Last Updated: November 26, 16:25
Tuesday, November 26, 2024
ކުޅިވަރު

ދުނިޔޭގެ ޗެމްޕިއަން ފްރާންސް ބަލިކޮށް ނެދަލޭންޑްސް އުއްމީދު އާކޮށްފި

ފްރާންސް ކޮޅަށް ލަނޑުޖެހުމަށްފަހު ނެދަލޭންޑްސްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: ގެޓީ އިމޭޖަސް

ޔުއެފާ ނޭޝަންސް ލީގުގައި ރޭ އެންމެ ފަހުގެ ވޯލްޑްކަޕްގެ ޗެމްޕިއަން ފްރާންސް 2-0 އިން ބަލިކޮށް ނެދަލޭންޑްސް އިން މި މުބާރާތުގެ ފައިނަލް ބުރުން ޖާގައެއް ހޯދުމުގެ އުއްމީދު އާކޮށްފިއެވެ.

މި މެޗުން ބަލިވުމާއެކު ދުނިޔޭގެ ޗެމްޕިއަން ފްރާންސުން ބަލިނުވެ ހަމަކުރި 15 މެޗުގެ ސިލްސިލާއަށް ނެދަލޭންޑްސް އިން މިވަނީ ނިމުމަކަށް ގެނެސްފައެވެ. މިއީ އަމިއްލަ ދަނޑުގައި ނެދަލޭންޑްސް އެންމެ ފަހުން ކުޅުނު ދެމެޗުގެ ތެރެއިން ބައިކޮޅަށް ގޯލަށް ވަނަނުދީ މޮޅުވި ދެވަނަ މެޗެވެ. އެޓީމު އެންމެ ފަހުން ކުޅުނު މެޗުގައި މިދިޔަ އޮކްޓޫބަރު މަހު ޖަރުމަން އަތުން 3-0 އިން މޮޅުވެފައިވެއެވެ. މީގެއިތުރުން، އަމިއްލަ ދަނޑުގައި ނެދަލޭންޑްސް އެންމެ ފަހުން ކުޅުނު 15 މެޗުން ވެސް އެޓީމު މޮޅުވެފައިވާކަން ފާހަގަކޮށްލާންޖެހެއެވެ.

ރޭގެ މެޗުގެ ނަތީޖާއަށްފަހު، އަދިވެސް އެއްވަނައިގައި އޮތީ ފްރާންސް އެވެ. އެޓީމަށް ހަތަރު މެޗުން ހަތް ޕޮއިންޓް ލިބިފައިވާއިރު ތިން މެޗުން ހަ ޕޮއިންޓް ހަމަކޮށްގެން ދެވަނައިގައި އޮތީ ނެދަލޭންޑްސް އެވެ. އެހެންނަމަވެސް، ނެދަލޭންޑްސް އަށް ކުރިއަށް އޮތް ޖަރުމަން މެޗުން އެއްވަރުކޮށްލައިގެންވެސް އަންނަ އަހަރު އޮންނަ މި މުބާރާތުގެ ފައިނަލް ބުރުން ޖާގަ ލިބޭނެއެވެ. އެންމެ ފުލުގައި އުޅޭ ޖަރުމަނަށް ތިން މެޗުން އެއް ޕޮއިންޓް ލިބިފައިވާއިރު އެޓީމު ވަނީ ލީގު ބީ އަށް ރެލިގޭޓްވެފައެވެ.

ނެދަލޭންޑްސްގެ ރޮޓަޑަމްގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ އެޓީމުން މިމެޗުގެ ފުރަތަމަ ގޯލް ކާމިޔާބުކުރީ ފުރަތަމަ ހާފު ނިމެން މިނެޓަކަށްވެފައިވަނިކޮށް، ލިވަޕޫލަށް ކުޅޭ މިޑްފީލްޑަރު ޖޯޖީނިއޯ ވައިނާލްޑަމް އެވެ. މިއީ ފްރާންސްގެ ކުޅުންތެރިންނަށް ހެދުނު ގޯހެއްގެ ފައިދާނަގައި ވައިނާލްޑަމް ކާމިޔާބުކުރި ގޯލެކެވެ. މިހާފު ނިމުނީ 1-0 އިން ނެދަލޭންޑްސް ކުރީގައިއޮވެގެންނެވެ.

ދެވަނަ ހާފު ފެށިގެން ފްރާންސުން ކުޅުނު ރަނގަޅު ކުރިނަމަވެސް، މިހާފުގައި ވެސް ލަނޑުޖެހުމަށް ގިނަ ފުރުޞަތުތައް ތަނަވަސްކޮށްފައިވަނީ ނެދަލޭންޑްސް އިންނެވެ. އެގޮތުން، އެޓީމުގެ ޑެންޒެލް ޑަމްފްރީސް އާއި ރަޔާން ބަބެލް އަދި މެމްފިސް ޑިޕާއީގެ އިތުރުން ފްރެންކީ ޑި ޔޮންގް ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށްވީ މުޅި މެޗުގައި މޮޅުކުޅުމެއް ދެއްކި ފްރާންސްގެ ކެޕްޓަން އަދި ގޯލްކީޕަރު ހޫގޯ ލޮރިސް އެވެ. މިހާފުގައި ފްރާންސްގެ އެންޓޮއިން ގްރީޒްމަން އަށް ނަތީޖާ ހަމަހަމަކުރުމަށް ލިބުނު ފުރުޞަތުގައި އޭނާ ފޮނުވާލި ބޯޅަ ނެދަލޭންޑްސްގެ ގޯލްކީޕަރު ޔެސްޕާ ސިލެސަން މަތަކުރިއިރު އޭގެފަހުން އޮސްމާނޭ ޑެމްބެލޭ ފޮނުވާލި ބޯޅަ ގޯލަށް އަމާޒުވާގޮތެއްނުވިއެވެ.

ނެދަލޭންޑްސްގެ ފަހު ލަނޑު، މެޗުގެ އިތުރުވަގުތުގައި ޖަހައިދިނީ ލިބުނު ޕެނަލްޓީއަކުން ޑިޕާއީ އެވެ. މިއީ ނެދަލޭންޑްސް ފްރެންކީ ޑި ޔޮންގަށް ފްރާންސްގެ މޫސާ ސިސޯކޯ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. މިއީ އަމިއްލަ ދަނޑުގައި ނެދަލޭންޑްސް އެންމެ ފަހުން ކުޅުނު ތިން މެޗުގައި ޑިޕާއީ ކާމިޔާބުކުރި ހަތަރުވަނަ ގޯލެވެ.

މި މުބާރާތުގައި ރޭ ކުޅުނު މެޗުގައި ރަށުން ބޭރުގައި ވޭލްސް އަތުން 2-1 އިން މޮޅުވެ ޑެންމާކް ލީގު އޭ އަށް ޕްރޮމޯޓްވިއިރު ލީގު ސީ ގައި ހިމެނޭ ނޯވޭ އާ 1-1 އިން އެއްވަރުވުމުން ސްލޮވީނިއާ ވަނީ ލީގު ޑީ އަށް ރެލިގޭޓްވެފައެވެ.

ނޭޝަންސް ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ލީގު އޭ އަށް މިހާރުވެސް ޕްރޮމޯޓްވެފައިވާ ޔޫކްރެއިން އަތުން 4-1 އިން ސްލޮވޭކިއާ މޮޅުވިއިރު ބަލްގޭރިއާ އާ ދެކޮޅަށް ކުޅުނު މެޗުން 1-1 އިން އެއްވަރުވެ ސައިޕްރަސް އިން ލީގު ބީ އަށް ޕްރޮމޯޓްވުމަށް ކުރަމުން އައި އުއްމީދުތައް ވަނީ ނިމުމަކަށް އައިސްފައެވެ. ލީޗްޓެންސްޓެއިން އަތުން ރަށުން ބޭރުގައި 2-0 އިން މެސެޑޯނިއާ މޮޅުވިއިރު ޖިބްރާލްޓާ އަތުން އާމީނިއާ މޮޅުވީ 6-2 އިންނެވެ.