Last Updated: November 26, 16:25
Tuesday, November 26, 2024
ކުޅިވަރު

އަނިޔާއިން ރަނގަޅުވެ މެސީ ކުޅުނު ފުރަތަމަ މެޗުން ބާސާ ބަލިވެއްޖެ

އަނިޔާގެ ސަބަބުން ބާސެލޯނާ އެންމެ ފަހުން ކުޅުނު ފަސް މެޗު ލިއޮނަލް މެސީ އަށް ގެއްލުނު ނަމަވެސް އަނިޔާއިން ރަނގަޅުވެ ކުޅުނު ފުރަތަމަ މެޗުގައި ރޭ ލީގުގައި އަމިއްލަ ދަނޑުގައި ރެއާލް ބެޓިސް އަތުން އެޓީމު ބަލިވެއްޖެއެވެ. މިމެޗުން ބެެޓިސް މޮޅުވީ 4-3 އިންނެވެ.

މިއީ ބާސެލޯނާގެ މިހާރުގެ ކޯޗު އާނެސްޓޯ ވަލްވާޑޭގެ އިރުޝާދުގެ ދަށުން އެޓީމު ލީގުގައި އަމިއްލަ ދަނޑުގައި ކުޅެ ބަލިވި ފުރަތަމަ މެޗެވެ. މީގެއިތުރުން، މިއީ 2003 ވަނަ އަހަރު އޭޕްރީލް މަހު ޑިޕޯޓިވޯ ލަ ކޮރޫނާ އަތުން 4-2 އިން ބަލިވި މެޗުގެ ފަހުން އަމިއްލަ ދަނޑުގައި ކުޅުނު މެޗަކުން އެޓީމުގެ ކޮޅަށް ހަތަރު ގޯލް ވަން ފުރަތަމަ ފަހަރެވެ.

ބާސެލޯނާގެ ކޭމްޕް ނޯގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި މޮޅުކުޅުމެއް ދައްކައި ބެޓިސް އިން ވަނީ ދެލަނޑު ޖަހައި ބާސެލޯނާ ސިއްސުވާލައިފައެވެ.

މެޗުގެ 20 ވަނަ މިނެޓުގައި ބެޓިސްގެ ފުރަތަމަ ލަނޑު ވިލިއަމް ކަވާލިއޯ ތަނަވަސްކުރި ފުރުޞަތަކުން ޖޫނިއާ ފިރްޕޯ ޖެހިއިރު، 34 ވަނަ މިނެޓުގައި އަނެއް ލަނޑު ކާމިޔާބުކުރީ ތަޖުރިބާކާރު މިޑްފީލްޑަރު ވަކީން ސަންޗޭޒް އެވެ. މިއީ ކުރިން ބާސެލޯނާއަށް ކުޅުނު ކްރިސްޓިއަން ޓެޔޯ ދިން ބޯޅައަކުން ވަކީން ކާމިޔާބުކުރި ގޯލެކެވެ.

ބާސެލޯނާގެ އެޓޭކްގައި މުހިއްމަ ދައުރެއް އަދާކުރާ ފިލިއްޕޭ ކުޓީނިއޯގެ އިތުރުން އޮސްމާނޭ ޑެމްބެލޭ ނެތި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި އެޓީމުގެ ފަރާތުން ވަރަށް އާދައިގެ ކުޅުމެއް ފެނިގެންގޮސްފައިވާއިރު ބެޓިސް އިން ވަނީ ގިނަ ހަމަލާތަކެއް އުފައްދާފައެވެ. މިހާފު ނިމުނީ 2-0 އިން ބެޓިސް ކުރީގައިއޮވެގެންނެވެ.

ދެވަނަ ހާފަށް ބާސެލޯނާ ނިކުތްއިރު ކޯޗު ވަލްވާޑޭ ވަނީ އާތުރް މެލޯގެ ބަދަލުގައި އާތުރޯ ވިޑާލް ކުޅެން ނެރެފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ބާސެލޯނާގެ ކުޅުން ކުރިއަށްވުރެ ރަނގަޅުވިއެވެ.

މިމެޗުގައި ބާސެލޯނާއިން ކާމިޔާބުކުރި ފުރަތަމަ ގޯލް، މެޗުގެ 68 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޖަހައިދިނީ މެސީ އެވެ. މިއީ އެޓީމުގެ ޖޯޑީ އަލްބާ އަށް ބެޓިސްގެ ޓެޔޯ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.

އޭގެ ތިން މިނެޓުފަހުން، ޖިއޮވާނީ ލޮ ސެލްސޯ ވަނީ ބެޓިސް އަށް އަލުން ދެލަނޑުގެ ލީޑް ހޯދައިދީފައެވެ. މިލަނޑުޖެހުމަށް އެހީތެރިވެދިނީވެސް މުޅި މެޗުގައި ރަނގަޅު ކުޅުމެއް ދެއްކި ޓެޔޯ އެވެ.

މެޗުގެ 79 ވަނަ މިނެޓުގައި މިހާފުގައި ކުޅެން ނިކުތް ވިޑާލް ވަނީ ބާސެލޯނާ އަށް ފަރަގު ކުޑަކޮށްދީފައެވެ. އޭގެ ކުޑައިރުކޮޅެއްފަހުން، ބާސެލޯނާގެ އިވާން ރަކިޓިޗް އަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑު ދެއްކުމުން އެޓީމުން މެޗުގެ ފަހުބައި ކުޅުނީ 10 ކުޅުންތެރިންނާއެކު އެވެ.

ލީގުގައި ރޭ ސެލްޓާ ވިގޯ އާ ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުނު މެޗުގެ ތެރެއިން. –ފޮޓޯ: ލަލީގާ

މެޗުގެ ފުރިހަމަ ވަގުތުހަމަވާން ހަތް މިނެޓަށްވެފައިވަނިކޮށް، ބެޓިސްގެ ހަތަރުވަނަ ލަނޑުޖަހައިދިނީ ސާޖިއޯ ކެނާލެސް އެވެ. މިއީ އެޓިމުގެ ފުރަތަމަ ލަނޑުޖަހައިދިން ޖޫނިއާ ފިރްޕޯ ދިން ބޯޅައަކުން ކެނާލެސް ކާމިޔާބުކުރި ގޯލެކެވެ.

މިމެޗުގެ އިތުރުވަގުތުގެ ދެވަނަ މިނެޓުގައި މެސީ އިތުރު ލަނޑެއްޖަހައިދިން ނަމަވެސް ބާސެލޯނާ އަށް މިމެޗުން މޮޅުވެވޭގޮތެއްނުވިއެވެ.

މިމުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ރަށުން ބޭރުގައި ސެލްޓާ ވިގޯ އާ ދެކޮޅަށް ކުޅެ ރެއާލް މެޑްރިޑް 4-2 އިން މޮޅުވިއިރު ސެވިއްޔާ ވަނީ އަމިއްލަ ދަނޑުގައި ކުޅެ 2-1 އިން އެސްޕަންޔޯލް ބަލިކޮށްފައެވެ.

ސެލްޓާ ކޮޅަށް ރެއާލުން ވައްދާލި ލަނޑުތައް ކާމިޔާބުކޮށްދިނީ ކަރީމް ބެންޒެމާ އާއި ސާޖިއޯ ރާމޮސް އަދި ޑެނީ ސެބަޔޯސް އެވެ. ރެއާލްގެ އަނެއް ލަނޑަކީ ސެލްޓާގެ ގުސްޓާވޯ ކަބްރާލް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

ލީގުގައި ރޭ ކުޅުނު މެޗުތަކަށްފަހު، އަދިވެސް އެއްވަނައިގައި އޮތީ ބާސެލޯނާ އެވެ. އެއީ މިހާތަނަށް ކުޅުނު 12 މެޗުން 24 ޕޮއިންޓް ހަމަކޮށްގެންނެވެ. ދެވަނައިގައި އޮތް ސެވިއްޔާ އަށް 23 ޕޮއިންޓް ލިބިފައިވާއިރު ތިން ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑާއި ހަތަރުވަނައިގައި އޮތް ޑިޕޯޓިވޯ އަލަވެސް އަށް ވެސް މިއަދަދަށް ޕޮއިންޓް ލިބިފައިވެއެވެ. ސެވިއްޔާ އަށް ކުރި ލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ. ރެއާލަށް 12 މެޗުން 20 ޕޮއިންޓް ލިބިފައިވާއިރު އެޓީމު އޮތީ ހަވަނައިގައެވެ.