މަޖިލީހުގެ ކުރީގެ ނައިބް ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރުކަން ކުރެއްވި އަހުމަދު ނާޒިމް މިއަދު ރާއްޖެ ވަޑައިގަންނަވައިފިއެވެ.
ނާޒިމް ރާއްޖެ ވަޑައިގެންނެވީ އޭނާއަށް އިއްވާފައިވާ 25 އަހަރުގެ ޖަލުހުކުމް ތަންފީޒުކުރުން ފަސްކުރުމަށް ސްޕްރީމް ކޯޓުން މިމަހުގެ ހަތަރުވަނަ ދުވަހު އަމުރެއް ނެރެފައި ވަނިކޮށެވެ.
މަޖިލީހުގެ ނައިބް ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު ނާޒިމް ޖަލަށްލާފައި ވަނީ ކުރީގެ އެޓޯލްސް މިނިސްޓްރީގެ އޮޑިޓު ރިޕޯޓާއި ގުޅިގެން އުފުލާފައިވާ ހިޔާނާތުގެ ދައުވާއެއްގައެވެ. އެ މައްސަލާގައި ނާޒިމަށް 25 އަހަރުގެ ޖަލު ހުކުމް އިއްވާފައިވެއެވެ.
ނާޒިމް ރާއްޖެއިން ބޭރަށް ބޭސްފަރުވާއެއް ހޯއްދެވުމަށް ވަޑައިގެންނެވުމަށްފަހު، ފަހުން އިނގިރޭސިވިލާތުން ހިމާޔަތް ހޯއްދަވައި އެގައުމުގައި ވަނީ މަޑު ކުރައްވާފައެވެ. މިގޮތުން ސަރުކާރުގެ އެކި ކަހަލަ ފިއްތުންތަކުގެ ސަބަބުން ރާއްޖެއިން ބޭރަށް ވަޑައިގެން ހިމާޔަތް ހޯއްދަވައިގެން ތިއްބެވި ގިނަ ފަރާތްތަކެއް މިހާރު ވަނީ ރާއްޖެ ވަޑައިގަންނަވާފައެވެ.
ރިޔާސީ އިންތިހާބުގައި ނާޒިމް ވަނީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވާފައެވެ. އިންތިޚާޞީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އަދި ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ހުވާކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.