ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ތަރައްގީގެ ބިޔަ މަޝްރޫއު ކުރިއަށް ގެންދިއުމަށް އަންނަ އަހަރުގެ ބަޖެޓުގައި ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ހިމަނައިފި އެވެ.
އިއްޔެ ރައްޔިތުންގެ މަޖިލީހަށް ފިނޭންސް މިނިސްޓަރު އަހްމަދު މުނައްވަރު ހުށަހެޅުއްވި ބަޖެޓުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމަށް 1.7 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ އެވެ.
ބަޖެޓުގައިވާ ގޮތުން ވީއައިއޭ ތަރައްގީކުރަން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން 2016 ވަނަ އަހަރު ފެށި މަޝްރޫއު ކުރިއަށް ގެންދިއުމަށް ފައިސާ ހިމެނީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވާއިރު ވީއައިއޭގެ ޓާމިނަލްއާ އެކު ޒަމާނީ އެއާޕޯޓެއް ތަރައްގީކުރަން ޖެހޭތީ އެެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ ބޮޑު މަޝްރޫއަށް 800 މިލިއަން ޑޮލަރު ނުވަތަ 12.3 ބިލިއަން ރުފިޔާއަށް ވުރެ ބޮޑު ހަރަދެއް ކުރުމަށް ރައީސް ޔާމީންގެ ސަރުކާރުން ވަނީ ނިންމާފަ އެވެ.
ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ކުރާ އެންމެ މުހިއްމު މަސައްކަތަކީ ވެސް އާ ރަންވޭ ހެދުމެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭ އަކީ ދުނިޔޭގައި މިވަގުތު ބޭނުންކުރާ އެންމެ ބޮޑެތި މަތިންދާ ބޯޓުތައް ޖެއްސޭ ގޮތަށް ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާމިނުގައި 65 މީޓަރު ހުންނަ ގޮތަށް ހަދާފައިވާ ރަންވޭ އެކެވެ. ޗައިނާގެ އެގްޒިމް ބޭންކުން 400 މިލިއަން ޑޮލަރުގެ ލޯނު ނަގައިގެން އާ ރަންވޭ ހަދަން ހަވާލުކުރީވެސް ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އަށެވެ.
މިމަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން އެއާޕޯޓުގެ އާ ޓާމިނަލް އެޅުމުގެ މަސައްކަތް ސައޫދީ އަރަބިއްޔާގެ ބިން ލާދިން ގްރޫޕުން ގެންދަނީ ކުރަމުންނެވެ. މިމިމަަސައްކަތަށް ގާތްގަނޑަކަށް 350 މިލިއަން ޑޮލަރު ނުވަަތަ 5.3 ބިލިއަން ރުފިޔާ ހަރަދުކުރުމަށް ވަނީ ނިންމާފަ އެވެ.