2019ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ސިޔާސީ ޕާޓީ ތަކަށް ދޫކުރުމަށް 25 މިލިއަން ރުފިޔާ ހިމަނައިފި އެވެ.
ފިނޭންސް މިނިސްޓަރު މިދިޔަ ހޯމަ ދުވަހު މަޖިލީހަށް ހުށަހެޅުއްވި 29.6 ބިލިއަން ރުފިޔާގެ ބަޖެޓުގައި 2019 ވަނަ އަހަރު ސިޔާސީ ޕާޓީ ތަކަށް ދޫކުރުމަށް ހިމަނާފައިވާ މިވާ 25.6 މިލިއަން ރުފިޔާއަކީ މިހިނގާ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ހިމެނި އަދަދަށް ވުރެ އެއް މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. ދައުލަތުގެ ބަޖެޓުން 2018 ވަނަ އަހަރު ސިޔާސީ ޕާޓީ ތަކަށް ދޫކޮށްފައިވަނީ 24 މިލިއަން ރުފިޔާ އެވެ.
ސިޔާސީ ޕާޓީ ތަކުގެ ގާނޫނުގެ 34 ވަނަ މާއްދާގައި ބުނެފައިވަނީ ދައުލަތުގެ ބަޖެޓުން ދޭ ފައިސާގެ އެހީ ސިޔާސީ ޕާޓީތަކުގެ މެދުގައި ބަހާނީ ސިޔާސީ ޕާޓީގެ ދަފްތަރުގައި އެ ޕާޓީގެ މެމްބަރުންގެ ގޮތުގައި ރަޖިސްޓްރީ ކުރެވިފައިވާ މެމްބަރުންގެ އަދަދުގެ ނިސްބަތުންނެވެ. އެގޮތުން ރަޖިސްޓްރީވެފައިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން 10،000 މެމްބަރުން ހަމަނުވާ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ނުލިބޭނެ ކަމަށްވެސް ގާނޫނުގައި ބުނެ އެވެ.
މިހިނގާ އަހަރު ދައުލަތުގެ ބަޖެޓުން ފައިސާ ލިބިފައިވަނީ ހަތަރު ޕާޓީ އަކަށެވެ. އެއީ ޕީޕީއެމްއާއި އެމްޑީޕީއާއި ޖުމްހޫރީ ޕާޓީގެ އިތުރުން އެމްޑީއޭ އެވެ.
މެންބަރުން އެންމެ ގިނަ ޕާޓީގެ ހައިސިއްޔަތުން ޕީޕީއެމްއަށް 11.5 މިލިއަން ރުފިޔާ ދޫކުރުމަށް ނިންމާފައިވެއެވެ. އެހެން ނަމަވެސް އެޕާޓީގެ ލީޑާޝިޕާ މެދު ސުވާލު އުފައްދާ، ކޯޓަށް މައްސަަލަ ހުށަހަޅާފައިވާތީ މިއަހަރުގެ މިހާތަނަށް އެޕާޓީއަށް ދޫކޮށްފައިވަނީ 3.5 މިލިއަން ރުފިޔާ އެވެ. އަދި ބާކީ ހުރި ފައިސާ ވަނީ ނުދީ ހިފަހައްޓާފައެވެ. އެމްޑީޕީއަށް 7.5 މިލިއަން ރުފިޔާ ދޫކޮށްފައިވާ އިރު އެމްޑީއޭއަށް 2.7 މިލިއަން ރުފިޔާ އަދި ޖުމްހޫރީ ޕާޓީ އަށް 2.6 މިލިއަން ރުފިޔާ ވަނީ ދޫކޮށްފަ އެވެ.
ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުން ސިޔާސީ ޕާޓީ ތަކަށް 25 މިލިއަން ރުފިޔާ ދޫކުރުމަށް ބަޖެޓުގައި ހިމަނާފައިވީ ނަމަވެސް ސިޔާސީ ޕާޓީ ހިންގުމަށް ދައުލަތުގެ ބަޖެޓުން ދޫކުރާ ޖުމްލަ ފައިސާގެ އަދަދު އަހަރަކު 10 މިލިއަނަށްވުރެ އިތުރު ނުވާނެ ގޮތް ހެދުމަށް ވެރިކަން ކުރާ ޕީޕީއެމްގެ ފަރާތުން ވަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ހުށަހަޅާފަ އެވެ. ނަމަވެސް މިއިސްލާހު މަޖިލީހުން އަދި ފާސްކޮށްފައެއް ނުވެ އެވެ.