Last Updated: November 26, 16:25
Tuesday, November 26, 2024
ކުޅިވަރު

ލެސްޓާގެ ކުރީގެ ވެރިޔާ ވިޗާއިގެ ޝަރަފުގައި ސްޓެޗޫއެއް ބަހައްޓަނީ

މިދިޔަ މަހު ހިނގާދިޔަ ހެލިކޮޕްޓަރު ވެއްޓުމުގެ ހާދިސާގައި މަރުވި ތައިލެންޑްގެ ބިލިއަނަރު އަދި އިނގިރޭސި ކްލަބް ލެސްޓާ ސިޓީގެ ކުރީގެ ޗެއާމަން ވިޗާއި ސްރިވަދަނަޕްރަބާ އެކްލަބު ކުރިއެރުވުމަށް ކޮށްފައިވާ މަސައްކަތުގެ އަގު ވަޒަންކޮށް އެކަމުގެ ޝަރަފުގައި އޭނާގެ ސްޓެޗޫ އެއް ކިންގޕަވާ ސްޓޭޑިއަމްގެ ބޭރުގައި ބަހައްޓާ ގޮތަށް ނިންމައިފިއެވެ.

އުމުރުން 60 އަހަރުގެ ވިޗާއި މަރުވީ، މިދިޔަ އޮކްޓޫބަރު މަހުގެ 27 ވަނަ ދުވަހު ކުޅެވުނު ލެސްޓާ ސިޓީ އާ ވެސްޓްހޭމް ބައްދަލުކުރި މެޗު ބެލުމަށްފަހު އޭނާ ދަތުރުކުރަމުންދިޔަ ހެލްކޮޕްޓަރު ވެއްޓުނީ ސްޓޭޑިއަމްގެ ކައިރީގައި އޮތް ޕާކިން ޒޯނަކުން ނައްޓާލިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައެވެ. މި ހިތާމަވެރި ހާދިސާގައި ވިޗާއިގެ އިތުރުން އެބޯޓުން ދަތުރުކުރި އިތުރު ހަތަރު މީހަކު ވެސް ވަނީ މަރުވެފައެވެ.

ލެސްޓާ ހިންގުމާއި މިހާރު ހަވާލުވެ ހުރި ވިޗާއިގެ ދޮށީ ދަރިފުޅު އަދި އެކްލަބުގެ ވައިސް ޗެއާމަން އައިޔަވާތު ސްރިވަދަނަޕްރަބާ ބުނިގޮތުގައި އޭނާގެ ބައްޕަ އަދި ލެސްޓާގެ ކުރީގެ ވެރިޔާ ވިޗާއި އެކްލަބު ކުރިއެރުވުމަށް ކުރި މަސައްކަތްތަކަށް އަގު އަދާނުކުރެވޭނެ ކަމަށާއި އޭނާގެ އަމާޒަކީ އޭނާގެ ބައްޕަ ކުރި މަސައްކަތާއިގެން ކުރިއަށްގޮސް، ލެގަސީ ދިރުވުން ކަމަށެވެ.

"އަހަރެން ގަސްދުކުރަނީ ބައްޕަ މިކްލަބް މިހާރު މިއޮތް ހަރުފަތަށް ގެންދިއުމަށް ކުރި ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދާއިމީގޮތެއްގައި އެކަންތައް ފާހަގަވެގެންދާނެގޮތަށް ކިންގޕަވާ ސްޓޭޑިއަމްގެ ބޭރުގައި ސްޓެޗޫއެއް ބަހައްޓަން. އަހަރެމެންގެ ހިތްތަކުން ދުވަހަކުވެސް އެކަންތައްތައް ފޮހެވިގެން ނުދާނެ." އައިޔަވާތު ބުންޏެވެ.

ތައިލެންޑުގެ ކިންގް ޕަވާ ކޮމްޕެނީގެ ވެރިޔާ ވިޗާއީ، ލެސްޓާ ހިންގުމާއި ހަވާލުވެ މި ހޭދަވީ 8 އަހަރުގެ ތެރޭގައި އެ ޓީމުން 2016 ވަނަ އަހަރު ޕްރިމިއާ ލީގު ކާމިޔާބުކުރުމަކީ ފުޓްބޯޅަ ތާރީހުގައި ވެސް ފެނުނު އެންމެ ހައިރާންކުރުވަނިވި އެއް ނަތީޖާ އެވެ. އެ ކާމިޔާބީއާ އެކު ލެސްޓާ އަށް އެތައް ބަޔެއްގެ ލޯތްބާއި އިހުތިރާމް ލިބުނެވެ.

ޕްރިމިއާ ލީގުގައި މިރޭ ލެސްޓާ އާ ބާންލޭ ބައްދަލުކުރާ މެޗު ފެށުމުގެ ކުރީން ސްޓޭޑިއަމްގެ ހުރިހާ ސްކްރީނަކުން ވިޗާއިގެ ހަނދާނުގައި ވީޑިއޯ ޓްރިބިއުޓެއް ދެއްކުމަށް ހަމަޖެހިފައިވާއިރު އިނގިރޭސި ވިލާތުގެ އާމްޑް ސާވިސަސް އާއި މިދިޔަ މަހު ހިނގާދިޔަ ހެލިކޮޕްޓަރު ވެއްޓުމުގެ ހާދިސާގައި މަރުވި މީހުންގެ ޝަރަފުގައި ދެމިނެޓުގެ ހަމަހިމޭންކަމުގެ ސުކޫތެއް ދިނުމަށްވަނީ ހަމަޖެހިފައެވެ.