ބަޖެޓު ތަންފީޒު ކުރެވޭނީ ކޮރަޕްޝަނާއި ފަސާދައާއި ދުރު ބޭފުޅުން ސަރުކާރާ ހަވާލުވެގެން ކަމަށް ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.
މިއަދު ކުރިޔަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބަޖެޓް ބަހުސްގައި ވާހަކަދައްކަވަމުން އަބްދުލްޣަފޫރު މޫސާ ވިދާޅުވީ ބަޖެޓުގެ އަދަދަކީ 29 ބިލިއަން ރުފިޔާ ކަމަށްވީ ނަމަވެސް މިހާރު މިއޮތް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފައިސާ ނުދައްކާ އޮތް ހަ ބިލިއަން ރުފިޔާގެ ބިލްތައް ހުންނާނެ ކަމަށް ބެލެވޭތީ ބަޖެޓަށް ބަދަލުތަކެއް އަންނާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
މިއީ ރިޔާސީ އިންތިހާބެއް ނިމިގެން ދިޔަ އަހަރެއް ވީމާ ބޮޑެތި މަޝްރޫއުތަކެއް ހިންގަން ފަށާފައި އެބަހުރި ކަަމަށާއި އެހެންކަމުން އާ ސަރުކާރަށް ބޮޑެތި ގޮންޖެހުންތަކެއް ހުރި ނަމަވެސް ހިނގަމުންދާ މަޝްރޫއުތައް ހުއްޓާނުލާނެ ކަމަށްވެސް ވިދާޅުވި އެވެ.
އަބްދުލްޣަފޫރު މޫސާ ވިދާޅުވީ މިހާރު މިއޮތް ސަރުކާރުން ހިންގާފައިވާ ކޮރަޕްޝަންގެ އަމަލުތަކާއި ގުޅިގެން ބަޖެޓް ތަންފީޒު ނުކުރެވި ދައުލަތުގެ ކުންފުނިތައް ވެސް ބަނގުރޫޓް ކޮށްލާފައިވާ ކަމަށެވެ. އެކަމަކު އާ ސަރުކާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ކޮރަޕްޝަންގެ އަމަލުތައް ނުހިންގާނެ ކަމުގެ ޔަގީންކަން އެބައޮތް ކަން ޣަފޫރު ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ އާ ސަރުކާރުން އެކުލަވާލާ ބަޖެޓެއްގައި މުޅިންވެސް ހިމަނާނީ ރައްޔިތުން އުފާ ގޮތަށް ކަންކަން ކުރުމަށް ބޭނުންވާ މަޝްރޫއުތައް ހިންގުމަށް ކަމަށެވެ.