް އަތުން ބަލިވި ސްޕޯޓިން އެވެ. އެޓީމަށް ލިބިފައިވަނީ 7 ޕޮއިންޓެވެ. ގްރޫޕް އެޗްގައި ހިމެނޭ ފްރެންކްފާޓް އިން 4 މެޗުން 12 ޕޮއިންޓް ހަމަކުރިއިރު ލާޒިއޯ އަށް ލިބިފައިވަނީ 9 ޕޮއިންޓެވެ.

ބެލާރުސްގައި ރޭ ބާޓޭ އާ ދެކޮޅަށް ކުޅުނު މެޗުގައި ޗެލްސީ އިން ކާމިޔާބުކުރި ހަމައެކަނި ލަނޑުޖަހައިދިނީ ދެވަނަ ހާފުގެ ކުރީކޮޅު ފްރާންސްގެ ފޯވާޑް އޮލިވިއޭ ޖިރޫ އެވެ. މިއީ އެޓީމުގެ އެމާސަން ޕަލްމިއެރީ ނަގައިދިން ހުރަހަކުން ލިބުނު ބޯޅައެއް ބޮލުން ފޮނުވާލައިގެން ޖިރޫ ކާމިޔާބުކުރި ގޯލެކެވެ. މިއީ މިސީޒަނުގައި ޗެލްސީ އަށް އޭނާ ޖަހައިދިން ފުރަތަމަ ގޯލެވެ.

މީގެއިތުރުން، ޗެލްސީ އަށް ލަނޑުޖަހާނެ އިތުރު ފުރުޞަތުތައް ލިބިގެންދިޔައިރު ބާޓޭ އިން ވަނީ ރަނުގެ ފުރުޞަތުތަކެއް ނަގާލައިފައެވެ. އެގޮތުން، އެޓީމުގެ ކުޅުންތެރިން ފޮނުވާލި ތިން ހަމަލާއެއް ގޯލްގެ ދަނޑިއަށް އަމާޒުވެފައިވެއެވެ.

ސްޕޯޓިން ލިޒްބަން އާ ދެކޮޅަށް އާސެނަލް ކުޅުނު މެޗުގެ ތެރެއިން. –ފޮޓޯ: ގެޓީ އިމޭޖަސް

އެމިރޭޓްސް ސްޓޭޑިއަމްގައި ރޭ އާސެނަލް ކުޅުނު މެޗުގައި ސްޕޯޓިން ކޮޅަށް އެޓީމަށް ގޯލަށް ވައްދާނުލެވުނު ނަމަވެސް އެޓީމުން ވަނީ މުޅި މެޗު ކޮންޓްރޯލްކޮށް ރަނގަޅު ފުރުޞަތުތަކެއް ތަނަވަސްކޮށްފައެވެ. ފުރަތަމަ ހާފުގައި އެޓީމުގެ އިނގިރޭސި ފޯވާޑް ޑެނީ ވެލްބެކް އަށް ލަނޑުޖަހާނެ ދެ ފުރުޞަތެއް ލިބިގެންދިޔައިރު މިހާފުގައި އޭނާގެ ފައިގެ ކުޑަހުޅަށް ލިބުނު އަނިޔާއަކާއި ގުޅިގެން ވަނީ ބަދަލުކޮށްފައެވެ. އޭނާގެ ބަދަލުގައި ކުޅެން ނިކުތީ ގެބޯންގެ ފޯވާޑް ޕިއޭރް-އެމެރިކް އޯބާމަޔަން އެވެ.

ދެވަނަ ހާފުގައި ވެސް އާސެނަލްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންގޮސްފައިވާއިރު ސްޕޯޓިންގެ ފަރާތުން އާސެނަލްގެ ގޯލަށް އަމާޒުކޮށް އެންމެ ހަމަލާއެއްވެސް ފޮނުވާލެވިފައެއްނުވެއެވެ. ސްޕޯޓިން އިން މިމެޗު ނިންމާލީ 10 ކުޅުންތެރިންނާއެކުއެވެ. އެއީ މެޗުނިމެން ތިން މިނެޓަށްވެފައިވަނިކޮށް ފްރާންސް ޑިފެންޑަރު ޖެރެމީ މަތިއު އަށް ސީދާ ރަތް ކާޑެއް ދެއްކުމުންނެވެ. އޭނާ އަށް ރަތް ކާޑު ދެއްކީ އެޓީމުގެ ޕެނަލްޓީއޭރިޔާބޭރުން އާސެނަލްގެ އޯބާމަޔަން އަށް ފައުލްކުރުމުންނެވެ.

ރޯމްގެ ސްޓާޑިއޯ އޮލިމްޕިކޯގައި މާސޭ އާ ދެކޮޅަށް ކުޅުނު މެޗުގައި ލާޒިއޯގެ ލަނޑުތައް ޖަހައިދިނީ މާކޯ ޕަރޮލޯ އާއި ވަކީން ކޮރެއާ އެވެ. މާސޭގެ ހަމައެކަނި ލަނޑުޖަހައިދިނީ ފްރާންސްގެ ވިންގާ ފްލޮރިއަން ތޯވާން އެވެ.

މިމުބާރާތުގައި ރޭ ކުޅުނު ފާހަގަކޮށްލެވޭ އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ސްޕެއިނުގެ ރެއާލް ބެޓިސް އާ ދެކޮޅަށް ރަށުން ބޭރުގައި އޭސީ މިލާން ކުޅުނު މެޗު 1-1 އިން އެއްވަރުވިއިރު ތުރުކީގެ އަޚިސަރް އަތުން ސެވިއްޔާ މޮޅުވީ 3-2 އިންނެވެ. ރަޝިޔާގެ ސްޕާޓަކް މޮސްކޯ އަތުން 4-3 އިން ސްކޮޓްލެންޑްގެ ރޭންޖާސް ބަލިވިއިރު ޖަރުމަންގެ ރެޑްބުލް ލީޕްޒިގު އަތުން ސެލްޓިކް މޮޅުވީ 2-1 އިންނެވެ. ޑެންމާކްގެ ރޮސެންބޯގް އަތުން 5-2 އިން އޮސްޓްރިއާގެ ރެޑްބުލް ސަލްޒްބާގް މޮޅުވިއިރު ރެޕިޑް ވިއެނާ އާއި ވިޔަރެއާލް ކުޅުނު މެޗު ނިމުނީ ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ. މީގެއިތުރުން، ޑުޑްލާންޖް އަތުން 5-1 އިން އޮލިމްޕިއާކޯސް މޮޅުވެފައިވެއެވެ.