ސްޕެއިންގެ ބާސެލޯނާ އަށް ކުޅެމުން އަންނަ ބްރެޒިލް ހުނަރުވެރި މިޑްފީލްޑަރު ފިލިއްޕޭ ކުޓީނިއޯ އަށް އަނިޔާވެ، ދޭއް ނުވަތަ ތިން ހަފްތާއަށް ކުޅުމާ ދުރަށް ދާން ޖެހިއްޖެ އެވެ.
ކުޓީނިއޯގެ ކަނާތު ފަޔަށް އަނިޔާވީ ބުރާސްފަތި ދުވަހު ކުރިއަށްގެންދިޔަ ބާސެލޯނާގެ ފަރިތަކުރުންތަކުގައެވެ. އޭނާ އަށް ކުރިމަތިވި މިއަނިޔާގެ ސަބަބުން ސްޕެނިޝް ލީގުގައި ބާސެލޯނާ އާ ރެއާލް ބެޓިސް އާ ބައްދަލުކުރާ މެޗުގެ އިތުރުން ބްރެޒިލަށް ކުރިއަށް އޮތް އެކުވެރިކަމުގެ ދެމެޗުގައިވެސް އޭނާއަށް ބައިވެރިއެއް ނުވެވޭނެއެވެ. ބްރެޒިލް ކުޅޭ ފުރަތަމަ މެޗުގައި މިމަހުގެ 17 ވަނަ ދުވަހު އުރުގުއޭ އާ ދެކޮޅަށް ނިކުންނައިރު އޭގެ ހަތަރު ދުވަސް ފަހުން ކުޅޭ މެޗުގައި ބައްދަލުކުރާނީ ކެމަރޫންއާ އެވެ.
މިއަނިޔާއިން ރަނގަޅުވެ ދެހަފްތާގެ ތެރޭގައި ކުޓީނިއޯ އަށް ކުޅުމަށް އެނބުރި އާދެވިއްޖެނަމަ ލީގުގައި މިމަހުގެ 25 ވަނަ ދުވަހު ރަށުން ބޭރުގައި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗުގައި އޭނާ އަށް އަށް ކުޅެވޭނެއެވެ.
ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ އާއި ސެމުއެލް އުމްޓީޓީ ވަނީ އަނިޔާއިން ރަނގަޅުވެ އެޓީމުގެ އެންމެ ފަހުގެ ތަމްރީންތަކުގައި ބައިވެރިވެފައެވެ. ނަމަވެސް، ބަނޑުގެ އިންފެކްޝަނެއްކަމަށްވާ ގެސްޓްރޮއެންޓަރައިޓިސްގެ ސަބަބުން އެޓީމުގެ އޮސްމާނޭ ޑެމްބެލޭ އަށް ވަނީ ބުރާސްފަތި ދުވަހު ބޭއްވުނު ފަރިތަކުރުންތަކުގައި ބައިވެރިވެވޭގޮތްނުވެފައެވެ.
ކުޓީނިއޯގެ ބަދަލުގައި ބާސެލޯނާ ޓީމުގައި އޭނާ ނެތްތަން ފޫބައްދާނީ ޑެމްބެލޭ ނުވަތަ މެލްކޮމް އެވެ. ޔުއެފާ ޗެމްޕިއަންސް ލީގުގައި ބާސެލޯނާ އެންމެ ފަހުން އިންޓަ މިލާނާ ދެކޮޅަށް ރަށުން ބޭރުގައި ކުޅެ 1-1 އިން އެއްވަރުވި މެޗުގައި އެޓީމުން ކާމިޔާބުކުރި ހަމައެކަނި ލަނޑުޖަހައިދިނީވެސް ބްރެޒިލްގެ ވިންގާ މެލްކޮމް އެވެ.
ބާސެލޯނާއާއެކު މިސީޒަނުގައި މޮޅުކުޅުމެއް ދައްކަމުން އަންނަ ކުޓީނިއޯ ވަނީ މިހާތަނަށް އެޓީމަށް ކުޅުނު 16 މެޗުގައި 5 ގޯލް ކާމިޔާބުކޮށް އިތުރު 4 ލަނޑުޖެހުމަށް އެހީތެރިވެދީފައެވެ.