މެންޗެސްޓާ ޔުނައިޓެޑް އަދި އިންގްލެންޑްގެ ކުރީގެ ކެޕްޓަން ވޭން ރޫނީ ގައުމީ ޓީމަށް ކުޅުނު ފަހު މެޗުގައި ރޭ އެމެރިކާ އަތުން ފަސޭހަކަމާއެކު މޮޅުވެއްޖެއެވެ. މިމެޗު އިންގްލެންޑުން ކާމިޔާބުކުރީ 3-0 އިންނެވެ.
އިންގްލެންޑްގެ ވެމްބްލީގައި ރޭ ކުޅުނު މިމެޗު ފެށިގެން ނުވަ ވަނަ މިނެޓުގައި ބޯންމައުތަށް ކުޅޭ ކެލުމް ވިލްސަން އަށް އިންގްލެންޑަށް ލީޑްނަގައިދިނުމަށް ލިބުނު ފުރުޞަތުގެ ބޭނުންހިފޭގޮތްނުވިއިރު އޭގެ ހަތަރު މިނެޓު ފަހުން، ޖެސޭ ލިންގާޑް ފޮނުވާލި ހަމަލާ އެމެރިކާގެ ގޯލްކީޕަރު ބްރެޑް ގުޒާން ވަނީ މަތަކޮށްފައެވެ.
މެޗުގެ 24 ވަނަ މިނެޓުގައި އެމެރިކާ އަށް ލަނޑުޖެހުމަށް ލިބުނު ފުރަތަމަ ފުރުޞަތުގައި ކްރިސްޓިއަން ޕުލިސިޗް ފޮނުވާލި ބޯޅަ އިންގްލެންޑްގެ ގޯލްކީޕަރު ޖޯޑަން ޕިކްފޯޑް މަތަކުރިއިރު އޭގެ މިނެޓެއްފަހުން، އިންގްލެންޑުން މިމެޗުގައި ކާމިޔާބުކުރި ފުރަތަމަ ލަނޑުޖަހައިދިނީ ލިންގާޑް އެވެ. މިއީ އެޓީމުގެ ޑެލޭ އަލީ ދިން ބޯޅައަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ.
އޭގެފަހުން، މެޗުގެ 27 ވަނަ މިނެޓުގައި ޖަރުމަންގެ ބޮރޫޝިއާ ޑޯޓްމަންޑްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ޒުވާން ކުޅުންތެރިޔާ ޖޭޑަން ސަންޗޯ ތަނަވަސްކުރި ފުރުޞަތަކުން ލިވަޕޫލަށް ކުޅޭ އެލެކްސެންޑާ އާނޯލްޑް ވަނީ އިންގްލެންޑަށް ދެލަނޑުގެ ލީޑެއް ނަގައިދީފައެވެ.
މިމެޗުގެ ފުރަތަމަ ހާފުގެ ފަހު ކޮޅު، އެމެރިކާގެ ޖޫލިއަން ގްރީން އަށް ލަނޑުޖެހުމަށް ލިބުނު ފުރުޞަތުގައި ފޮނުވާލި ބޯޅަ އިންގްލެންޑްގެ ކީޕަރު ޕިކްފޯޑް މަތަކުރިއިރު އެޓީމުގެ ވިލްސަން ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ އެމެރިކާގެ ކީޕަރު ގުޒާން އެވެ. މިހާފު ނިމުނީ އިންގްލެންޑުން 2-0 އިން ކުރީގައިއޮވެގެންނެވެ.
ދެވަނަ ހާފުގައި އިންގްލެންޑްގެ ކޯޗު ގަރެތު ސައުތުގޭޓް ވަނީ އެޓީމުގެ ކުރީގެ ކެޕްޓަން ރޫނީ ކުޅެން ނެރެފައެވެ. އެއާއެކު އިންގްލެންޑުން ކުރިއަށްވުރެ ގިނަ ހަމަލާތައް އުފައްދައި ލަނޑުޖަހާނެ ގިނަ ފުރުޞަތުތަކެއް ތަނަވަސްކުރިއެވެ.
އެގޮތުން، މެޗުގެ 71 ވަނަ މިނެޓުގައި ޕެނަލްޓީއޭރިޔާބޭރުން އިންގްލެންޑްގެ ރޫނީ ފޮނުވާލި ބޯޅައެއް އެމެރިކާގެ ކީޕަރު ގުޒާން މަތަކޮށްފައިވާއިރު އޭގެފަހުން ރުބެން ލޮފްޓަސް-ޗީކް އާއި ކެލުމް ވިލްސަން އަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފޭގޮތެއްނުވިއެވެ.
ނަމަވެސް، އޭގެ ކުޑައިރުކޮޅެއް ފަހުން، މެޗު ނިމެން 13 މިނެޓަށްވެފައިވަނިކޮށް މެންޗެސްޓާ ސިޓީގެ ފަބިއަން ޑެލްފް ނަގައިދިން ހުރަހަކުން ލިބުނު ބޯޅައެއް ގޯލްގެ ވާތްފަރާތު ތިރީ ކަނަށް އަމާޒުކޮށްލައިގެން ކެލުމް ވިލްސަން ވަނީ ނަތީޖާ 3-0 އަށް ބަދަލުކޮށްލާފައެވެ. މިއީ ބޯންމައުތަށް ކުޅޭ ވިލްސަން، އިންގްލެންޑްގެ ސީނިއާ ޓީމަށް ކުޅުނު ފުރަތަމަ މެޗުގައި ކާމިޔާބުކުރި ފުރަތަމަ ގޯލެވެ.
އޭގެފަހުން، މެޗުގެ އިތުރުވަގުތުގައި އިންގްލެންޑްގެ ލީޑް ފުޅާކުރުމަށް ރޫނީ އަށް ލިބުނު ފުރުޞަތުގައި އޭނާ ފޮނުވާލި ބޯޅަ އެމެރިކާގެ ކީޕަރު ގުޒާން މަތަކުރިއިރު އޭގެފަހުން، ސަންޗޯ ފޮނުވާލި ބޯޅަ ގޯލަށް އަމާޒުވާގޮތެއްނުވިއެވެ.
މިމެޗުގައި އެމެރިކާ ކޮޅަށް ރޫނީ އަށް ގޯލެއް ކާމިޔާބުނުކުރެވުނު ނަމަވެސް އޭނާ އަކީ އަދިވެސް އިންގްލެންޑަށް އެންމެ ގިނަ ގޯލްޖަހައިދީފައިވާ ކުޅުންތެރިޔާއެވެ. އޭނާ ވަނީ އިންގްލެންޑަށް 53 ގޯލްޖަހައިދީފައެވެ. އިންގްލެންޑަށް އެންމެ ގިނަ މެޗު ކުޅެދިނުމުގެ ރެކޯޑް އޮންނަނީ ކުރީގެ ގޯލްކީޕަރެއްކަމަށްވާ ޕީޓާ ޝިލްޓަން އަތުގައެވެ. އޭނާ 125 މެޗު ކުޅެދީފައިވާއިރު އެންމެ ގާތުން ވާދަކުރި ރޫނީ 120 މެޗު ހަމަކޮށްފައިވެއެވެ. މި ލިސްޓުގެ ތިންވަނައިގައި އޮތީ އިންގްލެންޑް އަދި މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކެޕްޓަން ޑޭވިޑް ބެކަމް އެވެ. އޭނާ 115 މެޗު ހަމަކޮށްފައިވާއިރު ދެން މިލިސްޓްގައި ހިމެނެނީ 114 މެޗު ކުޅެދީފައިވާ ސްޓީވެން ޖެރާޑް އެވެ.
ރޭ ކުޅުނު އެކުވެރިކަމުގެ އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ރަޝިޔާ އަތުން 3-0 އިން ޖަރުމަން މޮޅުވިއިރު ޗެކް ރިޕަބްލިކް ވަނީ ރަށުން ބޭރުގައި 1-0 އިން ޕޮލެންޑް ބަލިކޮށްފައެވެ. ރިޕަބްލިކް އޮފް އަޔަލެންޑް އާ ނޮދަން އަޔަލެންޑް ބައްދަލުކުރި މެޗު ދެޓީމަށް ލަނޑެއްނުޖެހި އެއްވަރުވިއިރު އިޒްރޭލް ވަނީ 7-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ގުއަޓެމާލާ އަތުން މޮޅުވެފައެވެ.
ލިޕްޒީގުގެ ރެޑްބުލް އެރީނާގައި ރަޝިޔާ އާ ދެކޮޅަށް ޖަރުމަން ކުޅުނު މެޗުގައި އެޓީމުން ކާމިޔާބުކުރި ތިން ގޯލް ވެސް ފެނިގެންގޮސްފައިވަނީ ފުރަތަމަ ހާފުގައެވެ. އެގޮތުން، މެޗުގެ 8 ވަނަ މިނެޓުގައި ލެރޯއީ ސާނޭ އެޓީމުގެ ފުރަތަމަ ގޯލްޖަހައިދިންއިރު 25 ވަނަ މިނެޓުގައި ބަޔާން މިއުނިކްގެ ޑިފެންޑަރު ނިކްލަސް ސޫލޭ ވަނީ ޖަރުމަނަށް ދެލަނޑުގެ ލީޑެއްނަގައިދީފައެވެ. އެޓީމުގެ ފަހު ލަނޑު، ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށްވެފައިވަނިކޮށް ޖަހައިދިނީ ސާޖް ނެބްރީ އެވެ.