ެ(މެއި 18، 2013 ވަނަ ދުވަހުގެ ބަޔާ ގުޅޭ)
ފިނފެންމާ ކުލައިގެ ކޯތާފަތެކެވެ. ރަތް ކުލައިގެ ދެ ތުންފަތެވެ. އެވަގުތު މުރާދު ބަލާ ވަރުން ލަދުން މީރާ ކަރު ކެހިލި އެވެ.
"އަޅުގަނޑުގެ ފަރާތުން އުނދަގޫވަނީތަ؟" ތަނުގައިވާ ހިމޭންކަން މީރާ ފޫދުއްވާލި އެވެ.
"ނޫނޭ އެއީ އަހަރެންގެ މައްޗަށްވާ ދަރަންޏެއް ދޯ. މިއަދު އެކަންތަށް މެދުވެރި ނުވި ނަމަ މީރާ މި ގެއަށް އަންނާނެ ކަމެއް ވެސް ނޭގެއެއްނު." ހިނިތުންވެލަމުން މުރާދު ބުނެލި އެވެ. ކައި ނިމެންދެން ދެ މީހުން ވެސް ހިނގައި ދިޔަ ހާދިސާ އާ ބެހޭ ގޮތުން ވާހަކައެއް ނުދައްކަ އެވެ.
ވަރަށް އެކުވެރި މާހައުލެއްގައި ކައި ނިމިގެން ދެ މީހުން ވެސް ތެދުވި އެވެ. އަދި ބަގީޗާ އާ ދިމާއަށް ދިޔަ އެވެ. އަދި ބަގީޗާގައިވާ ހިލަ ގޮނޑީގައި އިށީނދެލި އެވެ. އެ ވަގުތު ބަގީޗާ އޮތީ ވެހުނު ވާރެއިން ތެމިފަ އެވެ. ތެތް ފަތްތަކުން މުޅިތަނުގައި ކޮންމެވެސް ވަހެއް ހިފާލާފައި ހުއްޓެވެ. މުރާދު މީރާ އާ ވާހަކަ ދައްކަން ފެށި އެވެ.
"މީރާ…މީރާގެ ހަޔާތާ ބެހޭގޮތުން އަހަރެންނަށް ކިޔާ ދީބަލަ. އަހަރެންނަށް ހީވޭ ފިލްމެއް ހަދާވަރަށް މައުލޫމާތު ލިބިދާނެހެން." މުރާދު ގޮނޑީގައި ހަމަޖެހިލަމުން އިށީނދެ ބުނެލިއެވެ. މީރާ ވަރަށް މާނަވީ ގޮތަކަށް މުރާދާ ދިމާއަށް ބަލާލި އެވެ.
"އަސްލު ބުނާ ނަމަ އަހަރެންނަކީ ވަރަށް ނަސީބު ދެރަ އަންހެން ކުއްޖަކީމު. އަހަރެންގެ ބައްޕަ އަހަރެން ކިޔަވަން އިންޑިޔާ އަށް ފޮނުވީ ދެންމެ ތިޔަ ދިޔަ ގެއަށް. އެ ގޭގައި އުޅެނީ އަހަރެންގެ ދޮން މަންމަ. ދޮންމަންމަގެ ދެ ކުދިން ތިބޭ. ފިރިހެން ކުއްޖަކާ އަންހެން ކުއްޖެއް. ފިރިހެން ކުއްޖާ އަަބަދު ހުންނަނީ ރާބޮއިގެން. ގޭގައި މީހުން ނޫޅޭ ވަގުތު އޭނާ އަހަރެންނަށް އުނދަގޫ ކުރޭ. އަހަރެންގެ އިއްޒަތް ލޫޓުވާލަން މަސައްކަތް ކުރޭ. ރޭގަ ވެސް ދިމާވީ އެކަހަލަ ގޮތެއް. މަންމަ އާއި ދައްތަ ދިޔައީ ޕާޓީއަކަށް. އަހަރެން ގޭގައި ބަހައްޓާފައި. އެވަގުތު ނިމާލް ގެއަށް އައީ މަސްތު ހާލަތުގަ. އަދި އަހަރެންނަށް އުނދަގޫ ކުރަން ފެށި. އަހަރެން ބިރުން ދުވެފަ ގެއިން ނިކުތިން. އަދި އަހަރެން ފުލުހުންނަށް ގުޅީ. އޭގެ ސަބަބުން އަހަރެން ދެކެ މަންމަ ރުޅި އައީ. އަނެއްކާ ހެނދުނު މަންމަ އެއްޗިހިކީމާ އަހަރެން ގެއިން ނިކުތީ. އަހަރެން ދިޔައީ އަހަރެންގެ ރަހްމަތްތެރި ޢާމިރާމެން ގެއިން ހުރުމުގެ ޖާގަ ލިބޭތޯ…އެކަަމަކު އެގެ ވެސް އޮތީ ފުލްކޮށް." މީރާ ރޯން ފެށި އެވެ. މޫނުގައި ދެ އަތްއަޅާފަ އެވެ.
މުރާދު މީރާ އާ ދިމާއަށް އެނބުރިލި އެވެ.
"ހުއްޓާލާ…މީރާ…މީރާގެ މައްސަލައެއް ނެތިއްޔާ މި ގޭގައި މީރާ ކިޔަވާ ނިމެންދެން ހުރެވިދާނެ." މުރާދު މީރާ އާ ދިމާއަށް ބަލާލަމުން ބުނެލި އެވެ.
"އެކަމަކު މިގޭގައި…"
"އެކަނި އުޅެން ބިރުގަތީ ދޯ. އަހަރެންނަކީ ޤަދަރުވެރި މަންމައަކާ ބައްޕައެއްގެ ފިރިހެން ދަރިޔަކީން. ބިރު ގަންނަން ޖެހޭ އެއްވެސް ސަބަބެއް ނޯންނާނެެ." މުރާދުގެ މި ވާހަކައިން މީރާ ލަދު ގަންނަ ގޮތްވި އެވެ. އޭނާ ހީކުރާނީ އަހަރެންނަކީ އިހުސާންތެރިކަން ވެސް ޤަބޫލު ނުކުރާ މީހެކޭ އެވެ. މީރާ ހިތާ ހިތާ ވިސްނާލި އެވެ.
"ޝުކުރީއްޔާ ވަރަށް ބޮޑަށް. ތި ހެޔޮކަމުގެ ބަދަލު އަހަރެން އަދާ ކުރާނީ ވެސް ކިހިނެއް؟" މީރާ ލަދުވެތިކަމާ އެކު ބުނެލި އެވެ.
"ހޫނ…" މުރާދު ދިގުކޮށް ނޭވާއެއް ދަމާލި އެވެ. "ކޮންމެ ހެޔޮކަމެއްގެ ބަދަލު ދޭން ޖެހޭނެެ. އަހަރެންނަކީ ކާ ގަޑިއަށް މާ ފަރުވާތެރި ވާ މީހެއް ނޫން. މާލޭގަ ވެސް މަންމަ އާ ކޮއްކޮ ހަނދާންކޮށް ނުދެންޏާ އަހަރެން ކާން ހަދާނެއް ނުހުރޭ. އެހެންވެ މީރާ ކާ ކޮންމެ ގަޑިއެއްގައި އަހަރެންނަށް ހަނދާންކޮށް ދިނިއްޔާ ބަލާނީ އަގު އަދާ ކުރެވުނީ ކަމަށް."
މުރާދުގެ މިވާ ހަކައިން މީރާ ބާރަށް ހޭން ފެށިއެވެ. މީރާގެ ހީލުން ވެސް މުރާދަށް ވަރަށް ކަމުދާ ގޮތްވި އެވެ. މުރާދު ވެސް މީރާ އާ ބައިވެރިވެ ބާރަށް ހޭން ފެށި އެވެ.
މިސިޒް ޕީޓާ މުރާދު ހޭތަން ބަލަން ހައިރާންވެފައި ހުއްޓެވެ. ދުވަހަކު ވެސް އޭނާ އެހާ އުފާވެފައި ހުއްޓާ އެމީހުން ނުދެކެ އެވެ. ކޮންމެޔަކަސް އޭނާ ނިންމީ މި އަންހެން ކުއްޖާ މި ގެއަށް އައުން މިވީ ރނގަޅު ފާލަކަށެވެ.
ސާރާ ކުއްލިއަކަށް މާލެ އަ އެވެ. މިއަދު ސާރާ މާލެ އައުންވީ ކަރީމު އާއި ހުސްނާ އަށް ލިބުނު ވަރަށް ބޮޑު އުފަލަކަށެވެ. ނަސީބުގޭ ދޮރުމަތީ ކަރީމު އާއި ހުސްނާ ސާރާގެ އިސްތިގުބާލުގައި ތިއްބެވެ. ހުސްނާ ގޮސް ސާރާގެ ގައިގައި އޮޅުލައި ގަނެ ރޯން ފެށި އެވެ.
ހީވީ ދެމައިން ވަކިން އުޅޭތާ އެތަކެއް ގަރުނެއް ވީހެންނެވެ. ކަރީމު ސިނގިރެޓެއް ރޯކޮށްލައިގެން ތަންކޮޅެއް ދުރުގައި ހެވިފައި ހުއްޓެވެ. ހުސްނާއަކީ ސާރާ ގެ މަންމަ ނަމަވެސް މިހާރު ވެސް ބަލާ ބެލުމަށް ހީވާނީ އެއީ ދެބެއިން ހެންނެވެ.
"ދަރިފުޅާ…ދަރިފުޅު ނެތި ދިޔަ ދުވސްތަކުގަ މަންމަ ހޭދަ ކުރީ ވަރަށް އުނދަގުލުން. ދެން މީގެ ފަހުން އެއްވެސް ތަނަކަށް މަންމަ ދޫކޮށްފަ ގޮސްގެން ނުވާނެެ." ހުސްނާ ޝަކުވާ ކުރި އެވެ. ސާރާ ހިނިތުންވެލާފައި ބައްޕަ އާ ދިމާއަށް ބަލާލި އެވެ.
"ބައްޕާ…ބައްޕަ އަޅުގަނޑު މަތިން ހަނދާން ނުވޭތޯ. މަންމާ…އަދި އަޅުގަނޑު މި އައީ މާ އަވަހަށް. އަސްލު އަންނަން އޮތީ ދިހަ ވަރަކަށް ދުވަސް ފަހުން. އެކަމަކު އަޅުގަނޑު ހަފްތާއެއްތެރޭ މި އައީ. އަސްލު މަންމަމެން މަތިން ހަނދާން ވާވަރުން ނުހުރެވިގެން އައީ."
(ނުނިމޭ)