އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެންޗެސްޓާ ޑާބީގައި ވާދަވެރި މެންޗެސްޓާ ޔުނައިޓެޑް އަތުން 3-1 އިން މޮޅުވެ މެންޗެސްޓާ ސިޓީ، ލީގު ތާވަލްގެ އެއް ވަނަ އަށް އަލުން ޖެހިލައިފިއެވެ.
މިއީ މިދެޓީމު އެންމެ ފަހުން ކުޅުނު ހަ މެޗުގެ ތެރެއިން ސިޓީ މޮޅުވި ދެވަނަ ފަހަރެވެ. ޔުނައިޓެޑް ތިން މެޗުން މޮޅުވިއިރު އެއް މެޗުން އެއްވަރުވެފައިވެއެވެ.
ރޭގެ މެޗަށް ސިޓީ ނިކުތްއިރު އިއްޔެ ހަވީރު ކުޅުނު މެޗުން ފުލަމް އަތުން ލިވަޕޫލް މޮޅުވެ އޮތީ އެއްވަނައިގައެވެ. ސިޓީ އަލުން އެއްވަނަ އަށް އެރީ މިހާތަނަށް ކުޅުނު 12 މެޗުން 32 ޕޮއިންޓް ހަމަކޮށްގެންނެވެ. ލިވަޕޫލް ދެވަނައިގައި އޮތީ 30 ޕޮއިންޓާއެކުގައެވެ. ތިންވަނައިގައި އޮތް ޗެލްސީ އަށް 28 ޕޮއިންޓް ލިބިފައިވާއިރު ހަތަރުވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާ އަށް ލިބިފައިވަނީ 27 ޕޮއިންޓެވެ.
ޔުނައިޓެޑުން މިމެޗަށް ނިކުތީ ޔުއެފާ ޗެމްޕިއަންސް ލީގުގައި އެންމެ ފަހުން ރަށުން ބޭރުގައި ކުޅެ ޔުވެންޓަސް އަތުން މޮޅުވި މެޗުގެ ފުރަތަމަ އެގާރައަށް ދެ ބަދަލެއް ގެނެސްގެންނެވެ. އެގޮތުން، އެޓީމުގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ އަށް އަނިޔާގެ ސަބަބުން މިމެޗުގައި ނުކުޅެވޭތީވެ އޭނާގެ ބަދަލުގައި މަރުއާން ފެލައިނީ ހިމަނާފައިވާއިރު އަލެކްސިސް ސަންޗޭޒްގެ ބަދަލުގައި މާކަސް ރަޝްފޯޑް އަށް ވެސް ވަނީ މިމެޗުގެ ފުރަތަމަ އެގާރައިން ފުރުޞަތުދީފައެވެ. މީގެއިތުރުން، ޔުނައިޓެޑް އެންމެ ފަހުން ކުޅުނު ތިން މެޗުގައި އަނިޔާގެ ސަބަބުން ނުކުޅެވުނު ރޮމެލޫ ލުކާކޫ ވަނީ މިމެޗަށް ނެގި ސްކޮޑުގައި ހިމަނާފައެވެ.
ސިޓީގެ އެތިހާދު ސްޓޭޑިއަމްގައި ކުޅުނު މިމެޗުގެ 12 ވަނަ މިނެޓުގައި އެޓީމަށް ލީޑް ނަގައިދިނީ ކެޕްޓަން ޑޭވިޑް ސިލްވާ އެވެ. މިއީ އެޓީމުގެ ޕޯޗުގީޒް މިޑްފީލްޑަރު ބަނާޑޯ ސިލްވާ ތަނަވަސްކުރި ފުރުޞަތަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ. މިއީ ލީގުގައި ސިލްވާ ޖެހިޖެހިގެން ލަނޑުޖެހި ތިންވަނަ މެޗެވެ.
މިމެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑްގެ ފަރާތުން އެދެވޭ ކުޅުމެއް ފެނިގެންގޮސްފައިނުވާއިރު ސިޓީގެ ގޯލަށް އަމާޒުކޮށް އެޓީމަށް އެންމެ ހަމަލާއެއްވެސް ފޮނުވާލެވިފައެއްނުވެއެވެ. މިހާފު ނިމުނީ 1-0 އިން ސިޓީ ކުރީގައިއޮވެގެންނެވެ.
ދެވަނަ ހާފު ފެށިގެން ތިންވަނަ މިނެޓުގައި ސިޓީގެ ރިޔާދް މާރޭޒް ދިން ޕާހަކުން ސާޖިއޯ އަގުއޭރޯ ވަނީ އެޓީމަށް ދެލަނޑުގެ ލީޑެއް ނަގައިދީފައެވެ.
ސިޓީއިން ދެލަނޑުގެ ލީޑެއް ނެގުމުން، ޔުނައިޓެޑުން ވަނީ އެޓީމުގެ އެޓޭކް ވަރުގަދަކުރުމުގެ ގޮތުން ޖެސޭ ލިންގާޑުގެ ބަދަލުގައި ލުކާކޫ ކުޅެން ނެރެފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، ލުކާކޫ ވަނީ ކުޅެން އެރިތާ މާގިނައިރެއް ނުވަނީސް އެޓީމަށް ޕެނަލްޓީއެއް ހޯދައިދީފައެވެ.
މެޗުގެ 58 ވަނަ މިނެޓުގައި ލުކާކޫ އަށް ސިޓީގެ ގޯލްކީޕަރު އެޑަސަން މޮރައެސް ކުރި ފައުލަށް ރެފްރީ ދިން ޕެނަލްޓީ ކާމިޔާބުކޮށްދިނީ މިވަގުތު ރަނގަޅު ފޯމެއްގައި ހުރި އެންތަނީ މާޝިއަލް އެވެ. މި ލަނޑާއެކު މާޝިއަލް މިވަނީ ލީގުގައި ޖެހިޖެހިގެން ފަސް މެޗުގައި ޔުނައިޓެޑަށް ލަނޑު ޖަހައިދީފަ އެވެ. އޭނަ އަކީ ޔުނައިޓެޑްގެ ތާރީހުގައި އެކަން ހާސިލްކުރި ފަސް ވަނަ ކުޅުންތެރިޔާ އެވެ.
ސިޓީ އަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޖަރުމަނުގެ މިޑްފީލްޑަރު އިލްކާއި ގުންޑޮގާން އެވެ. މެޗުގެ 86 ވަނަ މިނިޓްގައި ގުންޑޮގާން މި ލަނޑު ޖެހީ ބަނާޑޯ ސިލްވާ ނަގައިދިން ހުރަހަކުން ލިބުނު ބޯޅައެއް ވަރަށް ހަމަޖެހިލާފައި ގޯލްގެތެރެއަށް ވައްދާލައިގެންނެވެ.
ލީގުގައި ރޭ ލިވަޕޫލް ކުޅުނު މެޗުގައި އަމިއްލަ ދަނޑުގައި ފުލަމް އަތުން 2-0 އިން އެޓީމު މޮޅުވިއިރު ލަނޑުތައް ޖަހައިދިނީ މުހައްމަދު ސަލާހް އާއި ޒެރްދާން ޝަކީރީ އެވެ.
މިމުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، އަމިއްލަ ދަނޑުގައި އެވަޓަން އާ ދެކޮޅަށް ޗެލްސީ ކުޅުނު މެޗު ދެޓީމަށް ލަނޑެއްނުޖެހި އެއްވަރުވިއިރު އާސެނަލް އާ ވުލްވަހެމްޕްޓަން ވޮންޑަރާސް ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މިމެޗުގެ ކުރީކޮޅު، ވުލްވްސްގެ އިވާން ކަވަލޭރޯ ކާމިޔާބުކުރި ގޯލުން އެޓީމު މޮޅުވާން ދަނިކޮށް އާސެނަލަށް އެއްވަރުކޮށްދިނީ މެޗު ނިމެން ހަތަރު މިނެޓަށްވެފައިވަނިކޮށް ފަހު ހާފުގައި ކުޅެން ނިކުތް ހެންރިކް މިކިތާރްޔަން އެވެ.