Last Updated: November 26, 16:25
Tuesday, November 26, 2024
ކުޅިވަރު

ނޭމާގެ ލަނޑުން އުރުގުއޭ އަތުން ބްރެޒިލް މޮޅުވެއްޖެ

އުރުގުއޭ ކޮޅަށް ލަނޑުޖެހުމަށް ބްރެޒިލްގެ ނޭމާ (މ) އުފާ ފާޅުކުރަނީ. --ފޮޓޯ: ގެޓީ އިމޭޖަސް

އަންނަ އަހަރު އަމިއްލަ ގައުމުގައި ބާއްވާ ކޮޕާ އެމެރިކާ އަށް ތައްޔާރުވުމުގެ ގޮތުން ރޭ ކުޅުނު އެކުވެރިކަމުގެ މެޗުގައި ނޭމާ ކާމިޔާބުކުރި ލަނޑުން ވާދަވެރި އުރުގުއޭ އަތުން 1-0 އިން ބްރެޒިލް މޮޅުވެއްޖެއެވެ.

ލަންޑަންގެ އެމިރޭޓްސް ސްޓޭޑިއަމުގައި ރޭ ކުޅުނު މި މެޗު ފެށިގެން ހަ ވަނަ މިނެޓުގައި ބްރެޒިލަށް ލީޑްނަގައިދިނުމަށް ނޭމާ އަށް ލިބުނު ފުރުޞަތުގެ ބޭނުންހިފޭގޮތެއްނުވިއެވެ. ޕެނަލްޓީއޭރިޔާބޭރުން ނޭމާ ފޮނުވާލި ބޯޅަ އުރުގުއޭގެ ގޯލްކީޕަރު މާޓިން ކެމްޕާނާ ވަނި މަތަކޮށްފައެވެ.

މެޗުގެ 18 ވަނަ މިނެޓުގައި ލިވަޕޫލަށް ކުޅޭ ފޯވާޑް ރޮބާޓޯ ފިރްމީނޯ އަށް ލިބުނު ފުރުޞަތުގައި އޭނާ ފޮނުވާލި ބޯޅަ އުރުގުއޭގެ ކީޕަރު ކެމްޕާނާ މަތަކުރިއިރު މިހާފުގައި އުރުގުއޭގެ ލުއިސް ސުއަރޭޒް އާއި ގަސްޓޮން ޕެރެއިރާގެ އިތުރުން އެޑިންސަން ކަވާނީ އަށް ލަނޑުޖެހުމަށް ލިބުނު ފުރުޞަތުތަކުގައި ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށްވީ ބްރެޒިލްގެ ގޯލްކީޕަރު އެލިސަން ބެކާ އެވެ. މިމެޗުގެ ފުރަތަމަ ހާފު ނިމުނީ ދެޓީމަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ.

ދެވަނަ ހާފު ފެށިގެން ފަސްވަރަކަށް މިނެޓުގެތެރޭގައި ސުއަރޭޒަށް ވަނީ ރަނގަޅު ފުރުޞަތެއްލިބި ބޭކާރުވެފައެވެ. ޕެނަލްޓީއޭރިޔާބޭރުން ހިލޭޖެހުމަކުން ސުއަރޭޒް ފޮނުވާލި ބޯޅަ ބްރެޒިލްގެ ކީޕަރު އެލިސަން ވަނީ މަތަކޮށްފައެވެ.

އޭގެފަހުން، މެޗުގެ 64 ވަނަ މިނެޓުގައި ނޭމާ އަށް ލިބުނު ބޯޅަ އޭނާ ފޮނުވާލުމުން އުރުގުއޭގެ ކީޕަރު ކެމްޕާނާ ވަނީ މަތަކޮށްފައެވެ.

މިމެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލް، މެޗުގެ ފުރިހަމަވަގުތު ހަމަވާން 14 މިނެޓަށްވެފައިވަނިކޮށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ނޭމާ އެވެ. ބްރެޒިލްގެ ޑަނީލޯ އަށް އުރުގުއޭގެ ޑިއެގޯ ލަޝާލްޓް ފައުލްކުރުމުން ރެފްރީ ދިން ޕެނަލްޓީ ގޯލްގެ ތެރެއަށް ވައްދާލައި ނޭމާ ވަނީ ގައުމީ ޓީމަށް 60 ވަނަ ލަނޑު ޖަހައިދީފައެވެ.

ނޭމާ އަކީ ބްރެޒިލްގެ ގައުމީ ޓީމަށް 60 ލަނޑު ހަމަކުރި ތިންވަނަ ކުޅުންތެރިޔާއެވެ. އޭނާގެ އިތުރުން ބްރެޒިލަށް 60 އަށް ވުރެ ގިނަ ގޯލް ކާމިޔާބުކޮށްދީފައިވަނީ ޕެލޭ އާއި ރޮނާލްޑޯ އެވެ. ބްރެޒިލްގެ ގައުމީ ޓީމަށް މިހާތަނަށް އެންމެ ގިނަ ލަނޑުޖަހައިދީފައިވަނީ 77 ގޯލާއެކު ޕެލޭ އެވެ. އޭނާގެ ފަހަތުން މި ލިސްޓުގެ ދެވަނައިގައި އޮތީ 62 ލަނޑު ހަމަކޮށްގެން ރޮނާލްޑޯ އެވެ.

މިއީ ނިމިދިޔަ ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލުން ބެލްޖިއަމް އަތުން ބަލިވެ ކެޓި ފަހުން ބްރެޒިލް އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ވިދިވިދިގެން މޮޅުވި ފަސްވަނަ މެޗެވެ.

ބްރެޒިލަށް ކުރިއަށް ދެން އޮތީ ކެމަރޫން އާ ދެކޮޅަށް އަންނަ އަންގާރަ ދުވަހު ކުޅޭ މެޗެވެ. އުރުގުއޭ ދެން ކުޅޭ މެޗުގައި ބައްދަލުކުރާނީ ދުނިޔޭގެ ޗެމްޕިއަން ފްރާންސް އާ އެވެ.