އަންނަ ސީޒަނުން ފެށިގެން ޕްރިމިއާ ލީގުގައި ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) ބޭނުން ކުރަން އިނގިރޭސި ހުރިހާ ކްލަބަކުން އެއްބަސްވެއްޖެއެވެ.
ވީއޭއާރް އަކީ ވީޑިއޯ ރީޕްލޭ މެދުވެރިކޮށް ރެފްރީ އާއި އެސިސްޓަންޓް ރެފްރީންގެ ނިންމުންތައް ބެލޭ ސިސްޓަމެކެވެ. އެގޮތުން މެޗުގައި ހިނގި ކަމަކާއި މެދު ސުވާލެއް އުފެދިއްޖެނަމަ ނުވަތަ ސުވާލެއް އުފައްދައިފިނަމަ ވީޑިއޯ ބަލައިގެން އެ ނިންމުން ނިންމަން ނުވަތަ އަލުން ނިންމަން ފުރުޞަތު ލިބޭނެ އެވެ.
އިއްޔެ އޮތް ޕްރިމިއާ ލީގުގެ ކްލަބްތަކުގެ ބައްދަލުވުމުގައި ހުރިހާ ކްލަބްތަކުން އެގޮތަށް ނިންމާފައިވާއިރު މި ބައްދަލުވުމުގެ މިސީޒަނުގައި މިހާތަނަށް ކުޅުނު ބައެއް މެޗުތަކުގައި ޓްރަޔަލްއެއްގެ ގޮތުން ލީގު އެންޑް ޕްރޮފެޝަނަލް ގޭމް މެޗް އޮފިޝަލްސް (ޕީގީއެމްއޯއެލް) ގެ ފަރާތުން ވީއޭއާރްގެ އެހީ ހޯދާފައިވާތީވެ އެއާއި ގުޅުންހުރި އެންމެހާ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
މީގެއިތުރުން، އިނގިރޭސި އެފްއޭކަޕް އާއި ކަރަބާއޯ ކަޕްގެ އިތުރުން ޔޫރަޕްގެ އެހެނިހެން ބޮޑެތި ލީގުތަކުގައި ވީއޭއާރް ބޭނުންކުރަމުންދާއިރު އެއާއި ގުޅުންހުރި އެކިއެކި މައުލޫމާތުތައްވެސް މިބައްދަލުވުމުގައި ހުރިހާ ކްލަބްތަކާއެކު ހިއްސާކޮށްފައިވެއެވެ.
ޔޫރަޕްގެ ގިނަ ލީގުތަކުގައި ވީއޭއާރް މިހާރު ބޭނުންކުރަމުން އަންނައިރު، މިދިޔަ އޭޕްރީލް މަހު ޕްރިމިއާ ލީގުގެ ކްލަބުތަކުން މިސީޒަނުގައި ވީއޭއާރް ބޭނުންކުރުމާއި ދެކޮޅަށް ވޯޓް ދީފައިވެއެވެ.
އޭރު، ގިނަ ކްލަބްތަކުން އެ ގޮތަށް ބޭނުންވީ އޮފިޝަލުން އަދި ރެފްރީން ވީއޭއާރް ބޭނުންކުރުމަށް އެންމެ ބޮޑަށް އަހުލުވެރިވެފައިނުވާތީ ކަމަށް ބުނެއެވެ. އަދި ބައެއް ކަހަލަ ކަންތައްތަކެއް ފުރިހަމަނުވެ އެ ތައާރަފް ކޮށްފިނަމަ އޭގެ ގޯސް އަސަރު މެޗުތަކަށް ކޮށްފާނެ ކަމަށް ކްލަބްތަކުން އެއްބަސްވެއެވެ.
ނަމަވެސް، މި ސީޒަނުގެ ޕްރިމިއާ ލީގުގެ އިތުރުން ޗެމްޕިއަންސް ލީގުގެ ބައެއް މެޗުތަކުގައި ރެފްރީންގެ ފަރާތުން ހެދިފައިވާ ގޯސްތަކުގެ ސަބަބުން ހުރިހާ ކްލަބްތަކުން އިއްތިފާގުވީ އަންނަ ސީޒަނުން ފެށިގެން ވީއޭއާރް ބޭނުންކުރަން ފެށުމަށެވެ.
މީގެއިތުރުން، އަންނަ ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުގައި ވީއޭއާރް ބޭނުން ކުރަން ހަމަޖެހިފައިވާ ކަމަށް ޔުއެފާގެ ރައީސް އެލެގްޒެންޑާ ސެފެރިން ވަނީ މީގެކުރިން ވިދާޅުވެފައެވެ.
ޕްރިމިއާ ލީގުގެ ހުރިހާ ކްލަބްތަކުން ވީއޭއާރް ބޭނުންކުރަން ނިންމި ނަމަވެސް އެންމެ ފަހު ގޮތް ނިންމާނީ ފީފާ އާއި ފުޓްބޯލް އެސޯސިއޭޝަން ބޯޑް މެދުގައި މަޝްވަރާކުރުމަށް ފަހު އެވެ.