ކޮންމެ ދަރިއެއް ވެސް ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރުމަކީ ބެލެނިވެރިންގެ މައްޗަށް ވާޖިބް ކަމެކެވެ. ދަރިން އުޅެނީ ކޮން ގޮތަކަށް ކަމާއި އުޅޭ ތަނެއް ބެލުމަކީ ބެލެނިވެރިން ކުރަން ޖެހޭ ކަމަކަށް ވާއިރު މިހާރަކަށް އައިސް މިކަންތައްތަކަށް އިޙްމާލްވާ ކަން ފާހަގަ ކުރެވެ އެވެ.
ދަރިންނަށް ނަމޫނާ ބަޔަކަށް ބެލެނިވެރިން ވާން ޖެހޭ އިރު ބެލެނިވެރިންގެ ފަރާތުން ދަރިންނަށް ނަމޫނާ ދެއްކިފައެއް ނުވެ އެވެ. ހާއްސަކޮށް ދަރިންގެ މަދުރަސީ ދައުރުގައި ބެލެނިވެރިން މިކަމަށް ވަރަށް ބޮޑަށް ސަމާލުވާން ޖެހެ އެވެ.
ދާދި ފަހުން ވެސް އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ ދަރިވަރުންގެ ކުރިމަތީގައި ބެލެނިވެރިންގެ ވަރަށް ދަށު ދަރަޖައިގެ އަމަލެކެވެ.
ހދ. ކުމުންދޫ ސްކޫލްގައި ފިޒިކްސް ކިޔަވައިދޭ އިންޑިއާ ޓީޗަރަކު ދަރިވަރަކު ގައިގައި ޖެހި ކަމަށް ބުނެ ބެލެނިވެރިންތަކެއް ނުކުމެ ޓީޗަރަށް ހަމަލާދީ ޒަޚަމްކޮށްލި މަންޒަރެވެ. މިއީ ވަރަށް ހިތާމަ ހުރި ކަމެކެވެ. މިފަދަ ގޮތަކަށް މައިންބަފައިން އަމަލު ކުރުމުން އެދެވެނީ ގޯސް އަދި އެ ދެއްކެނީ މައިންބަފައިންގެ ފަރާތުން ދަރިންނަށް ނުބައި މެސެޖެކެވެ.
މުދައްރިސް އަމަލު ކުރަން ޖެހޭ މިންގަޑުން ބޭރުން ކަމެއްކޮށްފި ނަމަ އެކަމުގައި އަމަލު ކުރާނެ ހަރުދަނާ އުސޫލުތަކެއް ވެސް އޮވެ އެވެ. ބިދޭސީ ޓީޗަރުން ކުދިންގެ ގައިގައި ތަޅާ ކަމުގެ ޝަކުވާ މީގެ ކުރިން ވެސް އައިސްފައިވާ ކަމަށް މި ޙާދިސާ އަށް ފަހު އިވެން ފެށި އެވެ. ދެ ފަރާތުގެ ވެސް މައްސަލަތައް އެބަހުއްޓެވެ.
އެންމެ ފުރަތަމަ އިސްކުރަންވީ އަތެއް ނޫނެވެ. ކަންތައްވެފައި ހުރި ގޮތާއި އެކަމާ ގުޅޭ މައުލޫމާތު ސާފުކޮށް ފިޔަވަޅު އަޅަން ޖެހޭ ފަރާތަކަށް އަންގާނީ އެވެ.
ދަރިން ހަމައެކަނި ތަރުބިއްޔަތު ކުރެވޭނީ މަދުރަސާއަކަށް ފޮނުވައިގެނެއް ވެސް ނޫނެވެ. ގޭތެރެއިން ވެސް ދަރިން ތަރުބިއްޔަތު ކުރަން ޖެހޭނެ އެވެ.
ދަރިންނާއި އެކު ގިނަ ވަގުތު ހޭދަ ކުރަން ޖެހޭނެ އެވެ. އޭރުން ބެލެނިވެރިންގެ ރީތި އާދަތައް ދަރިންނަށް ފެނި ދަރިންގެ އުޅުމަށް ބަދަލު އަންނާނެ އެވެ.